ރިޕޯޓް

ބަލިވިޔަސް ގައުމީ ޓީމާ އެކު: އެންމެ ބޮޑު ކާމިޔާބަކީ ގައުމުގައި އަޅުވައިދިން ގައުމީ ލޯބީގެ ފޭރާން

މުޙައްމަދު ޝަމްޢޫން

ހިތްދަތި ކަމުގެ ކަރުނައެވެ. މާޔޫސްކަމުގެ ކަރުނައެވެ. މުޅި ގައުމު އެކީ އެކައްޗަކަށް އެދެމުން ދިޔަ ކާމިޔާބީ ނުލިބި ދަނޑުން ފައިބައިގެން ދާން ޖެހުމުން ފާއްދާލި ކަރުނައެވެ. ގައުމީ ޓީމުގެ "ހީރޯ"އިން ރޮމުން ދިޔަ މަންޒަރަކީ އެންމެ ހިތްދަތި މަންޒަރެވެ. މުޅި ދަނޑުގެ ވަށައިގެން އޮތީ މާޔޫސްކަމާއި ނުތަނަވަސް ކަމެވެ. ގައުމަށްޓަކައި ކުޅެ، ގައުމީ ރޫހު ދެއްކި ހިތްވަރުގަދަ ކުޅުންތެރިން މޮޅިވެރި ކަމުގައި ވާ މަންޒަރުން "ހިތް ކުދި ކުދި" ނުވާނެ ހަމަ އެކަކުވެސް ނެތެވެ. ދިވެހީން ރޮއްވާލައިފިއެވެ. އިންޑިއާ އާއި ސުނިލް ޗެތުރީގެ މޮޅު ކުޅުމަށް އިހުތިރާމު އަދާކުރަމުންވެސް ދަނޑުން ނުކުމެގެން ދާން ޖެހުނީ ބަލި ގަބޫލުކޮށް، "ރޮމުން"ނެވެ.

ހިތްދަތިކަމާއި މާޔޫސް ކަމުގެ ވާހަކަތަކުގެ ތެރެއިން ލިބުނު އުންމީދުތަކަށް ބަލައިލުން މުހިއްމެވެ. މިއީ ތަފާތު ހާލަތެއްގައި ލިބުނު ފިލާވަޅުތަކެކެވެ. މުޅި ގައުމުގެ ކުލަވަރު ބަދަލުވި ފަހަރަކަށް މިފަހަރު ވެއްޖެއެވެ. މިއިން ޒަމާނަކު ނާންނަހާ ބޮޑަށް ފުޓުބޯޅައިން ގައުމީ ރޫހު ގެނުވައިފިއެވެ. ކުލަތަކުން ގެނުވާ ބައިބައިވުން ފުޓުބޯޅައިން ކެނޑިއްޖެ ކަމުގެ އިހުސާސް ގެނުވައިފިއެވެ. ގައުމީ ފުޓުބޯޅަ ޓީމަކީ ވަކި މީހެއް ނޫންކަން، އެއީ އެންމެ ރައްޔިތުން ކަމަށް ގަބޫލު ކުރެވޭލެއް ގިނަވާން ފަށައިފިއެވެ. އަދި ވަކިން ހާއްސަ ކަމެކެވެ. ގައުމީ ރޫހުގައި ތިއްބާ މާޔޫސްވި ސަޕޯޓަރުން ފެނުނީ ގައުމީ ޓީމަށް އިހުތިރާމާއެކު ސެލިއުޓް ކުރިތަނެވެ. މީސް މީޑިއާއަށްވެސް އެ މަންޒަރު ގެނުވައި، ޓީމު އަލުން ނަގަން ދިވެހީން ތިބީ ފޫގަޅައިފައެވެ. އުފާވެރި، އިހުތިރާމުގެ މަންޒަރުތަކެވެ. މި ކަންކަމުގެ ތެރެއިން މަދު ބަޔަކު ކަސިޔާރު ނުވެ ތިބި ވާހަކައެއް ނޫނެވެ. މި ސިފަ ކުރީ ޖުމުލަ މަންޒަރެކެވެ.

ކޮވިޑުގެ ހިތްދަތިކަމުން އައި ހިތްހަމަ ޖެހުމެއް

މުބާރާތުގެ ކުރިންވެސް ދެކެވެމުން އައި އެއް ވާހަކައަކީ ކޮވިޑް 19ގައި ދިވެހީންނަށް ގެނުވާފައި އޮތް މޮޅިވެރިކަމުގެ ވާހަކައެވެ. ގޭ ބަންދުގައި އެތައް ޒަމާނެއް ވަންދެން އުޅެން ޖެހުމުން ގައުމު އޮތީ ނަފްސާނީ ނުތަނަވަސްކަމެއްގައެވެ. އެ ނުތަވަސްކަމުގެ ވިސްނުންތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދުމަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެއް އަމާޒެވެ. އެ ވާހަކަ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފާހަގަކުރައްވާފައެވެ.

"މުބާރާތް ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް ކަމުގައި ދަންނަވަން. އަޅުގަނޑުމެންގެ އެތައް ބަޔަކު ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގޫ ވަގުތުތަކެއް ތަހައްމަލު ކޮށްފި، މާޔޫސީ ދޮޅު އަހަރު ހިނގައްޖެ. ކުރިއަށް ފިޔަވަޅުތަކެއް މިވަގުތު އަޅާއިރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ހުރިހާ ރައްޔިތުންނަށްވެސް އުފާވެރި ކަމަކަށް ވާނެ،" މުބާރާތުގެ ކުރިން ބައްސާމް ވިދާޅުވެފައިވެއެވެ.

ގިނަ ބަޔަކަށް "ނޯމަލް"ގެ އިހުސާސް ކުރެވިއްޖެއެވެ. އެއީ ހާސިލުވި ކާމިޔާބެކެވެ. ރޭގެ މެޗަށްފަހު "ވަން" އަށް ވާހަކަ ދެއްކި ސަޕޯޓަރަކު ބުނީ "އަސްލު ބުނާކަމަށް ވާނަމަ، މިފަހަރު ސާފް ޗެމްޕިއަންޝިޕާއެކު އަނެއްކާވެސް ނޯމަލް ފީލް އަތުވެއްޖެ. ކޮންމެވެސް ވަރަކަށް އެއްކަލަ ޕެންޑަމިކް ހަނދާން ނެތިއްޖެ،" މިހެންނެވެ. ދޭހަވީ އުފާވެރިކަމުގެ ކޮޅު މައްޗަކަށް އަނެއްކާވެސް ރާއްޖެ ހުޅުވެމުން އަންނަ އައުމެވެ. ވެކްސިންގެ ކުރިއެރުންތަކާއެކު ގައުމުގެ އާންމު ހާލަތު ވީ އެންމެ ބޮޑުތަނުން ރަނގަޅުވުމުގެ ބައިވެރިއަކަށް ސާފް ޗެމްޕިއަންޝިޕްވެސް ވެއްޖެކަމެވެ.

2008 ގައުމީ ރޫހުން ގެނައި އުފާވެރިކަން

ފުޓުބޯޅައަކީ ކުޅިވަރަކަށްވުރެ ބޮޑު މާނައެއް ގެނުވާ ރޫހެކެވެ. އެކަން 2008 ވަނަ އަހަރު ރާއްޖެއިން ހޯދި ފުރަތަމަ ސާފް ޗެމްޕިއަންޝިޕާއެކު ފެނިގެން ދިޔައެވެ. ރަށްރަށް އެކީ އެކައްޗަކަށް ރަތް ކުލައިން ޖަރީވެ، މުޅި ރާއްޖެ އެ މުބާރާތުގައި ބައިވެރިވިއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށިގެން އައި ދުވަހަކީ އެންމެ ފޯރީގައި ގައުމުގެ އެކި ކަންކޮޅުތަކުގައި އެކަން ކުރި ދުވަސް ނޫންނަމަވެސް، ނިމިގެން ދިޔައިރު ރާއްޖެ އެކީ އޮތީ ގައުމީ ޓީމާއެކު، ގައުމީ ރޫހުގައެވެ.

ބްރޭންޑިން އާއި މާކެޓިންނަށް އެފްއޭއެމްއަށް މަދު ދުވަސްކޮޅެއް ލިބުމުން އަތޮޅު ތެރެއަށް އެންމެ ރަނގަޅު އެކަށީގެންވާ މިންވަރަށް މާކެޓިން ނުފޯރައި އޮތް ނަމަވެސް، އަތޮޅު ތެރޭގައިވެސް ފޯރި ގަަދަވިއެވެ. އޮފީހަށްވެސް، ބާޒާރަށްވެސް ކޮފީއަށްވެސް ދިޔައީ ރަތް ކުލައިގައެވެ. މެޗު އޮންނަ ދުވަހު ހެނދުނުން ފެށިގެން އެކަމުގައި އުޅެ، ޖަގަހަތައް، ފޭން ޒޯންތައް ހަދައި މެޗު ބަލަމުން ދިޔައެވެ. ޓީމަށް ހިތްވަރު ދިނުމުގެ ޕޯސްތައް ސްކޫލުތަކާއި ހުރިހާ އޮފީސްތަކުންވެސް ކުރަމުން ދިޔަތަން ފެނުނެވެ. އެއީ ދުރުން ދިން ސަޕޯޓެވެ. ދެން އޮތީ ދަނޑަށް ވަނުމާއި ޓިކެޓު ކިޔޫގެ ވާހަކައެވެ. ދަނޑުގައި ދިން ގައުމީ ސަޕޯޓުގެ ވާހަކައެވެ.

ޓިކެޓު ކިޔުތައް ދިގު، ފޯރީގެ ރަމްޒެއް

ޓިކެޓު ވިއްކަން ފެށުމުގެ 19 ގަޑިއިރު ކުރިން ކިޔޫގައި ޖެހި ޓިކެޓު ގަންނަން އުޅުނު އެތައް ބަޔަކު އެބަތިއްބެވެ. ހަމަ އެންމެ ކަމަކަށެވެ. ޓީމަށް ދޭ ލޯބި، އެންމެ ގާތުން ދިނުމަށެވެ. ދަނޑަށް ވަދެ ގައުމީ ރޫހު ނެރެލުމަށެވެ. ޓިކެޓަށް ރައްޔިތުން ރަތްދަކަ އަވީގައި ކުރި އިންތިޒާރުން އެނގުނީ ގައުމީ ފުޓުބޯޅަ ޓީމަށް އޮތް ލޯތްބެވެ. އެކަން އިންޑިއާ މެޗުގެ ކުރިން ކޯޗު އަލީ ސުޒޭންވެސް ފާހަގަކުރިއެވެ.

"ހިތްހަމަ ޖެހުމަކީ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ އެއީ ވަރަށް ރަނގަޅު މޯޓިވޭޝަނެއް. 18 ވަރަކަށް ގަޑިއިރު ކިޔޫގައި ހުރެގެން އަޅުގަނޑުމެންނަށް ސަޕޯޓުކުރަން ޓިކެޓެއް ބައްލަވައިގަތުން މިއީ އަޅުގަނޑުމެންނަށް ކިހާ ބޮޑު ހިތްވަރަކަށް ވާނެތޯ. އެއްކޮށް ތިބި ހުރިހާ ސަޕޯޓަރުން މާޔޫސް ނުވާނެ ގޮތަކަށް ޓީމު ހިތްވަރު ކުރާނެ،" ސުޒޭން އިންޑިއާ މެޗުގެ ކުރިން ބުންޏެވެ.

ދެން އޮތީ ދަނޑު ތެރޭގެ ވާހަކަތަކެވެ. ޒަމާންގަނޑަކަށްފަހު "ކިކު"ގައި މިފަހަރު ސަޕޯޓު ކުރިއެވެ. މެޗުގެ ދެ ގަޑިއިރު ކުރިން ދަނޑު ކައިރި ބަލައިލިޔަސް ރަތް ޖާޒީތަކުގައި، ބެރުތައް ކޮނޑު ޖަހާ މަންޒަރު ފެންނާނެއެވެ. ބޮޑެތި ޑްރަމްތަކާއެކު އެތައް ހާސް ބަޔަކު ވަދެ، ދަނޑު ދިޔައީ ދިވެހި ޓީމުގެ ކޮންމެ މެޗަކަށް ގުގުމަމުންނެވެ. ދިވެހި ލޭ ހުރި ދަރިއެއް ނަމަ، އެ ދަނޑުގައި މަޑު ރާގަކަށް ބޯ ނުޖަހައި ނީނދެވޭހާ ދަނޑުގެ ފޯރިގައެވެ. މުބާރާތުގައި ހަމްޒާ މުހައްމަދު (ހަމްޕު) ރާއްޖެއަށް ޖަހައިދިން ފުރަތަމަ ގޯލާއެކު އަލީ އަޝްފާގު (ދަގަނޑޭ) ގޯލުތަކުންވެސް ފެނުނު މަންޒަރަކީ އިންތިޒާރީ މަންޒަރުތަކެކެވެ. އެ މަންޒަރު ކުރަހަން އެދިއެދި ތިބި ފުޓުބޯޅަ ސަޕޯޓަރުންގެ ހިތްތަކަށް ފިނިކަން ގެނުވި ގައުމީ ޖޯޝުގެ ރަން މަންޒަރުތަކެކެވެ.

ގައުމުގައި، ގައުމީ ޓީމުގެ ފުޓުބޯޅަ އޮތް ކަމުގެ ރަމްޒު އެންމެ ހަތަރު މެޗުންވެސް ސާފުކޮށްދީފިއެވެ. ރޫހުގެ ހުރި އަސަރު ކޮންމެ ހިނދުކޮޅަކުން އެނގިގެން ހިނގައްޖެއެވެ. ހަމަ 2008 ހަނދާން އާ ވި ކަހަލައެވެ. މިވަރުގެ ފޯރިއެއް ގައުމީ ދަނޑުން 2014 ވަނަ އަހަރުގެ ޗެލެންޖު ކަޕަށްފަހު ފެނުނީ މަދު ފަހަރަކުއޭ، ނޫނީ ނުފެނޭ ކަމަށް ބުނެވިދާނެއެވެ. އެހެންކަމުން އެއީ އުންމީދުގެ ވަގުތަކަށް ބަލަމާ ހިނގާށެވެ.

ރުއިމާއެކު ސަޕޯޓަރުންގެ ހިތްވަރު ގަދަ މެސެޖުތަކެއް

މިއީ އެކުގައި އެނބުރި އަންނަންވީ ވަގުތުކަން ސާފެވެ. މެޗަށްފަހު ގައުމީ ޓީމަށް ދިން އިހުތިރާމާއި ލޯބިން ވެސް ދިވެހީންގެ "ލޯބި" ފަޅި ދައްކާލައިފައެވެ. އާނ އެކެވެ. ނުކުތީ އެންމެ ބޭނުންވާ ނަތީޖާ ނޫން ނަމަވެސް ޓީމުގެ ހިތްވަރަކީ ތާ އަބަދު ހަމަ ސަޕޯޓަރުންނެވެ. ޓީމުގެ ހިތްދަތިކަން ބަދަލުކޮށްލާނެ ފަދަ ހިތްވަރުގެ މެސެޖުތައް މިހާރުވެސް އަންނަނީ ބަނޑުން ކުރަމުންނެވެ.

