ރިޕޯޓް

އެކަނިވެރި މައެއް، ބަނަހުގެ ކްރީމަށް އެލާޖިކްވުމުން ޖެހި އިންޖެކްޝަނަށްފަހު މީހާ ހުއްޓި މަރާ ހަނގުރާމަ ކުރަނީ

ރިފާ ހަލީލު

1

މަރިޔަމް ޒައީމާ، (މަރީ) ވަރަށް ގިނައިން އެލާޖިކްވެ އެވެ. ކެވެނީ މަދު އެއްޗެކެވެ. އެ މަދު އެއްޗެހިންވެސް ބައެއް ފަހަރު އެލާޖިކް ވެ އެވެ. އަބަދު ބޭސް ކާން ޖެހެ އެވެ. މަންމަ އަކީ ބަލި މީހެއް ކަމުން އެ ދުވަހު މަންމަ ކައިރީގައި އިންނަން ޖެހުނީ މަރީ އަށެެވެ. ބަނޑުހައިވެގެން ގޮސް ކެއި އެއްޗަކުން މަރާ ހަނގުރާމަ ކުރަން ޖެހޭނެކަން ފަހަރުގައިވެސް އޭނާ އަކަށް އެއިރަކު ނޭނގެ އެވެ.

އިންޑިއާގައި މަރީ އެޑްމިޓު ކޮށް ފަރުވާދެމުން އަންނައިރު އޭނާ ގާތުގައި މިވަގުތު ހުރި އައިޝަތު ޒައީމާ "ވަން" އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދައްތަގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށެވެ. އެކަމަކު އަދިވެސް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ދެމުން އަންނަ ކަމަށާއި ނަމަވެސް ހަރަކާތެއް ނެތް ކަމަށެވެ.

އައިޝާ ބުނީ އޭނާގެ ދައްތަ ބަނޑުހައިވެގެން ގޮސް ކެއީ ކުރީމް ޖެހި ބަނަހެއް ކަމަށާއި އެ ކެއި ފަހުން އެލާޖިކް ވެ ގައި ކަހައި ނޭވާލާން އުނދަގޫ ވި ކަމަށެވެ. ކުރީމް ޖެހި ބަނަހުގައި ޕީނަޓު ބަޓާ ސޯސް ހުރި ކަމަށާއި އެކަން މަރީ އަށް ނޭނގޭ ކަމަށެވެ. މަރީ އަކީ ކުރިންވެސް ޕީނަޓު ބަޓަރަށް އެލާޖިކުވާ މީހެއް ކަމަށް ބުންޏެވެ. ޑޮކްޓަރުންނާ ހަވާލަދީ އައިޝާ ބުނީ މަރީ މި ފަހަރު އެލާޖިކް ވީ ކޭ ބަނަހުގައި ޕީނަޓު ބަޓަރު ހުރުމުގެ ސަބަބުން ކަމަށެވެ.

"އެ ކައި ނިމުނު ފަހުން ކުއްލިއަކަށް ގައި ކަހައި ނޭވާއަށް އުދަނގޫވީމަ ދައްތަ (މަރީ) މިދިޔައީ ހޮސްޕިޓަލުގެ އިމަޖެންސީ އަށް. އަމިއްލަޔަށް ހިނގާފަ އެތަނަށް ވަނީވެސް. އެކަމަކު އެތަނުން އެލާޖިކަށް އިންޖެކްޝަނެއް ޖެހިތާ ގިނަ އިރެއް ނުވޭ މީހާ ހުއްޓުނީ. ދެން ޑޮކްޓަރުން ބުނީ ހިތް ހުއްޓިފަވާ ކަމަށް. ހުއްޓުނުތާ 30 މިނިޓު ފަހުން އަލުން ވިންދު ޖަހަން ފެށީ. ދެން ވެންޓިލޭޓަރަށް ލައިގެން ވަގުތުން އައިސީޔޫއަށް ގެންދިޔައީ." އޭނާ ބުންޏެވެ.

އައިސީޔޫގައި މަރީ އަށް ފަރުވާ ދެމުން އަންނަތާ ފަސް ވަނައަށް ވީ ދުވަހު އޭނާގެ ހާލަތު ކުޑަކޮށް ރަނގަޅުވުމުން ސީޓީ ސްކޭނެއް ހެދި ކަމަށާއި އޭނާގެ ސިކުނޑި ދުޅަވަމުން އަންނަކަން އެ ސްކޭނުން އެނގުނު ކަމަށެވެ. އޭގެ ތިން ހަފުތާއަށްފަހު ވޯޑަށް ބަދަލުކުރި ނަމަވެސް ހާލަތަށް ހެޔޮ ބަދަލެއް ނައި ކަމަށާއި އެހެން ކަމުން އާސަންދައިގެ އެހީއާއެކު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔަ ކަމަށް ބުންޏެވެ.

އައިޝާ ބުނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދައްތަ ގެންދިޔައީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށާއި މިހާރު އެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން އަންނަތާ ހަތަރު މަހާ ގާތްވެއްޖެ ކަމަށެވެ.

"ލޯ ހުޅުވާ. އެކަމަކު އެއްވެސް ވަރަކަށް ވާހަކައެއް ނުދެއްކޭ، މާބޮޑު ހަރަކާތެއް ވެސް ނުކުރޭ. ގޮވާލިޔަސް ރެސްޕޮންޑު ކުރާކަށްވެސް ނޭނގެ. ދެން ކާ އެއްޗެއްވެސް މިދެނީ ނޭފަތަށް ހޮޅި ގުޅައިގެން. ކަރުތެރެ އިންފެކްޓް ވެ ހާލު ދެރަވެ އައިސީޔޫއަށްވެސް ލާން ޖެހުނު މިކޮޅުގަ. ޑޮކްޓަރުން ބުނަނީ ކާންދޭ ހޮޅި ބަނޑަށް ގުޅަންވެސް ޖެހިދާނެޔޭ. ޔޫރިން އާއި ބްލަޑްވެސް އިންފެކްޓްވެފަ ހުރީ. ދެން މިކޮޅަށް އައި ފަހުން ތިން އޮޕަރޭޝަނެއް ވެސް ކުރި. އެކަމަކު ފަރުވާ ދިނުމަށްވެސް ހުރަސްތަކެއް އެބަ ދިމާވޭ ގިނަ އެއްޗިއްސަށް އެލާޖިކް ވާތީ." އައިޝާ އަމްރިތާ ހޮސްޕިޓަލުގައި ހުރެ ކިޔައިދިނެވެ.

އައިޝާ ބުނީ އަމްރިތާއަށް ގެންދިޔަ ފަހުން ހެދި ސްކޭނުންނާއި ޓެސްޓުތަކުން ސިކުނޑީގައި ފެން އުފެދިފައި ހުރިކަން އެނގުމުން އެ އެއްޗިހި ބޭރު ކުރުމަށް ޓަކައި އޮޕަރޭޝަންތަކެއް ކުރަން ޖެހުނު ކަމަށެވެ. މި އޮޕަރޭޝަންތައް ކުރަން ޖެހުމުންވެސް އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ ގިނަ ބޭސްތަކާއި އިންޖެކްޝަންތަކަށް އެލާޖިކް ވުން ކަމަށް އޭނާ ބުންޏެވެ.

އަމްރިތާގައި މަރީ އަށް ފިޒިއޯ ތެރަޕީ އާއި އޮކްސިޖަން ތެރަޕީ މިހާރު އަންނަނީ ދެމުންނެވެ. އޮކްސިޖަން ތެރަޕީގައި 40 ސެޝަން ހިމެނެ އެވެ. އޭގެ ބާކީ 10 ސެޝަން އޮތްއިރު، ރޯގާ ނުވަތަ އިންފެކްޝަނެއް ޖެހުނަސް މަރީ ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނަގާތީ އާއި ގިނަ އެންޓިބަޔޮޓިކަށް ވެސް އެލާޖިކު ވާތީ މިކަހަލަ އިތުރު ފަރުވާތައް ދޭން އުނދަގޫ ވާ ކަމަށް އައިޝާ ބުންޏެވެ.

އައިޝާ ބުނީ މި ސެޝަންތަކާ ބޭސްތަކަށްފަހު މަޑުމަޑުން ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށާއި އެގޮތުން މިހާރު ގައިގައި އަތްލުމުން ސިއްސައިގެން ދިޔުން ފަދަ ކަންކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ކައިރީގައި ތިބޭ މީހުން ދައްކާ ވާހަކަ މަރީއަށް އަޑު އިވޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އެކަމަކު ލިބިފައިވާ ގެއްލުމުގެ ސަބަބުން އަދި ރެސްޕޮންޑް ކުރަން އުނދަގޫވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.

