އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ނޭޕާލް ވެއްޖެއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުމާއެކު ނޭޕާލަށް ވަނީ ފައިނަލުގެ ޖާގަ ޔަގީންވެފައެވެ. އެ ނަތީޖާއާއެކު ބަންގުލަދޭޝްއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.
މިއަދުގެ މެޗު ވެފައި އޮތީ ދެޓީމަށްވެސް މަރުގެ މެޗަކަށެވެ. ލީގު ބުރުގައި ދެޓީމުންވެސް ކުޅުނު ފަހު މެޗަށް ނުކުތްއިރު، ތާވަލުގެ އެއްވަނައިގައި އޮތީ ނޭޕާލެވެ. ބަންގުލަދޭޝް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. މިއަދުގެ މެޗަށް ނުކުތްއިރު ނޭޕާލަށް އޮތީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. ބަންގުލަދޭޝްއަށް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ. އެހެންކަމުން ބަންގުލަދޭޝްއަށް އޮތީ މެޗުން މޮޅުވެ ފައިނަލަށް ދިއުމެވެ. ނޭޕާލަށް މެޗު އެއްވަރުކޮށްލައިގެން ފައިނަލަށް ދެވެން އޮތެވެ.
ކުރިން ބަންގުލަދޭޝްއަކީ މި ސަރަހައްދުގެ ގަދަ ބާރެއް ނަމަވެސް ނޭޕާލުން މިހާރު އަންނަނީ އާ ޖީލެއް ބިނާކޮށް ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުންނެވެ. ހާއްސަކޮށް މި މުބާރާތުގައި ނޭޕާލު ފެންނަމުން ދިޔައީ ވަރުގަދަކޮށެވެ. އަނެއްކޮޅުން ބަންގުލަދޭޝް ކުޅެމުން ދިޔައީ އޮސްކާ ބްރޫޒޮންގެ ރަސްމީ ކުޅުމެވެ. ޓްރާންސިޝަނަލް ފުޓުބޯޅައެކެވެ. މިއަދުގެ މެޗުގައިވެސް ފެނުނީ އެ ކުޅުމެވެ.
މެޗަށް ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ދިޔައީ ފޯރި ނަގަމުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބަންގުލަދޭޝްއިން ވަނީ އެ ސަޕޯޓަރުންނަށް އުފާވެރިކަންވެސް ގެނެސްދީފައެވެ. އަރިމަތިން ކެޕްޓަން ޖަމާލް ބުޔާން ޔަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ މެޗުގައި މޮޅަށް ކުޅުނު އެމްޑީ ސުމަން ރެޒާއެވެ. ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބަންގުލަދޭޝް އިން ގޯލު ކާމިޔާބުކުރީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުންނެވެ.
އޭގެ ފަހުން ދެން ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ނޭޕާލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަތަނެވެ. ބަންގުލަދޭޝްގެ ގޯލަށް މާ ގިނައިރެއް ނުވެ ނޭޕާލުގެ ކެޕްޓަން ރޯހިތު ޗާންދަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، ހާފު ނިމެން ދަނިކޮށް އަޔޫޝް ޑަންގީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ދެވަނަ ހާފަށް ނުކުމެ ބަންގުލަދޭޝްއިން ބެލީ ޑިފެންސް ކުރުމަށެވެ. އަނެއްކޮޅުން ނޭޕާލު ދިޔައީ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ދޭތެރެ ދޭތެރެއިން ކައުންޓާގައި ބަންގުލަދޭޝް ނުރައްކާ ކުރި ނަމަވެސް މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓުކޮށް ކުޅުނީ ނޭޕާލުންނެވެ. ރޯހިތު ޗާންދު ބޮލުން ފޮނުވާލި ހަމަލާއެއް ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ބަންގުލަދޭޝްގެ ކައުންޓާގައި ނުރައްކާ ކުރީ ފުރަތަމަ ގޯލު ޖެހި ރެޒާއެވެ. އަރިމަތިން ބާރު ދުވެލީގައި އޭނާ ކުރިއަށް ޖެހި ބާރު ހަމަލާއެއް ދެވަނަ ހާފުގައިވެސް ފެނިގެން ދިޔަ އިރު، އެ ހަމަލާ މަތަކުރީ ނޭޕާލުގެ ތަޖުރިބާކާރު ގޯލްކީޕަރު ކިރަންއެވެ.
ނޭޕާލުން ގޯލަކަށް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނީ މެޗުގެ 79 ވަނަ މިނެޓުގައި މޮޅަށް ކުޅެމުންދިޔަ ބަންގުލަދޭޝް ގޯލްކީޕަރު އަނީސުރް ރަހުމާނަށް ދެއްކި ރަތް ކާޑާއެކު ބަންގުލަދޭޝްގެ ކުޅުންތެރިޔަކު މަދުވުމުންނެވެ. ބަންގުލަދޭޝްގެ ޑިފެންޑަރު ފަހަތަށް ޖެއްސި ބޯޅައަކަށް ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ކުރިއަށް އަރައި، އަންޖަން ބިސްތާގެ ހަމަލާއަކަށް ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން ކީޕަރު އަނީސުރް ރަހުމާނަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.
އެ ރަތްކާޑާއެކު ނޭޕާލުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އޭގެ ނަތީޖާއިން އެޓީމުން އެއްވަރު ކުރީ މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ބަންގުލަދޭޝް ޑިފެންޑަރު ސާދު، ނޭޕާލުގެ އަންޖަން ބިސްތާއަށް ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝަށް ޕެނަލްޓީ ލިބި، އެ ޕެނަލްޓީއާއެކު ނަތީޖާ ހަމަހަމަކޮށްދިނީ އަންޖަން ބިސްތާއެވެ.
މިއީ ނޭޕާލުގެ ތާރީހުގައިވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކަށް ނޭޕާލު ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މި ފައިނަލަކީ އެގައުމުން ބުރަކޮށް ކުރި މަސައްކަތުގެ ކާމިޔާބީއެކެވެ. އެގައުމުން ޒުވާން ޓީމުތައް ވަރުގަދަކޮށް، ޔޫތު ސިސްޓަމް ވަރުގަދަކޮށް މި ކާމިޔާބީއަށް މަސައްކަތް ކުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
ނޭޕާލުން ފައިނަލުގައި ކުޅެން ޖެހޭ ޓީމު ކަށަވަރުވާނީ މިރޭ ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ރާއްޖެއަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. އިންޑިއާއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ ރާއްޖެ ބަލިކޮށްގެންނެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް