ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މާލޭ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފިއެވެ.

މި ޒިޔާރަތަކީ މާލެ ޕޮލިސް ކަސްޓޯޑިއަލްގެ ބަންދުގައި ތިބި މީހުންނާ މެދު އަމަލު ކުރެވޭ ގޮތާއި އެ ތަނުގެ އާންމު ހާލަތާއި ކަސްޓޯޑިއަލްގައި ބަންދު މީހުންނާމެދު ހިނގާފާނޭ އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯބެލުމާއި އެފަދަ އަމަލަކަށް މަގުފަހިވާ ފަދަ ކަމެއް ހުރިތޯ ބެލުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް އެންޓި ޓޯޗާ ގާނޫނާއި ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދޭތޯ ބެލުމެވެ.

މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި މިފަދަ މާހާއުލެއްގައި މަސައްކަތްކުރާއިރު ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ލިބިދޭން ޖެހޭ ރައްކާތެރިކަން ލިބިދޭތޯ އާއި ޕޮލިސް ކަސްޓޯޑިއަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާއްމު ހާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ބެލުމަކީވެސް އެ ޒިޔާރަތުގެ މަގުސަދެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެތަނުގައި އަމަލު ކުރޭތޯވެސް މި ޒިޔާރަތުގައި ބަލައިފައިވާ ކަމަށެވެ.

މާލެ ޕޮލިސް ކަސްޓޯޑިއަލަށް ކުރި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ދިވެހި ފުލުހުންގެ ހިދުމަތާއި ރައީސުލްޖްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ ހިއްސާކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯ-އަޕް ހެދުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

މާލެ ޕޮލިސް ކަސްޓޯޑިއަލަށް އެޗްއާރްސީއެމުުން ކުރި ޒިޔާރަތަކީ އެ ސްޓޭޝަނަށް ކުރި ނުވަ ވަނަ ޒިޔާރަތެވެ.