ސުޕްރީމް ކޯޓް

ފެނަކައަށް 17.8 މިލިޔަ ރުފިޔާ ދައްކަން ޝަރޫގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

އިބްރާހިމް ޒަކީ

ޝަރޫ ލޯންޗް ސާވިސް އިން 1.1 މިލިއަން ޑޮލަރު (1،158،105) ގަތުމަށް ޓަކައި، ފެނަކަ ކޯޕަރޭޝަނުން، އެ ކުންފުންޏަށް ދެއްކި 17.8 މިލިއަން ރުފިޔާ (17،857،979.10) ތިންމަސް ދުވަހުގެ ތެރޭގައި އަނބުރާ ފެނަކައަށް ދެއްކުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މި މައްސަލައަކީ، ފެނަކައަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން އެ ކުންފުނިން ޝަރޫ އަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، ޝަރޫ އިން ފެނަކަ އަށް ދޭން ޖެހޭ ޑޮލަރު ދީފައި ނުވާތީ އަނބުރާ ފައިސާ ހޯދުމަށް ފެނަކައިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ މައްސަލައިގައި ފެނަކަ އަށް ފައިސާ އަނބުރާ ދައްކަން ޝަރޫގެ މައްޗަށް ސިވިލް ކޯޓުން 2017 ގައި ހުކުމް ކުރިއެވެ. ނަމަވެސް ޝަރޫގެ ޑިރެކްޓަރުން އެކަމަށް ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.

އެ ހުކުމުގައި ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކަނޑައެޅި ބައި ފެނަކަ އިން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި ހުސްވި މާޗް މަހު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކުންފުނިތަކަކީ ޑިރެކްޓަރުންނާ ވަކިން އޮންނަ ވަކި ގާނޫނީ ޝަހުސަކަށް ވިޔަސް، ކުންފުނިތައް ނިވައިފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވިދާނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ބުނާ ކަމަށެވެ. ޝަރޫ އަކީ ބޭރު ފައިސާ ގަނެ، ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކަށް ވާއިރު، ޑޮލަރު ވިއްކުމަށް ޓަކައި ފައިސާ ނެގުމަށް ފަހު، ޑޮލަރު ނުލިބި އަދި ދިވެހި ފައިސާ ވެސް އަނބުރާ ފެނަކަ އަށް ދީފައި ނުވާ ކަމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ފެނަކަ އަށް ޝަރޫ އިން ދައްކަން ޖެހޭ 17.8 މިލިއަން ރުފިޔާ ދެއްކުމުގެ ޒިންމާ ޝަރޫ ކުންފުނީގެ އިތުރުން އޭރު އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ތިބިި ސަބާހް އަހުމަދާއި މުހައްމަދު މުޝްތާގުގެ އިތުރުން ޝަރުމީލާ ޒުބައިރު އުފުލަން ޖެހޭނެ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ. އެހެންކަމުން އެ ފައިސާ ތިން މަސް ތެރޭގައި ކޯޓަށް ދައްކަން ޝަރޫ ކުންފުންޏާއި އެ ތިން މީހުންނަށް އަންގާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

މި މައްސަލަ އެ ހަތަރު ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ އިއްޔެއެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހުގައި މި މައްސަލަ އިސްތިއުނާފު ކުރައްވަމުން އެ ހަތަރު ފަރާތުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ފެނަކައަށް ޑޮލަރު ވިއްކުމުގެ މުއާމަލާތް ޝަރޫއިން ހިންގީ މޯލްޑިވްސް ކޮމާޝަލް ބޭންކާއި އެ ކުންފުންޏާ ދެމެދު ކުރި މުއާމާލާތެއްގެ ތެރެއިން، އެ ބޭންކުން ފައިސާ ދޭނެ ކަމުގެ ގެރެންޓީ އެ ކުންފުންޏަށް ދީގެން ކަމަށެވެ. އެކަމުގެ ސަބަބުން އެ މައްސަލައިގައި ކުންފުނީގެ ޑިރެކްޓަރުން ޒިންމާ ނަގަން ޖެހޭ ގޮތަށް ހައިކޯޓުގެ ހުކުމްގައި އޮތުމަކީ ގޯހެއް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކީ ގޯސް ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލު ކުރަން ޝިޔާޒު ހުށަހެޅުއްވިއެވެ.

މި މައްސަލައިގައި ރައްދު ދެއްްވަމުން ފެނަކަ ކޯޕަރޭޝަންގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ، ޑޮލަރު ގަތުމަށް ފެނަކައިން ޝަރޫއަށް ފައިސާ ދިން ކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި ފެނަކައަށް ބޭނުން ވާ ޑޮލަރު ޝަރޫއީން ދީފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޑޮލަރު ނުދެވިގެން، ފެނަކައިން ނެގި ފައިސާ އަނބުރާ އެ ކުންފުންޏަށް ހޯދުމުގެ ގޮތުން ޝަރޫއިން ފެނަކައަށް ދިން ޗެކްތައްވެސް ބައުންސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ފެނަކައިން ދިން ފައިސާ ޝަރޫއިން ހަރަދު ކުރީ ކޮން ކަމަކަށް، ކޮން ގޮތަކަށް ކަން ޝަރީއަތުގެ މަޖިލީހުގައި ކިޔައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މައްސަލަ ނިމުމުން އެ މުއާމަލާތުގައި ފެނަކައަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރޫ އާއި އެ ކުންފުނީގެ ޑިރެކްޓަރުންނާއި ކޮމާޝަލް ބޭންކުގެ މައްޗަށް ދައުވާ ކުރައްވާނެ ކަމަށެވެ.