މިދިޔަ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި އެެއް އަހަރު ދުވަހަށް ފަސްކޮށް ދިނަސް ސަރުކާރަށް ގެއްލުން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ވަނީ، ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސޯދީ އަޑިގަނޑާއެކު ރާއްޖޭގެ ވިޔަފާރިތަކަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ މާލީ ތަނަވަސްކަމަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. ބޮންޑޭ ވިދާޅުވީ ހިޔާ ފްލެޓުތަކަށް ބަދަލު ވި މީހުންގެ މާލީ ހާލަތު ކޮވިޑުގެ ސަބަބުން ވަރަށް ބޮޑަށް ދަށްވެފައި ވުމުން އެތަނުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދިނަސް ސަރުކާރަށް އެކަމުގެ ސަބަބުން ގެއްލުން ނުވާނެ ކަމަށެވެ.
"އަދި ހާއްސަކޮށް ފްލެޓަށް ބަދަލުވެގެންދާ ފަރާތްތަކަށް. މި ކުލި އެއް އަހަރު ދުވަހަށް ލަސްކޮށްދިނަސް ދައުލަތަކަށް ގެއްލުމެއް ނުވާނެ،" ބޮންޑޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން ލަސްކޮށްދިން ކަމުގައިވީ ނަމަވެސް ނުސީދާ ގޮތުން ދައުލަތަށް އެ ފްލެޓްތަކުން އާމްދަނީ ލިބޭނެ ކަމަށެވެ. އެގޮތުން ޓެކްސް ނިޒާމުގެ ތެރެއިން އެއް އަހަރުގެ ތެރޭ 58 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިިންމަން ކުރީ ސަރުކާރަށް އޭގެ ލޯނު ލިބިފައިވާ ކަމަށެވެ. ނަމަވެސް ވައްކަމުގެ ތެރެއިން ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.
"480 މިލިއަން ޑޮލަރުގެ ތެރެއިން، ޕީޕީއެމް ސަރުކާރުން އެ ނަގާފައިވާ ފައިސާ އެ ތަހުގީގު ކުރަން ޖެހޭ. ތަށިމުށްޓަށްވީ ފައިސާ ދޮރުތަކަށްވީ ގޮތް އޮޅުން ފިލުވަން ޖެހޭ. ތަށިމުށިތަކާއި މި ދެންނެވި ދޮރުތަކަށް ވީ ފައިސާ ރިޝްވަތުގެ ގޮތުގައި ނެންގެވީ އެ ފަރާތުން. މުޅި ރަށުތެރޭ ތުންތުން މަތިން ދައްކާ،" ބޮންޑޭ ވިދާޅުވި އެވެ.
ހިޔާ ފްލެޓުގެ ކުލީގެ ކަންތަކާ މެއިންޓެނެންސްގެ މަސައްކަތް ބަލަހައްޓަމުން އަންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ހިޔާ ފްލެޓުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ބައެއް ކަންތައް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން އެޗްޑީސީއަށް ދަނީ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންނެވެ. އެފަދަ ދަތިކަމުގެ މައްސަލަތައް ހުށަހަޅަން އެޗްޑީސީން ވަނީ ހޮޓްލައިން ނަންބަރެއް ވެސް ތައާރަފު ކޮށްފަ އެވެ.
އެޗްޑީސީން ބުނެފައި ވަނީ، ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށާއި މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ 7253535 ނަންބަރަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ.
މެސެޖުގައި މައްސަލަ ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަމްބަރާއި ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބޭނުންވާ މައްސަލައެއްގެ ތަފުސީލު ހިމެނުމަށްވެސް އެޗްޑީސީން ވަނީ އެދިފަ އެވެ.