ޚަބަރު

ސަރުކާރު ކުންފުނިތަކުން ހަދާ ފުލެޓުތަކުގެ ތެރެއިން ދެ ފުލެޓެއްގެ މަސައްކަތް ހުއްޓިފައި

އިބްރާހިމް ޒަކީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން ހަދަމުންދާ ފުލެޓުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމިޓީން ބަލަން ފަށައިފިއެވެ.

އެކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަވުމުގައި އެ މައުލޫމާތުތައް ހިއްސާކުރައްވަމުން އެ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލެ ފޭސް ދޭއްގައި ހަ ކުންފުންޏަކުން ފުލެޓް އިމާރާތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްއާއި އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީގެ އިތުރުން ސްޓެލްކޯއާއި އެސްޓީއޯއެވެ.

އިލިޔާސް ވިދާޅުވި ގޮތުގައި، އެ ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލުން ހަދަމުންދާ ފުލެޓުތަކުގެ 80 ޕަސެންޓަށްވުރެ ބޮޑުބައެއް އަދި އެމްޕީއެލުން ހަދަމުންދާ ފުލެޓުތަކުގެ 68 ޕަސެންޓަށްވުރެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި އެމްޑަބްލިއުއެސްސީން ހަދަމުންދާ ފުލެޓުތަކުގެ 59.56 ޕަސެންޓް ނިމިފައިވާ އިރު، ސްޓެލްކޯއިން ހަދާ ފުލެޓުތަކުގެ 85.68 ޕަސެންޓަށްވުރެ ބޮޑުބައެއް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޓީސީސީން ހަދާ ފުލެޓުގެ ނިމިފައިވަނީ 7.5 ޕަސެންޓް ކަމަށާއި އަދި އެސްޓީއޯއިން ހަދާ ފުލެޓުގެ ނިމިފައިވަނީ 15 ޕަސެންޓް މަސައްކަތް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ދެ ކުންފުނީގެ ފުލެޓް މަސައްކަތް ހުއްޓި، މަސައްކަތް އިތުރަށް ކުރިއަށްދާނެ ކަމަށް ނުބެލެވޭ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމްއޭސީއެލުން ހަދާ އިމާރާތުގައި ހިމެނީ ޖުމުލަ 384 ފުލެޓެވެ. އޭގެ ތެރެއިން 379 ފުލެޓެއްގެ ގުރުއަތުން ވަނީ ބާއްވައިފައެވެ. އެ ޕްރޮޖެކްޓަށް އެ ކުންފުނީގެ އިންޓާނަލް ކޭޝްފްލޯ އިން 408،280،814 ރުފިޔާ ހަރަދުކުރެއެވެ.

އެމްޕީއެލުން ހަދާ ފުލެޓް އިމާރާތުގައި ހިމެނެނީ އެއް ކޮޓަރީގެ 204 ފުލެޓާއި ޓޫ ޕްލަން ވަންގެ 330 ފުލެޓާއެކު ޖުމުލަ 534 ފުލެޓެވެ. ޖުމުލަ 565 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ކުންފުނީގެ ކޭޝްފްލޯއިން 315 މިލިއަން ރުފިޔާ އަދި ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް 110 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އިލްޔާސް ވިދާޅުވީ، އެ ޕްރޮޖެކްޓުން އެއްވެސް ފުލެޓެއް އަދި ހަވާލުކޮށްފައި ނުވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރާއެކު އެއްބަސްވެފައިވާ ޕޭމަންޓް ޝެޑިއުލްގެ ދަށުން ޕްރޮޖެކްޓް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި 141 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީން ހަދަމުންދަނީ ކޮންމެ ޓަވަރެއްގައި 156 އެޕާޓްމަންޓް ހިމެނޭ 15 ބުރީގެ ދެ ރެސިޑެންޝަލް ޓަވަރެވެ. ނަމަވެސް ފުލެޓް ނަގާނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ މުވައްޒަފުން މަދުވުމާއި އެ މުވައްޒިފުންނަށް އެޑްވާންސް ޕޭމަންޓް ދެއްކުމާއި ބޭންކުތަކުން ފައިނޭންސް ކުރުމަށް ދަތިތަކެއް ހުރުމުން ދެ ޓަވަރުގެ ބަދަލުގައި އެ ކުންފުނިން ކުރިއަށް ގެންދަނީ އެއްޓަވަރުގެ މަސައްކަތެވެ. އެ ޓަވަރުގެ މަސައްކަތް އަންނަ ޖެނުއަރީގެ ނިޔަލަށް ނިމޭނެ ކަމަސް އިލިޔާސް ވިދާޅުވިއެވެ.