ގދ. ތިނަދޫގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވި ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ތުހުމަތުކުރާ ޑޮކްޓަރު ސަސްޕެންޑްކޮށްފިއެވެ.
އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން މީގެ ކުރިން ނިންމީ ކުއްޖާ މަރުވީ ކޮވިޑު ޖެހިގެން ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ހޮސްޕިޓަލުން ވަނީ ތިން މަހުގެ ތުއްތު ފިރިހެން ކުއްޖާ މަރުވީ ކޮވިޑު ބަލީގައި ނޫން ކަމަށް ބުނެފައެވެ.
އެ ކުއްޖާގެ މަރާ ގުޅިގެން އެރަށުގެ ބައެއް ފަރާތްތަކުން ވަނީ ހޮސްޕިޓަލަށް ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން ކުއްޖާގެ މަރުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ އިހުމާލު އޮތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ އެ ކުއްޖާ މަރުވި މައްސަލަ މިހާރު ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވޭ ޑޮކްޓަރު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ކުއްޖާގެ މަރާ ގުޅިގެން ތިނަދޫން ވާހަކަ ދެއްކި މީހަކު "ވަން" އަށް ބުނީ ކުއްޖަގެ މަރުގައި ހޮސްޕިޓަލުގެ އިހުމާލު އެބައޮތް ކަމަށެވެ. އަދި ކުއްޖާ މަރުވުމުގެ ކުރިން ރޭގެ ވަގުތެއްގައި ކުއްޖާ މާބޮޑަށް ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް އޮންލައިން ކޮށް ދެއްކި ނަމަވެސް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުރި ތުއްތު ކުއްޖަކަށް ދޭން ޖެހޭ ސަމާލުކަން ހޮސްޕިޓަލުން ދީފައި ނުވާ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހާ ބުނީ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ބުނާ ކަމަށެވެ.
ތިނަދޫ ހޮސްޕިޓަލުން މި ތުއްތު ކުއްޖާގެ ގަޔަށް އިންޖެކްޝަނެއް ޖެހި ކަންވެސް އަދި ޖެހީ ކޮން އިންޖެކްޝަނެއްކަންވެސް ޔަގީނެއް ނުވެއެވެ.