އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުން އެޓީމު ބަލިވި އިރު، ޗެލްސީން ބްރެންޓްފޯޑު އަތުން ހަނި މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ އަތުން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޔުނައިޓެޑުން ރަށުން ބޭރުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. ރޭގެ މެޗުން ބަލިވުމާއެކު ޔުނައިޓެޑް އަވޭގައި ބަލިވެފައި މިވަނީ 29 މެޗަށް ފަހުއެވެ. ރޭގެ މެޗުގެ ކުރިން ޔުނައިޓެޑް އެންމެ ފަހުން އަވޭގައި ލީގުގެ މެޗަކުން ބަލިވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް އަތުންނެވެ.

މެޗު ފެށިގެން 18 ވަނަ މިނެޓުުގައި މޭސަން ގްރީންވުޑް ޖެހި ހިތްގައިމު ގޯލާއެކު ޔުނައިޓެޑުން ލީޑު ނެގިއެވެ. އެ ގޯލާއެކު ޔުނައިޓެޑުން ރަނގަޅަށް މެޗު ފެށި ނަމަވެސް ހާފު ނިމެން ދަނިކޮށް ލެސްޓާ ނަތީޖާ ހަމަހަމަ ކުރިއެވެ. ހެރީ މެގުއާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ކެލެޗީ އިލަނާޗޯ ހޯދި ބޯޅަ އޭނާގެ ޕާހަކުން ގޯލަށް ވައްދާލީ ޔޫރީ ތީލަމަންސްއެވެ.

ދެވަނަ ހާފަށް ނުކުމެ ލެސްޓާއިން ކުޅުން ރަނގަޅު ކުރިއެވެ. އެޓީމުން ޔުނައިޓެޑުގެ މައްޗަށް ޑޮމިނޭޓުކޮށް ކުޅެމުން ގޮސް، މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ކަގްލާ ސޮޔުންޗޫ ޖެހި ގޯލާއެކު ލީޑު ނެގިއެވެ. އެ ލަނޑަށްފަހު މެޗުގެ ޑްރާމާ ނިމުނީއެއް ނޫނެވެ. އޭގެ ހަަތަރު މިނެޓު ފަހުން ބަދަލު ކުޅުންތެރިޔާ މާކަސް ރަޝްފޯޑު ޖެހި ގޯލާއެކު ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެން ނަމަވެސް މިނެޓެއް ފަހުން ލެސްޓާ އަނެއްކާވެސް ލީޑު ނެގިއެވެ. އަދި ފަހު މިނެޓުގައި ޕެޓްސަން ޑަކާ ޖެހި ގޯލާއެކު ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ.

ރޭ ޗެލްސީން އަވޭގައި ކުޅުނު މެޗު 1-0 އިން އެޓީމުން ކާމިޔާބު ކުރި އިރު، މެޗުގައި ޗެލްސީގެ ގޯލު ޖެހީ ބެން ޗިލްވެލްއެވެ. ބްރެންޓްފޯޑުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ދެ ހަމަލާއެއް ދަނޑިއަށް އަމާޒުވިއެވެ. އަދި ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީގެ ފަރާތުން ވަނީ މޮޅު ހަތް ސޭވް ފެނިގެން ގޮސްފައެވެ.

ޗެލްސީ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު އަށް މެޗުން 19 ޕޮއިންޓި ހޯދައިގެންނެވެ. ޔުނައިޓެޑުން ވަނީ ރޭގެ މެޗުން ބަލިވެ ފަސް ވަނައަށް ވެއްޓިފައެވެ. އެޓީމަށް އަށް މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ.