ކުޅިވަރު

ރޭގެ މެޗުގައި ފެނުނީ "އެންމެ ފިޓް ފައިސަލް"އެއް ނޫން

1

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރޭ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވެ މުބާރާތުން ރާއްޖެ ކަޓާފައިވާއިރު، އެ މެޗުގައި ރާއްޖެ ކޮޅަށް ވަން "ބައެއް ގޯލުތަކަކީ ތަންކޮޅެއް ސޮފްޓް،" ގޯލުތަކެއް ކަމަށް ކޯޗު އަލީ ސުޒޭން ވަނީ މެޗަށްފަހު ބުނެފައެވެ. ހާއްސަކޮށް ގޯލްކީޕަރު މުހައްމަދު ފައިސަލް ހުރީ އެންމެ "ޕީކް" ފޯމުގައި ނޫން ކަމަށް ސުޒޭން ފާހަގަކުރިއެވެ.

މެޗަށް ނުކުތްއިރު މުޅި ގައުމުވެސް ވިސްނަމުން ދިޔަ އެއް ކަމަކީ ފައިސަލްގެ ފިޓްނަސް އެވެ. ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ފައިސަލްއަށް އަނިޔާވެ ވަނީ ބާލަން ޖެހިފައެވެ. މެޗަށްފަހު ސްކޭންތައް ހަދައި، ޓްރެއިނަރުން ބުނީ ފައިސަލް ފިޓް ކަމަށެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ނެގިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ފިޓް ވުން ވީ އެންމެ ގިނަ ބަޔަކަށް ހިތްހަމަ ޖެހިގެން ދިޔަ ވާހަކައަށެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ފެނުނު ފައިސަލްއަކީ "ފިޓް ފައިސަލް"އެއްތޯ މެޗަށް ފަހު އެތައް ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

"ފައިސަލްވެސް ދެ ގޯލުގައި ފެނުނީ އެންމެ "ޕީކު"ގައި ހުރި ފައިސަލްއެއް ނޫން. ވެދާނެ އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ކޮންފިޑެންސަށް އަސަރުކުރީ ކަމަށްވެސް. އެހެން ނަމަވެސް ގޯލްކީޕަރުގެ ކަންކަން ނިންމާނީ އަޅުގަނޑެއް ނޫން. ފިޓްނަސްއާ ދޭތެރޭ ޝައްކެއް ނެތް. ނޫނިއްޔާ ވެދާނެ މެޗަށް އަރާފައި އޭނާގެ ވިސްނުން ތަފާތު ގޮތަކަށް ހުރި ކަމަށްވެސް،" ރޭގެ މެޗަށްފަހު ކޯޗު ސުޒޭން ބުންޏެވެ.

ހަމަ ޔަގީނުންވެސް ފައިސަލް 100 ޕަސެންޓު ނޫންކަން މެޗު ބެލި އެންމެނަށް ފެނުނެވެ. ގޯލްކިކުތައްވެސް އަކުރަމް އަބްދުލްޣަނީ (އަކޫ) ޖަހަމަން ދިޔައިރު، ގޯލުތަކުގައިވެސް ފައިސަލް ފެނުނީ މޫމަންޓްތައް ލަސްކޮށެވެ. އާންމުކޮށް ފެންނަ ވަރުގަދަ ކަމުގައި ފައިސަލް ނުފެނުނެވެ.

"އަޅުގަނޑަށް ފެނުނު ފައިސަލް 100 ޕަސެންޓް ނޫންކަން. ޝައްކުތަކެއް ހުރެގެން ކަމަށް ފެންނަނީ އަމިއްލައަށް ޖެހުންތައްވެސް ނުޖަހައި އަކޫމެން ބޭނުން ކޮށްފައި ހުރީ. ހުރިހާ ކަމެއް ދިޔައީމަ އިހުސާސްވޭ ފައިސަލްއަށް ކޮންފިޑެންސް ނެތްކަން. އަޅުގަނޑުމެންނަކަށް ކުއްލިއަކަށް ނޭނގޭނެ ކުޅުންތެރިއެއްގެ ސްޓޭޓަސްއެއް. ފައިސަލް ކުރީ މެޗުގައި ބޭލީ އަނިޔާއެއް ވެގެން، ދެން އެމްއާރްއައި ހަދައި، ސްކޭންތައްކޮށް މައްސަލައެއް ނެތް ކަން އެނގޭ ހިސާބުން، ކޯޗުންނާއި މެޑިކަލް ސްޓާފުން މަސައްކަތް ކޮށް އަނިޔާއާ ގުޅިގެން މައްސަލައެއް ނެތްކަން، އުނދަގުލެއް ވެދާނެކަމުގެ ޝައްކެއް ނުވާ ވަރު ކޮށްފަ މި އަރުވަނީ. އެކަމަކު އަރާ ހިސާބުން އޭނާއަށް ކޮންމެވެސް ވަރަކަށް އެކަމުގެ އުނދަގޫތަކެއް ކުރިމަތިވިކަން ފެނުނީ،" ސުޒޭން މެޗަށްފަހު ބުނެފައިވެއެވެ.

ކޮންމެއަކަސް ކޯޗަށް ފައިސަލް ފިޓް ކަމަށް ދެކި ރޭގެ މެޗުގެ ފުރިހަމަ 11 އަށް ނެރުނީ އިތުބާރާއެކުއެވެ. ދިވެހީން މެޗަށްފަހު ބުނަމުން ދިޔައީވެސް ފައިސަލްއަށް އިތުބާރު ނުކުރާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ފައިސަލް އަނިޔާގައި ހުރެ ފުރަތަމަ 11 އަށް ނެރުނު ނެރުމާމެދު ބައެއް ފަރާތްތަކުން ވަނީ ހިޔާލު ފާޅު ކޮށްފައެވެ. ކޯޗު ސުޒޭން ވަނީ އެކަން ހިނގި ގޮތް ތަފްސީލު ކޮށްދީފައެވެ. އެއީ ކޯޗުގެ ނިންމުމެވެ. އެކަމަށް އިހުތިރާމު ކުރުން މުހިއްމެވެ.