ސައުދީ އަރަބިއްޔާގެ ސްޓޭޓް ސޮވެރިން ފަންޑު، ޕަބްލިކް އިންވެސްޓްމަންޓު ފަންޑުން ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ ގަތްފަހުން ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވެއްޖެއެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރިން ނިއުކާސަލް ސަޕޯޓަރުންގެ ފަރާތުން އާ ވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، އާ ބޯޑުގެ އިސް ފަރާތްތައް މެޗު ބެލުމަށް ދަނޑުގައި ތިބިކަން ފާހަވެފައިވެއެވެ. ހާއްސަކޮށް މިހާރު ކްލަބުގެ ޗެއާމަން، އަދި ސައުދީ ޕަބްލިކް ފަންޑުގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާންވެސް މެޗަށް ވަޑައިގެންފައިވެއެވެ. އޭގެ އިތުރުން ޑީލުގައި ހިމެނޭ އަނެއް ހިއްސާދާރުން ކަމަށްވާ އަމަންޑާ ސްޓަވީލީވެސް މެޗަށް ގޮސްފައިވެއެވެ.

ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ނިއުކާސަލް ލީޑު ނެގިއެވެ. ހަވިއޭ މަންކީއޯ އަރިމަތިން ނަގައިދިން ހުރަހަކުން ނިއުކާސަލް އަށް ލީޑުނަަގައިދިނީ ކަލުމް ވިލްސަން އެވެ. އެ ގޯލާއެކު ނިއުކާސަލް އިން ރަނގަޅު ރޫހެއްގައި މެޗު ފެށި ނަމަވެސް ޓޮޓެންހަމް އިން ފުލުފުލުގައި ޖެހި ދެ ގޯލާއެކު ނަތީޖާ އަނބުރާލިއެވެ. އަދި ހާފު ނިމުމުގެ ކުރިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޓަންގޭ އެންޑޮންބެލޭ ޖެހި ހިތްގައިމު ގޯލުގެ އިތުރުން ދެން ފެނިގެން ދިޔައީ ހެރީ ކޭންގެ ގޯލެކެވެ.

ރޭގެ މެޗުގައި ކޭން ޖެހި ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. ޓޮޓެންހަމް ގެ ތިންވަނަ ގޯލަކީ ކޭން ފަހިކޮށްދިން ފުރުސަތަކުން ހިއުން މިން ސޮން ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި މެޑިކަލް އިމަޖެންސީގައި މެޗު ހުއްޓުވާލަން ޖެހިފައިވެއެވެ. މެޗުގެ ކުޅުން މެދުކަނޑާލަން ޖެހުނީ ސަޕޯޓަރަކު ޝޮކަށް ގޮސްގެންނެވެ. މެޗުގެ ކުޅުން ކުރިއަށްދަނިކޮށް ޓޮޓެންހަމް ގެ ޑިފެންޑަރު ސާޖިއޯ ރެގިލޮން، ރެފްރީ ގާތުގައި ބުނެފައި ވަނީ ސަޕޯޓަރަކު ޝޮކަށް ދިޔަ މަންޒަރު ފެނުނު ކަމަށާއި، ސިއްހީ ފަރުވާއަށް މެޗު ހުއްޓުވާލަދިނުމަށެވެ. ރެފްރީ ވަނީ ވަގުތުން މެޗު ހުއްޓުވާލައި، ސަޕޯޓަރަށް ފަރުވާ ދިނުމަށް ޑިފިބްރިލޭޓަރު ގެންދިއުމަށް އިރުޝާދު ދީފައެވެ.

ދަނޑު ކައިރިން ފަރުވާ ދީ ސަޕޯޓަރު ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ނިއުކާސަލް އިން ބުނެފައި ވަނީ އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

ރޭގެ މެޗުގައި ނިއުކާސަލް އިން ޖެހި ދެވަނަ ގޯލަކީ އެރިކް ޑަޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުން ބަލިވެ ނިއުކާސަލް އޮތީ 19 ވަނައިގައެވެ. ރެލިގޭޝަންގައި އޮތް އެ ޓީމަށް އަށް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އަށް މެޗުން 15 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ފަސްވަނައިގައެވެ.