ޚަބަރު

ކަނޑުމަތީ އެކްސިޑެންޓެއްގައި މީހަކު މަރުވުމުން، ކައްޕި ދެ މަސް ދުވަހު ރޯދަ ހިފަން ހުކުމްކޮށްފި

މުހައްމަދު އިޝާން

ވަން އެންޑް އޮންލީ ރީތި ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗުގެ ކެޕްޓަނަށް ނިދިޖެހިގެން، ހިނގައިދިޔަ އެކްސިޑެންޓުގައި، އެ ލޯންޗުގެ ކެޕްޓަނު ދެ މަސް ދުވަހަށް ރޯދަ ހިފަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ 2013 ވަނަ އަހަރުގެ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު 08:38 އެހާކަންހާއިރު ހިނގި ހާދިސާއެކެވެ. ލޯންޗު ކެޕްޓަނަށް ނިދި ޖެހިގެން، ލޯންޗު ގޮސް ބާޖެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ވަނީ މީހަކު މަރުވެފަ އެވެ. އެކްސިޑެންޓުގައި މަރުވެފައިވަނީ ހދ. ކުޅުދުއްފުށި/ ޒޭވަރު، ދާއޫދު މުހައްމަދު އެވެ.

އެ ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ، މާލެ، ވ. މޫންރައިޒް މުހައްމަދު އަރީފުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

ދައުލަތުން އޭނާގެ މައްޗަށް އިއްވި ދާއުވާގައި ބުނެފައި ވަނީ، ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ފުރައިގެން މާލެ ދިޔުމަށްޓަކައި އަރީފު ދުއްވަމުން ދިޔަ "ސީރިއަސް 13" ނަމަކަށް ކިޔާ ލޯންޗު ކ. އާރަށު، އިރު އުތުރު ކަންމަތިން ދުއްވާފައި ދަނިކޮށް އެ ވަގުތު އާރަށުގެ އިރުން ދެކުނަށް، ދެކުނުން އުތުރަށް ވާގޮތަށް ދުއްވާފައި ދިޔަ "ޑޭވިޑް" ނަމަކަށް ކިޔާ ތެޔޮ ބާޖުގެ ކުރީކޮޅުގައި ދާއޫދު ދުއްވާފައި ދިޔަ ލޯންޗުގެ ކަނާތްފަރާތުގެ ކުރީކޮޅު ޖެހި އެކްސިޑެންޓުވެފައިވާތީ، އެ އެކްސިޑެންޓުގައި ދާއޫދު ކަނޑަށް ވެއްޓި މަރުވެފައިވާތީ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާއާ ހަވާލާދީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު ތިނެއްގެ ދަށުން ދައުވާކުރާ ކަމަށެވެ.

އެކްސިޑެންޓުގައި މަރުވި، ދާއޫދަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާގެ ހަށިގަނޑު އައިޖީއެމްއެޗުގައި ބެލި ޑޮކްޓަރު އަލީ ނާޒިމް ހެކިބަސް ދެމުން ބުނީ، ދާއޫދު ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށެވެ. ހަށިގަނޑު ބެލިއިރު ހަށިގަނޑު އޮތީ، ހަރުވާން ކައިރިވެފައި ކަމަށާއި، ކަނާއަތާ ދިމާލުން އޮތީ މައްޗަށް ހަރުއަރައި މައްޗަށް ލެނބޭ ގޮތް ވެފައި ކަމަށާއި، އޭގެ އިތުރުން މޫނާއި، ބޮލުގެ ސަރަހައްދުގައި ބައި އިންޗީގެ ޒަހަމެއް ބޮލުމަތިން ގޮސް ނާށިގަނޑު ފަޅައިގެން ގޮސް އެ ދިމާލުން ސިކުނޑީގެ ބައެއް އޮތީ ފެންނަން ކަމަށާއި، މޫނު މަތީގެ ހަންގަނޑު އޮތީ ވީދިފައި ކަމަށެވެ. އަދި ނޭފަތް ނެތް ކަމަށެވެ. މީގެ އިތުރުން ނޭފަތުގައި ހުންނަ ކަށިގަނޑު ވެސް އޮތީ ގޮސްފައިކަމަށާއި، މަތީ ދަތްޕިލައާއި، ތިރީ ދަތްފިލަވެސް އޮތީ މައްޗަށް ހާވެފައި ކަމަށާއި، މަތީ ތަލީގެ ކަށިގަނޑު ވެސް އޮތީ ބިންދައިގެން ގޮސްފައި ކަމަށާއި، ކަނާތު ލޯ އޮތީ ބޭރަށް ކޮންމެވެސް ވަރަކަށް ނިކުންނަ ގޮތް ވެފައިކަމަށާއި، ކަތުރު ކަށިގަނޑު އޮތީ ބިންދައިގެން ގޮސް ހުޅު ނެއްޓިފައި ކަމަށާއި، ފައިގެ ފަލަމަސްގަނޑާއި ދިމާލު ދެ ފަރާތުގައި ފަސް ވަރަކަށް ފަހެއް ބައި ނުވަތަ ހައެއް ބައި އިންޗީގެ ޒަހަމެއް ހުރިކަމަށާއި، މޫނަށާއި، ސިކުނޑިއަށާއި ނާށިގަނޑަށް ލިބިފައި ހުރި އަނިޔާއަކީ އާންމު ގޮތެއްގައި އިންސާނަކު އެވަރު ބޮޑު އަނިޔާއެއް ލިބިޖެއްޔާ ދެން ދުނިޔޭގައި ސަލާމަތުން އެމީހާ ހުރުމުގެ ފުރުސަތު ކުޑަ އަނިޔާއެއް ކަމަށެވެ.

