އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އިއްޔެ ފެނުނު އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންދިޔަ ތިން މީހުން އެހެން މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މަހުމޫދު އަބޫބަކުރު ރަހުމުކުޑަ ގޮތަކަށް މަރާލުމާއެކު އެ ރަށުގެ ރައްޔިތުން ނުކުމެ ދެ މީހުން އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރިއެވެ. އެއީ އއ. ތޮއްޑުއަށް ނިސްބަތްވާ އަލީ ޖަމްޝާދު، (31) އާއި އޭނާއާ ދެބެންގެ ދެދަރި ޝާރިހް އަލީ (20) އެވެ. އެމީހުންނަށް ފުލުހުން ހިމާޔަތް ދީފައިވާއިރު ފުލުހުންގެ ހިމާޔަތަށް އެމީހުންނާ އެއް ގެއެއްގައި ދިރިއުޅުނު އަންހެނަކުވެސް ވަނީ ގެންގޮސްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހުން މަހިބަދުއަށް ގެންގޮސް ބައިތިއްބާފައި ތިބީ އެރަށު ޕޮލިސް ސްޓޭޝަންގައެވެ. އަދި ތިން މީހުންވެސް އިތުރު މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާކަން އެނގިފައިވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ދެ ފިރިހެނުންނަކީ މަސްތުވާތަކެއްޗާއި ވައްކަމާއި އެކި ކުށްތަކުގެ ރެކޯޑް އޮންނަ ބައެކެވެ. އަދި އެމީހުންނަކީ ކުށުގެ ވެށީގައި އުޅޭ ބައެއް ކަމަށް ތޮއްޑު އާއި ދަނގެތިން ވާހަކަ ދެއްކި ބައެއް މީހުންވެސް ބުނެފައިވެއެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެެރަށުގެ ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލައިފައި އޮއްވައެވެ. އެ ފެންވަޅަށް މަހުމޫދު ވައްޓާލާފައި ވަނީ ދެފަޔާއި ބޮލަށް ގޯންޏެއް މެހުމަށް ފަހު ބޯކޮޅު ވަތަށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު މީހަކު ބުނި ގޮތުގައި މަހުމޫދުގެ ވައިނޮޅީގެ ދެ އަރިމައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. އަދި ބޮލުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ފުންކޮށް ހަމަލާދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު