އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވާ މިއަދު މެންދުރުފަހު ފެނުނު، އުމުރުން 57 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ "ވަން" އަށް ވިދާޅުވީ، ދަނގެތީގައި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ވާ ކަމަށެވެ.

އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު ހަވީރު ރޯކޮށްލާފައިވަނީ ވޭވް 150 އެއްގައި ކަމަށާއި އަދި ސައިކަލުގައި ރޯކޮށްލީ އެރަށު ބައެއް ކަމަށެވެ. އަދި އެއީ ރޯކޮށްލާފައިވަނީ، ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވާ މިއަދު މެންދުރުފަހު ފެނުނު މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ސައިކަލުގައި ކަމަށްވެސް ބުންޏެވެ.

"ރޯކޮށްލާފައިވަނީ ވޭވް 150 އެއްގައި. މިކަމެއް ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި. މިރަށު ބައެއް ކަމަށްވަނީ ސައިކަލުގައި ރޯކޮށްލީ. އެއީ މަރާލާފައި އޮއްވާ މިއަދު ފެނުނު މަހުމޫދުގެ މަރުގެ ތުހުމަތު ކުރެވޭ މީހެއްގެ ސައިކަލެއް،" އޭނާ ބުންޏެވެ.

އޭނާ ބުނީ މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ޝައްކު ކުރެވޭ ދެ މީހުން މިއަދު ރައްޔިތުން ނުކުމެ، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މަހުމޫދު މަރާލާފައި އޮއްވައި ފެނިފައިވަނީ ފަޅު ގެއެއްގެ ވަޅެއްގެ ތެރެއިންނެވެ. އޭނާ އޮތީ ފައިގައި ގޯންޏެއް އައްސައި، ބަނދެފައި އެކޮޅު ކޮޅުން ވަޅަށް ވައްޓާލައިފައެވެ.

އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު "ވަން" އަށް ބުނީ އޭނާ ވަޅުން ނެގި ވަގުތު ބޮލުން ވަރަށް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށެވެ. އަދި އެ ވަޅު މައްޗާއި ވަޅު ކައިރީގައިވެސް ވަރަށް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އޭނާ ބުންޏެވެ.

ދަނގެތީ ރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރަށުގެ ފަޅުގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއިން ކަމަށާއި ފެނުނުއިރު ދެފައި ބަނދެ، ބޮލާއި ފަޔަށް އޮތީ ގޯނި ލައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ރޭގެ މެޗު ބަލާފައި ގެއއިން ނުކުތް ގޮތަށް ހަބަރެއް ނުވޭ. އެމްއެންޑީއެފާއި ފުލުހުން އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ފެނުނު އިރު، ވަޅު ތެރޭގައި އޮތީ ބޯކޮޅުވެސް އެކޮޅު ކޮޅުން،. މަރާލާފައިވާކަން ޔަގީން،" މުއާވިޔަތު ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ސީރިއަސް އޮގަނައިޒް ކުރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޓީމެއް އެރަށަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުންޏެވެ.