ސިވިލް ކޯޓް

ވަކިކުރަން ނިންމި ފުލުސް އޮފިސަރުން އެދުނުގޮތަށް ވަގުތީ އަމުރު ނެރެއެއްނުދިން

އިބްރާހިމް ޒަކީ

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމީ ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ފަރާތްތަކުން އެދިފައިވާ ވަގުތީ އަމުރު ނެރެ ނުދޭން އެކޯޓުން ނިންމައިފިއެވެ.

ފުލުހުންގެ އިސް ސަފުގައި ހިމެނޭ ހަތް އޮފިސަރުން ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ އޮފިސަރުންތައް ވަކި ކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ހުށަހެޅީ ހުސްވި އޯގަސްޓް މަހުގެ ނުވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން އޭގެ ތެރެއިން ފަސް އޮފިސަރުން ވަނީ ސިވިލް ކޯޓަށް ަމއްސަލަ ހުށަހަޅައިފައެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވީ، މުހައްމަދު ޖަމްޝީދު އާއި އަހުމަދު މުހައްމަދު (ޓޫފޯ) ގެ އިތުރުން އިސްމާއިލް ޝަމީމް އާދަމާއި އަބްދުﷲ ޝަރީފު އަދި މުހައްމަދު ދާވޫދެވެ..

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އޭގެ ތެރެއިން ދެ އޮފިސަރަކުވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނޯޓިސް ދިނުމަށްފަހު އެދުވަހުން ފެށިގެން މަގާމުން ވަކި ކޮށްފައެވެ. ދެން ތިބި ތިން މީހުންނަށް މިމަހުގެ 20 ވަނަ ދުވަހަށް 10 ދުވަސް ހަމަވާގޮތަށް ވަނީ 10 ދުވަހުގެ ނޯޓިހެއް ވަނީ ދީފައެވެ.

އެ ފަސް ބޭފުޅުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި، މައްސަލައަށް މައުލޫއީގޮތުން ކޯޓުން ގޮތެއް ކަނޑައަލަންދެން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ، ދައުވާ ކުރާ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެކުރިން ދައުވާކުރާ ފަރާތްތައް ވަޒީފާއިން މަގާމުން ވަކި ކުރުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ދައުވާކުރާ ފަރާތްތައް ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅިދާނެ އެއްވެސްކަމެއް ނުކުރުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑަށް އަދި ކަމާ ގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށާއި، ނަމަވެސް ދައުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެފަދަ ވަގުތީ އަމުރެއް ނެރެދޭން ޖެހޭ ހާލަތުގެ ކަމެއް މެދުވެރިވެގެން އޮތްކަން އެގެން ނެތުމާއި، ވަގުތީ އަަމުރު ނެރުމާބެހޭގޮތުން ސުޕްރީމްކޯޓުން ކަނޑަޅާފައިވާ އުސޫލުތަކަށް ރިއާޔަތް ކުރާއިރު، ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދީފި ނަމަ، ވެގެންދާނީ މި މައްސަލައިގެ މައުލޫގައި ކުރެވޭ ހުކުމުގެ ނަތީޖާއަށް އަސަރު ކުރާ ގޮތަށް ދުރާލައި ވަގުތީ އަމުރަކުން ދާއިމީ ހިމާޔަތެއް ލިބިދިނުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑާ ކަމަށް އިއްޔެގެ ހުކުމްގައި ސިވިލްކޯޓުން ބުނެފައިވެއެވެ.