ކުޅިވަރު

ބަލިވުމުގެ ޒިންމާ ނަގަން، އެކަމަކު ދިވެހި ކޯޗުންނަށް ނުވާނެ ކަމަށް ގަބޫލެއް ނުކުރަން: ސުޒޭން

މުޙައްމަދު ޝަމްޢޫން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެއިން އިންޑިއާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން ބަލިވެ، މުބާރާތުން ކަޓައިގެން ދާން ޖެހުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ "ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި،" ކަމަށާއި، އެކަމަށް ތައުރީފު ހައްގު ކަމަށެވެ. ސުޒޭން ފާހަގަކޮށްފައި ވަނީ އިންޑިއާއިން މެޗު ފެށީ ވަރުގަދަކޮށް ކަމަށާއި، އޭގެ ސަބަބުން މެޗުގެ ކޮންޓްރޯލް ރާއްޖެއަށް ގެއްލުނު ކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ އެޓޭކުތައް ހުއްޓުވުމުގައި ރާއްޖެއިން ކާމިޔާބީތަކެއް މެޗުގެ ކޮންމެވެސް ހިސާބަކުން ހޯދި ކަމަށްވެސް ސުޒޭން ބުނެފައިވެއެވެ.

"ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް ނަގަން. އެކަމަކު ދިވެހީންނަށް (ދިވެހި ކޯޗުންނަށް) މިކަން ނުވާނެ ކަމަށް ގަބޫލެއް ނުކުރަން،" ސުޒޭން ބުންޏެވެ.

މިއީ ދިވެހި ކޯޗުންނަށް ނުވާނެ ކަމުގެ ވިސްނުމެއް ގެނުވާނެ ނަތީޖާއެއްތޯ އެހުމުން އެކަމުގައި ސުޒޭން ވަނީ އެވާހަކަ ސާފުކޮށްދޭން ނޫސްވެރިޔާގެ ގާތުގައި އަހާފައެވެ.

"ދިވެހީންނަށް ނުވާނެއޭ ތިބުނަނީ ކޮންގޮތަކަށްބާއޭ. މިސާލަކަށް ޓެކްޓިކަލީ ޓީމެއް ތައްޔާރު ކުރުން. ފިޓްނަސްއާ މިހުރިހާ އެއްޗެއްގައި ބަޔަކާ ކޮމްޕީޓް ކުރުން، ނޫނީ ޓީމެއް ތައްޔާރު ކުރުމުން ނުވަނީތޯއޭ. ނުވާނެތޯއޭ ތިފާހަގަ ކުރަނީ އޯގަސްޓް 28 ފެށިގެން ޕްރެކްޓިސް ފަށައި ނަސީބު ދިމާ ކުރި ގޮތުން އަޅުގަނޑަށް މީގައި 10 ދުވަސް ގެއްލިގެންދިޔަ ކަމުގައިވިޔަސް އެ އެއްމަސް ދުވަހުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވި، ކޮމްޕެޓިޓިވް ލެވެލްއެއްގައި ރާއްޖެ ކުޅެފި. އަނެއްކާ އަޅުގަނޑުމެން ބަދަލުކޮށްލަން ބޭނުންވި ފުޓްބޯޅައިގެ ކޮންމެވެސް ވަރެއްގެ ކުލައެއް ޖެހުނުކަން ފާހަގަކޮށްލަން ޖެހޭ. ދިވެހިންނަށް މިކަން ވާނެ،" ސުޒޭން ބުންޏެވެ.

ސުޒެއިން އިތުރަށް ބުނީ "ވާނެ ކަމުގެ ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ވެސް މި މުބާރާތުގެ ތެރެއިން ފެނިގެން ހިނގައްޖެ،" ކަމަށެވެ. ސުޒޭން ބުނީ އުންމީދެއްގައި ތިއްބައި ބަލިވެ ކަޓައިގެން ދާން ޖެހުމަކީ ބޮޑު މާޔޫސް ކަމެއް ކަމަށާއި، އެކަމުގައި ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ.

ސުޒޭން ބުނީ މެޗުން ބަލިވީ "ބެކްފުޓް"ގައި ފެށުމުން ކަމަށް

ޕޯސްޓް މެޗުގައި މާޔޫސީ ކޮށް ފެނުނު ކޯޗު ސުޒޭން ބުނެފައި ވަނީ މެޗުން ބަލިވުމަށް ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ދަށް ކޮށް ފެށުން ކަމަށެވެ.

"މެޗުގައި ދިވާމި އެންމެ ބޮޑު ގެއްލުމަކީ ބެކްފުޓްގައި ފެށުން. އިންޑިއާއިން ވަރަށް ރަނގަޅަށް ފެށި. އިންޑިއާއިން މެޗު ރަނގަޅަށް ފެށީ، ހާއްސަކޮށް އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ކޮލިޓީ ފެނިގެން ދިޔަ. އަޅުގަނޑުމެން މި މެޗަށް ބެލީ ފްލޭންކްތަކުން ކުޅެގެން ޗާންސް ހޯދަން. އޭގެ ތެރެއިން ހަމްޒާއަށް ޗާންސެއް ލިބި ޕެނަލްޓީއެއްވެސް ލިބުނު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މެޗުގައި އިންޑިއާއިން ފަހުން ލީޑު ނެގިއިރު ޓީމު ފެނުނީ ވަރަށް ބޮޑަށް ވަރުބަލިކޮށް ކަމަށާއި، ޓީމަށް ރޭ ފިޓްނަސްގެ މައްސަލަތަކެއް ދިމާވި ކަމަށެވެ. އޭގެ އިތުރުން ކޮޅަށް ފަހުން ވަން ދެ ގޯލުގައިވެސް ގޯލްކީޕަރު މުހައްމަދު ފައިސަލް ފެނުނީ އޭނާގެ "ޕީކު"ގައި ނޫން ކަމަށާއި، ލަފާކުރެވޭ ގޮތުގައި އަނިޔާގެ ސަބަބުން ފައިސަލްގެ ކޮންފިޑެންސަށް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ޓީމުގެ އެކުވެރިކަމާއި، ބަދަހިކަމުގެ ރޫހަށް ސުޒޭން ތައުރީފު ކޮށްފައިވާއިރު، އޭނާ ބުނީ ޓީމުގެ ހިތްވަރަކީ އޭނާއަށް މިފަހަރު ޓީމާ ހަވާލުވެ ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.