ޚަބަރު

ކާށިދޫ ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ފަތާފައި ކާށިދޫއަށް އަރައިފި

މުހައްމަދު އިޝާން

ހުޅުމާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު މީހަކު ފަތާފައި ގޮސް ކ. ކާށިދޫއަށް އަރާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދިޔައީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:00 ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ކަނޑަށް ވެއްޓިފައި ވަނީ ކާށިދޫއާ ހަ ނޯޓިކަލްމޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ފުލުހުން ދެންމެ ބުނީ، ގެއްލިގެން ހޯދަމުން ދިޔަ މީހާ މިހާރު ފަތާފައި ކާށިދޫއަށް އަރާފައިވާ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ގިނަ ހާދިސަތައް ދަނީ ހިނގަމުންނެވެ. މިއަދު އިއްޒުއްދީން ފާލަމާ ދިމާލުން ވަޅޯމަސް މާރުކޭޓު ކައިރީގައި މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި ވަނީ މަރުވެފަ އެވެ. އަދި މާލޭ ދެކުނު ފަރާތަށް ބޯވަ ނަގަން އެރި އުޅުނު މީހަކު އޮޔާގޮސް ވާދޫ ކަނޑުތެރޭގައި އޮއްވައި ވަނީ ސަލާމަތްކޮށްފަ އެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި ކަނޑު ވި މީހަކު މަރުވެފައިވާއިރު ކުޑަ ކުއްޖަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިއަދު ވެސް ކުރިއަށްދާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.