ޚަބަރު

ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތައް ހޯދަން އިލްމީ ދިރާސާއެއް ކުރަން ރައީސް ނިންމަވައިފި

ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރި ނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ އިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން ކަމަށްވާތީ، އެކަމާ ގުޅޭ އިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި ތައުލީމީ މަންހަޖު ތަރައްގީ ކުރާނެ މީހުންނާއި އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ބޮޑު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަންކަން އެގޮތަށް ދޫކޮށްލެވިއްޖެ ނަމަ ރާއްޖޭގެ ކުރިމަގެ ޖީލަކީ އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން، ރާއްޖެ ބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެން ވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު އިލްމީ ދިރާސާތަކެއް ހަދަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، އިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން ކަމަށެވެ.

"ޑރ. މުސްތަފާ ލުތުފީ، އަޅުގަނޑުގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި. އަޅުގަނޑު ދެންނެވިން މުސްތަފާއަށް. މިކަމާ ދޭތެރޭގައި ކޮންމެވެސްކަހަލަ ލިޔުމެއް އަޅުގަނޑަށް ތައްޔާރުކޮށްލަދެއްވާށޭ. އަޅުގަނޑަށް ގެނެސްދެއްވި. 1970 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް، ރާއްޖޭގެ ތައުލީމީ ނިޒާމު ހިނގަމުން އައިގޮތާއި އޭރު މުދައްރިސުންނަށާއި ޓީޗަރުންނަށް އޮތް އިހުތިރާމާއި ގަދަރާއި އެ ބަދަލުވުން މިހާތަނަށް އައިގޮތުގެ ވަރަށް ތަފުސީލީ ކަރުދާހެއް އަޅުގަނޑާ ހިއްސާ ކުރެއްވި. ވިދާޅުވި އަދި އޭގެއިތުރަށް، މިކަމުގައި އިލްމީ ދިރާސާއެއް ކޮށްފައި ނޫނީވިއްޔާ މިއާ ދޭތެރޭގައި ކުރިއަށްދާނެ ގޮތެއް ނުނިންމަވާށޭ. އެހެންކަމުން، ސަރުކާރުން އަޅުގަނޑު މި ގަސްދު ކުރަނީ، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ އިލްްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ، އިސްލާމީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.