ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)ގެ ބައްޕަގެ ނަންފުޅު ވިދާޅުވެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން މޫސަ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
މޫސަ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ނަޝީދު ދެއްވި ޖަވާބުގެ ސަބަބުންނެވެ.
އެމްޑީޕީގެ ލީޑަޝިޕުން ނަޝީދު ދުރުކުރަންޖެހޭކަމަށް ވިދާޅުވެ މޫސަ ދެއްކެވި ވާހަކައާމެދު ދެކިވަޑައިގަންނަވާގޮތަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ނަޝީދު އެ ސުވާލަަށް ޖަވާބު ދެއްވީ މޫސާ މަނިކުގެ ބައްޕަ ރައީސް ނާސިރުގެ ވެރިކަމުގައި އަމަލު ކުރެއްވި ކަމަށް ބުނާ ގޮތެއްގެ މިސާލު ނަންގަވައިގެންނެވެ.
"އަޅުގަނޑު ގާތުގައި މީހަކު ބުނީ މާލޭގައި އުޅުނޭ ކުޑަ އަލީ ކިޔާ މީހެއް. ދެން އިބްރާހިމް ނާސިރާއި އަބްދުލްހަންނާން ހަލީމްއާ، އަމަންއާންމުގައި އުޅުއްވަނީ އަބްދުލްހަންނާން ހަލީމް، ދެން މި ކުޑަ އަލީ ކިޔާ މީހާ އެކި އެއްޗެހި ކިޔާ އިނގޭތޯ، ނާސިރޭ ކިޔައިގެންވެސް ކިތަންމެ އެއްޗެއްވެސް ކިޔާ. ދެން އެންމެ ފަހުން ނާސިރު ވިދާޅުވީ އަބްދުލްހަންނާން އަރިހުގައި، ދެން ކުޑަ އަލީ ދޫކޮށްލައިގެން އަޅުގަނޑުމެންނަށް ވެރިކަން ނުކުރެވޭނިއްޔާ ދެން ނުކުރާންވީ ނޫހޭ،" ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ 8 ފެބްރުއަރީ 2012ގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެން އަނިޔާގެ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވައި އެ ދުވަސް ހަނދާން އެބަހުރިތޯ ސުވާލު ކުރައްވައިފައެވެ. އެ ޓުވީޓުގައި މޫސަ ވިދާޅުވީ ރައީސް ނަޝީދުގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަވެސް އޭނާގެ ބައްޕަ ދުނިޔޭގައި ނެތް ކަމަށެވެ.
"މިދުވަސް ހަނދާކޮށްލައްވާ މަނިކުފާނުގެ ބައްޕަ ދުނިޔޭގައި ހުންނެވިޔަސް އަޅުގަނޑު އެންމެ ލޯބިވާ ކުޑައަލީ (ބައްޕަ) ވަނީ މިދުނިޔެއާ ވަކިވެފަ. ބައްޕައާ ނުބެހި ސިޔާސީ ޒުވާބުކުރަން އެނގެންޖެހޭނެ،" މޫސަ ވިދާޅުވިއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި މޫސަ ރޭ ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެމްޑީޕީގެ ފައިސާގައި ނަޝީދު ޖެހިވަޑައިގެންފައިވާ ކަމަށާއި ނަޝީދުގެ ތަރި އޮއްސިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ތެރޭގައި ނަޝީދަށް ތާއީދެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު