މާލޭ ސިޓީގެ ބްލޮކްތަކުގެ ވެރީންނަށް ކޮންމެ މަހަކު 1000 ރުފިޔާ ދޭ ގޮތަށް ކަނޑައަޅަައި ބްލޮކްތަކުގެ ވެރިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

މީގެ ކުރިން ބްލޮކްތަކުގެ ވެރީންނަށް އެލަވަންސް ދޭގޮތަށް ނިންމާފައެއް ނުވެ އެވެ. އެލަވަންސް ދޭ ގޮތަށް ކަނޑައަޅައި އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެ އެވެ. ގެޒެޓުގައި ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުން ބުނީ، ބްލޮކް ތަކުގެ ވެރިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ކަމަަށެވެ.

އެންމެ ފުރަތަމަ އެމަގާމަަށް އެލަވަންސެއް ދޭ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅު ވެ، ހަމައަކަށް އެޅުމުން ކޮންމެވެސް އުޖޫރައެއް ދެވޭ ގޮތަށް ބަދަލުކުރުމަކީ ކައުންސިލްގެ އުންމީދެއް ކަމަށް މީގެ ކުރިން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބްލޮކުތަކަށް ވެރިން ހޮވަން ނިންމާފައިވާ ކަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައި ވަނީ، މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހެވެ. ބްލޮކް ވެރީން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯ އާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުމަށް މަގުފަހި ކުރުން ކަމަށް އޭރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ބްލޮކްތަކުގެ ވެރިންގެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އެގޮތުން މީހަކަށް ނޫނީ ކުޑަކުއްޖަކަށް، ޖިންސީ، ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދު ވެފައިވާ މީހެއް ކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހުރި މީހެއް ކަމުގައި ނުވުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ބްލޮކްތަކުގެ ވެރިންގެ މަގާމަށް ކުރިމަތިލާ މީހުންނަކީ 18 އަހަރު ފުރިފައިވާ މީހަކަށް ވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައި ވުމުގެ އިތުރުން ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައި ނުވާ މީހެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ.