ގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވާ ހުސައިން ޔޫސުފުގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި ގޭންގުތަކާ ގުޅުންހުރި ގިނަ ވާހަކަތަކެއް ހިމެނޭތީ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް އޭނާ އެދިއްޖެއެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. އެ އަޑުއެހުމުގައި ހުސެއިން ޔޫސުފު ބުނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ނުރައްކާތެރި ގޭންގުތަކާ ގުޅުން ހުރި ތަފުސީލީ ވާހަކަތަށް ދައްކަން ޖެހޭތީ ޝަރީއަތް ސިއްރުކުރުމަށް ބޭނުންވާ ކަމަށެވެ. އަދި ބުނީ ތަހުގީގު މަރުހަލާގައި ވެސް ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ގޭންގުތަކާ ގުޅުންހުރި ވާހަކަ ކިޔައިދޭން ޖެހޭތީ ކަމަށެވެ.

އެގޮތަށް ހުސެއިން ޔޫސުފު އެދުމުން މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ، ދެން ބާއްވާ އަޑުއެހުމެއްގައި އެކަމާމެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ހުސައިން ޔޫސުފުގެ މައްޗަށް ކުރާ ދައުވާ ސާފުކޮށްދެއްވައިފައެވެ. އަދި ޝަރީއަތުން ވަނީ މައްސަލައާ ގުޅުންހުރި ލިޔެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވައި، ހުސެއިން ޔޫސުފަށް ލިބިގެންވާ ހައްގުތައް ސާފުކޮށްދެއްވައިފައެވެ.

ހުސެއިން ޔޫސުފުގެ މައްޗަށް ތުހުމަތުކޮށް ދައުވާކުރަނީ ޖިނާއީ ބޮޑުކުށަކަށް ނޫނެވެ. ނަމަވެސް އެ ކުށުގެ އަދަބެއްގެ ގޮތުގައި 10 އަހަރަށް ވުރެ ބޮޑު އަދަބެއް ލިބޭނެއެވެ. ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައި ދެނީ ޖިނާއީ ބޮޑެތި ކުށްތަކުގައި ކަމުގައި ވިޔަސް ދައުލަތުން ބޭނުންވީ، ހުސައިން ޔޫސުފަށް ދައުވާ ކުރާ މައްސަލައިގެ އަދަބަކީ ސީދާ 10 އަހަރަށްވުރެ ބޮޑު އަދަބަކަށް ވުމުން، ހުސެއިން ޔޫސުފަށް ވަކީލަކު އައްޔަނު ކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅާށެވެ.

އެއަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ އަދިވެސް ހުސެއިން ޔޫސުފަށް ވަކީލަކު ހަމަޖެހިފައި ނުވާ ކަމަށެވެ. އެގޮތުން ވަކީލަކު ހަމަޖެހިފައި ނުވަނީ ބައެއް އިދާރާތަކުން ސާފުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް އޭޖީ އޮފީހުން ހުސައިން ޔޫސުފަށް އަންގާފައިވާނެ ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަށް އަޑުއެހުމަށް ފަހު ގާޒީ ސަފްވަތު ހަބީބު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު ހަމަނުޖެހުނު ކަމުގައިވިޔަސް ދައުވާއަށް ޖަވާބު ދާރީވާން ހުސެއިން ޔޫސުފު ޖެހޭނެ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.