ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފިއެވެ.

ބާސާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ވެލެންސިއާއިން ގޯލެއް ޖެހި ނަމަވެސް ބާސާއިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފައެވެ. މެޗުގައި ސާޖިއޯ އަގުއޭރޯ ކުޅެން އަރާފައިވާ އިރު، ރޭގެ މެޗަކީ ބާސާ ޖާޒީގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އުމުރުން 33 އަހަރުގެ އަގުއޭރޯ ނިމިދިޔަ ޓްރާންސްފާ ސީޒަންގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސާއަށް ބަދަލުވެފައިވާއިރު، ފުރަތަމަ މެޗަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ.

ރޭގެ މެޗަކީ 2011 ވަނަ އަހަރު މޭ މަހުގެ ފަހުން ލަލީގާގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. ޕްރިމިއާ ލީގަށް ދިޔުމުގެ ކުރިން އަގުއޭރޯ އެންމެފަހުން ލަލީގާގައި ކުޅުނު މެޗަކީ އެތުލެޓިކޯ މެޑްރިޑް ޖާޒީގައި މަލާކޯއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި އަގުއޭރޯ ވަނީ ހެޓްރިކް ހަދައިފައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ހޯޒޭ ގަޔާގެ ގޯލުން ވެލެންސިއާ ލީޑު ނެގި ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި އަންސޫ ފަޓީ ޖެހި ގޯލުން ބާސާ ނަތީޖާ ހަމަހަމަ ކުރިއެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލުނު ފަޓީ މި ސީޒަނަށް އެނބުރި އައިސް މިހާތަނަށް ވަނީ ދެ ގޯލު ޖަހައިފައެވެ. ރޭގެ މެޗަކީ އެނބުރި އައި ފަހުން ފުރަތަމަ 11 ގައި ފަޓީ ކުޅެން ނުކުތް ފުރަތަމަ މެޗެވެ.

ބާސާއިން ހާފު ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. އޭރިއާ ތެރެއިން ފަޓީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕޭއެވެ. ރޭގެ މެޗު ނިމެން ގާތް ވެފައި ވަނިކޮށް ބާސާގެ ތިންވަނަ ގޯލު ޖަހައިދިނީ ފިލިޕް ކުޓީނިއޯ އެވެ. އެ ގޯލަކީ މިދިޔަ އަހަރު ނޮވެންބަރު ފަހުން ކުޓީނިއޯ ބާސާއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.

ލަލީގާ ތާވަލުގެ ހަތްވަނައިގައި މިވަގުތު ބާސާ އޮތްއިރު، އެޓީމަށް އަށް މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެދާދު އޮތީ ބާސާއަށްވުރެ ފަސް ޕޮއިންޓު ކުރީގައެވެ.