އޮކްސިޖަން އަދި ފިޒިއޯ ތެރަޕީ ސެޝަންތައް ނިމުމުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން ލަފާދިން

އައިޝާ ބުނީ އޮކްސިޖަން ތެރަޕީ އާއި ފިޒިއޯ ތެރަޕީ ނިމުމުން މަރީ ޕްރައިވެޓް އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި އާއިލާއިން އެކަމަށް ވަރަށް ބޮޑަށް އެހީތެރިކަން ބޭނުން ވާ ކަމަށެވެ.

އެހެން ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ސަބަބު ހާމަކުރަމުން އައިޝާ ބުނީ އެއީ އަމްރިތާ ފަދަ ބޮޑު ހޮސްޕިޓަލެއްގައި އޮތުމުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑުވާތީ އާއި، އެ ފުރުސަތު ކުޑަކުރުމަށް ޓަކައި ކަމަށެވެ. މިހާރު މަރީގެ ފަރުވާއަށް ހިނގާ ހަރަދުތަކަށް އާސަންދައިން ކަވަރު ކުރި ނަމަވެސް ތެރަޕީ ސެޝަންތަކަށްފަހު އާސަންދައިގެ އެހީވެސް މެދުކެނޑޭނެ ކަމަށް ބުންޏެވެ.

އާއިލާ އަށް މިހާރު ވަރަށް ބޮޑަށް ފައިސާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި މަރީ އަށް ހެޔޮ ދުއާ ކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެދޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މަރީ އަށް އެހީ ހޯދުމަށް އާއިލާއިން ކުރަމުން އަންނަ މަސައްކަތް---

މަރީ އެކަނިވެރި މަންމައެއް

އައިޝާ ބުނީ އޭނާގެ ދައްތަ މަރީއަކީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖެއްގެ މަންމަ ކަމަށެވެ. ބައްޕަގެ އެހީތެރިކަން ކުއްޖާ އަށްވެސް ނުލިބޭ ކަމަށެވެ. އެކަމަކު ކުއްޖާގެ ބައްޕަގެ އާއިލާގެ މީހުން ކުއްޖާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އެ މީހުން ކުއްޖާއަށް ވަރަށް ރަނގަޅަށް އެހީވާ ކަމަށެވެ.

ކުއްޖާ މިވަގުތު ހުރީ މާލޭގައި ހުރި މަރީގެ އެއްބަނޑު އެއްބަފާ ދޮންތަ ކައިރީގައި ކަމަށާއި އޭނާގެ މަންމަ ބަލިވެ އިންޑިއާގައި އުޅޭކަން ކުއްޖާއަށް ވެސް އެނގޭ ކަމަށެވެ.

"އަނެއްހެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވީޑިއޯ ކޯލް ކޮށްގެން އަޅުގަނޑުމެން ދައްކަން މަރީ. ދެން ވަރަށް ދެރަވެފަ ކުއްޖާ ހުންނަނީ. ބައެއްފަހަރު ރޯންވެސް ރޯނެ. ދެން މިސްވާނެތާ އެ އުމުރުގެ ކުއްޖެއް ވީމަ. ނަފުސާނީ ގޮތުން އަސަރުކޮށް ބިހޭވިއަރަލް ޗޭންޖެސް ފެނޭ. ދެން މަޑުމަޑުން ވިސްނަ ދެނީ." އޭނާ ބުންޏެވެ.

މަރީގެ ހާލަތު އެހާ ސީރިއަސްވީ އައިޖީއެމްއެޗް ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ދެކެއެވެ. އެހެން ނަމަވެސް މި ވަގުތު އާއިލާއިން ހޮސްޕިޓަލް ބަދުނާމު ކުރަން ބޭނުން ނުވާ ކަމަށާއި ހާއްސަކޮށް އެ ހޮސްޕިޓަލަކީ އެމީހުންގެ މަންމަ ބަލިވެގެން ދެ ދުވަހުން އެއްދުވަހު ގެންދާ ހޮސްޕިޓަލަށް ވުމުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް މަންމަގެ އެއްވެސް ފަރުވާއަކަށް އެ ހޮސްޕިތޓަލުން އިހުމާލުވެފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މި މައްސަލަ ކޯޓަށާއި ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.