އަރީފު ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާއަށް އިންކާރުކުރިޔަސް އެކްސިޑެންޓު ހިނގި ކަމަކަށް އޭނާ އިންކާރުކާރެއް ނުކުރެ އެވެ. ދައުވާއަށް އިންކާރުކުރުމަށް ފަހު އޭނާ ބުނީ، އެކްސިޑެންޓު ހިނގިއިރު ލޯންޗު ދުއްވުމުގެ ލައިސެންސް އޮންނާނެ ކަމަށާއި ލޯންޗުގެ ސަލާމަތީ ކަންކަން ހަމަވާނެ ކަމަށާއި ހުރިހާ ލައިފް ޖެކެޓެއް ވެސް ހަމަ ވާނެ ކަމަށެވެ.

ދައުވާއަށް އަރީފު އިންކާރުކުރުމުން ދައުލަތުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެއީ ލޯންޗުގައި ތިބި މީހުންނާއި ބާޖުގައި ތިބި މީހުންގެ އިތުރުން ފުލުހުންނެވެ. ދިފާއުގައި އަރީފް އެއްވެސް ހެއްކެއް ހުށަހަޅައިފައެއްނުވެ އެވެ. އެކްސިޑެންޓުގައި ލޯންޗުގައި ތިބި މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.

އަރީފް އާ ދެކޮޅަށް ހެކިބަސް ދިން މީހުން ވަނީ އެކްސިޑެންޓު ހިނގިއިރު އަރީފް ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި އެކަމުގެ ސަބަބުން ލޯންޗު ދުއްވަން އިން އިރު އޭނާ ނިދި ޖެހިފައި އިން ކަމަށް ބުނެފަ އެވެ. ލޯންޗުގައި އެވަގުތު ތިބި ހުރިހާ މީހުން ވަނީ އެގޮތަށް ހެކިބަސް ދީފަ އެވެ. މީގެ އިތުރުން މައްސަލައިގެ ތަހުގީގުގައި ހާދިސާ ހިނގިއިރު އަރީފް ނިދި އައިސްފައި އިން ކަމަށް ބުނެ ފުލުހުން ވެސް ވަނީ ހެކިބަސް ދީފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު މައްސަލަ ބެއްލެވި ގާޒީ އަލްއުސްތާޒް ހުސެއިން ފާއިޒް ރަޝާދު ކަނޑައެޅުއްވީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް އާރިފުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެ ހާދިސާގައި މަރުވި ދާއޫދުގެ ވާރިސުންނަށް މަރުގެ ދިޔަ ހައްގު ނަމަވެސް އޭނާގެ ވާރިސުން ވަނީ އަރީފަށް މާފު ދީ، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން އަރީފު ކުރި ކުށުގެ އުގޫބާތެއްގެ ގޮތުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.