މާލޭ ދެކުނު ފަރާތަށް ބޯވަ ނަގަން އެރި އުޅުނު މީހަކު އޮޔާގޮސް ވާދޫ ކަނޑުތެރޭގައި އޮއްވައި ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އެކަނި ބޯވަ ނަގަން ގޮސް އުޅުނު މީހަކު މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސް ވާދޫ ކަނޑުގެ ތެރޭގައި ފަތަމުން ދަނިކޮށް ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އެމީހާ އޮޔާ ދަނިކޮށް ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށާއި އެ މީހާ މިހާރު ޕޮލިސް ހެޑް ކުއާޓާސް އާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ބުނީ ހެނދުނު 8:21 ގައި އޮޔާ ދަނިކޮށް ކަނޑުމަތިން މީހަކު ސަލާމަތް ކުރި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެމީހާ ފުލުހުންނާ ހަވާލު ކުރުމުން ނަސޭހަތް ދިނުމަށްފަހު ފޮނުވާލާފައިވާ ކަމަށެވެ. އެއީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ވިދާޅުވި އެވެ.
އޮޔާ ދަނިކޮށް މިއަދު މީހަކު ސަލާމަތް ކޮށްފައިވާއިރު މާލޭ ވަޅޯ މަސް މާރކޭޓު ބޭރު ތޮށިމަތީގައި މަސްބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި ވަނީ މަރުވެފަ އެވެ. އެމީހާ އަކީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި ކަނޑާ ގުޅުން ހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވިސްނާލުމެއްނެތި ކުރެވޭ ކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެން ދިޔުމަކީ ކައިރީގައިވާ ކަމެއް ކަމަށާއި އެހެންކަމުން ތިމާގެ އަމިއްލަ ނަފުސާއި އަނެކާގެ ސަލާމަތާ ރައްކާތެރި ކަމަށް ސަމާލުކަން ދީ ފަރުދީ ޒިންމާ އަދާކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ކަނޑު މަތީގެ ހާދިސާއެއް ހިނގައި އުމުރުން 33 އަހަރުގެ އަންހެނަކު މަރުވެ އޭނާގެ ތުއްތު އަންހެން ދަރިފުޅު ކަނޑަށް ގެއްލިފަ އެވެ. އުމުރުން ހަތަރު އަހަރުގެ މި ކުއްޖާ ހޯދުމުގެ މަސައްކަތް ކަމާގުޅެ އިދާރާތަކުން ކުރަމުން އަންނައިރު މި ކުއްޖާ އަދި ފެނިފައެއް ނުވެ އެވެ.