ސާފް ޗެމްޕިއަންޝިޕް

އިންޑިއާއަށް ހިތްވަރު ހޯދިއްޖެ، އެކަމަކު މާ އަވަހަށް ހިތްފުރިގެން ގޯހެއް ނުހަދާނަން: ކޯޗު ސްޓިމަކް

ޓީމުތައް އޯވާ ކޮންފިޑެންސްވުމަކީ ހިނދު ކޮޅެއްގެ ތެރޭގައިވެސް ދިމާވެދާނެ މައްސަލައެއް ކަމަށާއި، އެކަން އިންޑިއާ ޓީމަށް ވިޔަ ނުދޭނެ ކަމަށް ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުންވެސް އިންޑިއާ މޮޅުވެ، އެޓީމުން ފައިނަލް ޔަގީން ކޮށްފައިވާ އިރު، މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރި 12 ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއިން މިހާތަނަށް ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރުގެ ފައިނަލުގައި އެޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިއީ ނޭޕާލަށް ފުރަތަމަ ފައިނަލެވެ.

"މާ އަވަހަށް ހިތްފުރިގެން އިންޑިއާއަށް އެ ގޯސް ނުހަދާނެ ކަމަށް މި ޔަގީންކުރަނީ. އަހަރެމެންނަށް އެނގޭ ކުރަން ޖެހޭ ކަންތައް. ވިސްނަން ޖެހޭ ކަމަކީ ކޮންފިޑެންސްގައި ތިބެފައި އޯވާ ކޮންފިޑެންސްއަށް ދާން އިންނާނީ ކުޑަކުޑަ ދުރުމިނެއްކަން. އަހަރެން ވަރަށް ގާތުން ބަލަމުން މިދިނީ އެ ރޮނގު ހުރަސް ނުކުރުމަށް. އެއީ އިންޑިއާއިން އެންމެ ސަމާލުކަން ދޭން ޖެހޭނެވެސް ކަންތައް،" މާދަމާގެ މެޗާ ގުޅޭގޮތުން އިންޑިއާ އެފްއޭގެ މީޑިއާއަށް ކޯޗު ސްޓިމަކް ބުންޏެވެ.

އިންޑިއާގެ ކޯޗު އިތުރަށް ބުނީ ޓީމެއްގެ ގޮތުގައި އިންޑިއާއިން ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށާއި، ކޮންމެ މެޗެއްގައިވެސް ފެންނަމުން ދަނީ ކުޅުން އިތުރަށް ރަނގަޅުވަމުން އަންނަ ތަން ކަމަށެވެ.

"ޓީމެއްގެ ގޮތުގައި، އެއް އާއިލާއެއްގެ ގޮތުގައި އިންޑިއާއިން ދަނީ ކުރިއެރުންތައް ހޯދައި، މެޗަކަށްވުރެ މެޗެއްގައި ކުޅުން ރަނގަޅު ކުރަމުން. ކޮންފިޑެންސްގައި ކެތްތެރިކަމާއެކު ބުރަކޮށް މަސައްކަތްކުރަން ޖެހޭ ފައިނަލުގައި ނޭޕާލް ބަލިކުރަން. އެންމެފަހުން ކުޅުނު ދެ މެޗުން އިންޑިއާ ހިތްވަރު ހޯދައިފި. އެހެން ނަމަވެސް އަދިވެސް ތަކުރާރުކޮށް ބުނަން. އިންޑިއާ އޯވާ ކޮންފިޑެންޓް ނުވާނެ،" ސްޓިމަކް ބުންޏެވެ.

ފައިނަލަށް ނުކުންނަ އިރު، އިންޑިއާ ޓީމަށް ބައެއް އަނިޔާގެ މައްސަލަތަކުގެ އިތުރުން ސަސްޕެންޝަންގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެފައެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ޓީމުން މުހިންމު ކުޅުމެއް ދައްކަމުން ދިޔަ ފާރުކް ޗޯދުރީއަށް އޭސީއެލްގެ އަނިޔާއަކާ ކުރިމަތިވެ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ އިރު، ބްރޭންޑަން ފެނާންޑޭސްވެސް ހުރީ އަނިޔާގައެވެ. އަދި އިންޑިއާގެ އެންމެ މުހިންމު ޑިފެންޑަރު ސުބަހަޝީޝް ބޯސްއަށް ރާއްޖެ މެޗުގައި ދެއްކި ރަތްކާޑާއެކު އޭނާ ހުރީ ސަސްޕެންޝަންގައެވެ.

އިންޑިއާއާއި ނޭޕާލް ވާދަކުރާ ފައިނަލް އޮންނާނީ މާދަމާ ރޭ 8:00 ގައެވެ.