އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގެ ކައުންސިލަރު ހުސެއިން ޒަރީރު "ވަން" އަށް ވިދާޅުވީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ދުއްވާފައި ދަނިކޮށް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފާރަކަށް އަރައިގެން ކަމަށެވެ. އެވަގުތު ސައިކަލު އިނީ އޭނާ އެކަނި ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މަރުވެފައިވަނީ އުމުރުން 24 އަހަރުގެ އަލްތާފު ނަމަކަށް ކިޔާ ޒުވާނެކެވެ.

އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 12:57 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އެޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.