މިއީ ވަކި މީހަކަށް ބްލޭމް ކުރަންވީ ވަގުތު ނޫންކަންވެސް ގިނަ ދިވެހީން މިހާރު ދަނެއެވެ. މަދު ބަޔަކު އެއްޗެހި ގޮވައި، ޓީމަށް ބަދަބަސް ބުނި ނަމަވެސް، ހިތްވަރާއެކު ތިބި އުންމީދީ ސަޕޯޓަރުން މިއަދު ބުނަނީ އެކުގައި ތެދުވާ ވާހަކައެވެ. މިއީ ގައުމީ ފުޓުބޯޅަ ޓީމެވެ. މިއީ އެފްއޭއެމްގެ، ބައްސާމްގެ، ނޫންނަމަ ވަކި ސަރުކާރެއްގެ ޓީމެއް ނޫނެވެ. އެކަން ދަނެ، އެ ފިކުރުގައި ވާހަކަ ދައްކާ އެތައް ބަޔަކު އެބަ ފެނެއެވެ. އެއީ ފުޓުބޯޅައިގެ އެންމެ ބޮޑު މަގުސަދު، "ރެސްޕެކްޓް"ގެ ފިލޯސަފީގެ ބައެކެވެ.

ހިތާމައިގެ ބައްޔެއް ނަމަވެސް، ފުޓުބޯޅައިގެ ވިސްނުމުގައި އޮތް ފޭން ބޭސްއަކީ އުފާވެރިކަމުގެ ސިގްނަލެކެވެ. ގައުމީ ފުޓުބޯޅަ މާނަކުރާ ގޮތަށް، މި މުބާރާތުން ބަދަލުތަކެއް ގެނުވައިފިއެވެ. ކުޅިވަރުގެ މައިދާނުން ސިޔާސީ ނެރުމަކީ އުނދަގޫ ކޮށް އޮތް ކަމެއް ނަމަވެސް، ގައުމީ ޖޯޝުގައި ލޮބުވެތި ސަޕޯޓަރުން ދެއްކި ހިތްވަރުން، އެކަން ފަސޭހަވާނެ މަގުތައް ކޮށެމުންދާކަން ސާފެވެ. 2008 ގެ ހަނދާނަށް ގަރަގުވި އުފާވެރި މަންޒަރުތަކެއްގެ ކުލަ އިހުސާސްވުމަކީ ފެށުމެއް ކަމަށް ބަލަން ޖެހެއެވެ.

ގައުމީޓީމާއެކު އެތައް ހާސް ސަޕޯޓަރުންނަކަށް ރޮމުން ނިންމާލަން ޖެހުނު މުބާރާތެއް ނަމަވެސް، ގައުމީ ގުޅުމުގެ ފޭރާން ވަގުތު ކޮޅަކަށް ހެޔޮވި ކަމީ އުފާކުރަންވީ ކަމެކެވެ. ބަލިވެ މާޔޫސްވިޔަސް، ހެޔޮ މެސެޖުތައް ދޭތަން ފެނުމަކީ ހިތްހަމަ ޖެހެން ޖެހޭނެ މަންޒަރެކެވެ. 12 ވަނަ ކުޅުންތެރިޔާއަށް ސާބަހެވެ. ގައުމީ ޖާޒީގައި ކުޅުނު އެންމެހާ ކުޅުންތެރިންނާއި، ޓީމުގެ ކޯޗުން، އަދި އޮފިޝަލުންނަށްވެސް ސާބަހެވެ. އިސް އުފުލައި އަނެއްކާވެސް ތައްޔާރުވާންވީއެވެ. ރައްޔިތުން ކުޅުންތެރިންނާ އެކުގައި ވާކަން އެނގުން އެއީ ލިބޭނެ ހިތްވަރެއްކަން ޔަގީނެވެ.