ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެމާޓްމެންޓަކަށް ހަ ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވާފައިވާ ވާހަކަ އެމްޑަބްލިޔުއެސްސީން ދޮގުކޮށްފިއެވެ.

އެކުންފުނިން އެގޮތަށް ބުނެފައި މިވަނީ ހިޔާ ފްލެޓްގެ އެޕާޓްމެންޓަކަށް ހަ ލައްކަ ރުފިޔާގެ ފެންބިލެއް ފޮނުވާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މީޑިއާގައި ދައުރުވަމުންދާ ހަ ލައްކަ ރުފިޔާގެ ފެން ބިލަކީ އެކުންފުނިން ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ނަމަށް ފެން މީޓަރުގެ ރެޖިސްޓްރީ ބަދަލުކޮށް، އެ ކުންފުނިން ބިލް ކުރަމުންދާ ކަމަށް ބުންޏެވެ.

އެހެން ނަމަވެސް ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާކަން ފާހަގަވާނަމަ، އެ ފްލެޓެއްގެ ވެރިފަރާތަށް ގުޅައި އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެގޮތުން ފްލެޓްތަކުގެ ރީޑީން ނަގައި ބިލް ކުރަން ފަށާފައިވީ ނަމަވެސް، އާދަޔާ ހިލާފަށް ފެން ބިލު ބޮޑުވެފައިވާ ފްލެޓް ތަކަށް ބިލު ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފެން ބިލުގެ މައްސަލައެއް އުޅޭކަން ފާހަގަވާނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 105 މެދުވެރިކޮށް ކޯލް ސެންޓަރަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.