ރާއްޖޭގެ ގައުމީ ޓީމަށް މިރޭ އިންޑިއާއާ ދެކޮޅަށް އޮތީ މަރުގެ މެޗެކެވެ. މެޗުން ޕޮއިންޓެއް ހޯދަން މަޖުބޫރެވެ. ފައިނަލަށް ދާން އޮތީ އެ ފުރުސަތެވެ. މިހާތަނަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އިންޑިއާއާ ދެކޮޅަށް ކުޅޭއިރު އަބަދުވެސް ދިވެހީންގެ ލޭ ކެކޭނެއެވެ. އެއީ ފެންނާނެ މަންޒަރެކެވެ. ކޯޗު އަލީ ސުޒޭން ބުނިހެން "އިންޑިއާއަކީ ރާއްޖޭގެވެސް ފުޓުބޯޅައިގެ އެންމެ ބޮޑު ވާދަވެރިޔާ،" އެވެ. ހާއްސަކޮށް ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗެއް ގައުމީ ދަނޑުގައި އޮތުމަކީ ދިވެހީންގެ ގައުމީ ޖަޒުބާތު މާ ބޮޑަށްވެސް އުތުރި އަރާނެ ކަމެކެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގައި އެންމެފަހުން ރާއްޖެއާއި އިންޑިއާ، ގައުމީ ދަނޑުގައި ވާދަކުރީ 2008 ވަނަ އަހަރުއެވެ. އެފަހަރު ރާއްޖެއިން ލަންކާގައި ކުޅުނު ފައިނަލުގައި އިންޑިއާ ބަލިކޮށް ތަށި ނެގި ނަމަވެސް، ގްރޫޕު ސްޓޭޖުގައި ދިވެހިން ކުރިމަތީ ކުޅުނު މެޗުން މޮޅުވީ އިންޑިއާއެވެ. އެ މެޗުން އިންޑިއާ މޮޅުވީ 1-0 އިންނެވެ. ފެނުނު މަންޒަރަކީ ޖަޒުބާތީ މަންޒަރުތަކެކެވެ. އެއްވެސް ޒަމާނެއްގައި އިންޑިއާ އަތުން ގައުމީ ދަނޑުގައި ބަލިވާކަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު ނޭދެނޭއެވެ. 2008 ވަނަ އަހަރުގެ މެޗުންވެސް އެކަން ސާފުވިއެވެ. ރައްޔިތުން އެރޭ އިންޑިއާ ކުޅުންތެރިންނަށް ނުރުހުންވެ، ޖެހުނު ޖަޒުބާތުގައި ފޯރިގަދަކޮށް ފައިނަލާ ހަމައަށް ހިފަހައްޓާލިއެވެ. އެ ފައިނަލުގެ މޮޅަކީ ގައުމީ ފުޓުބޯޅައިގެ އެންމެ ބޮޑު ދުވަހެވެ.

އަނެއްކާވެސް އެއްކަލަ އިންޑިއާއާ ދެކޮޅަށެވެ. މިއަދުވެސް އޮތީ އެ ނަޒަރުގައެވެ. ޓިކެޓު ނަގަން ކިޔޫ ޖެއްސީ 18 ގަޑިއިރު ކުރިންނެވެ. ޓިކެޓު ވިކި ހުސްވެ އެތައް ބަޔަކު ރަތަށްވެސް އެރިއެވެ. "18 ވަރަކަށް ގަޑިއިރު ކިޔޫގައި ހުރެގެން އަޅުގަނޑުމެންނަށް ސަޕޯޓުކުރަން ޓިކެޓެއް ބައްލަވައިގަތުން މިއީ އަޅުގަނޑުމެންނަށް ކިހާ ބޮޑު ހިތްވަރަކަށް ވާނެތޯ. އެއްކޮށް ތިބި ހުރިހާ ސަޕޯޓަރުން މާޔޫސް ނުވާނެ ގޮތަކަށް ޓީމު ހިތްވަރު ކުރާނެ،" މެޗުގެ ކުރިން ކޯޗު ސުޒޭން ބުންޏެވެ.

އެ ހިތްވަރު މިއަދު މަގުތަކުންވެސް ފެނެއެވެ. އެތައް ބަޔަކު، އެތައް ރަށެއްގައި އޮފީސްތަކަށް ދިޔައީވެސް ރަތް ކުލައިގައެވެ. ގައުމީ ޖާޒީގައެވެ. މަގުމަތިން ދެކޮޅަށް ދާ އެތައް ބަޔަކު ފެންނަނީ ގައުމީ ޖާޒީގައެވެ. ކެފޭ ރެސްޓޯރެންޓްތަކަށް ބަލައިލިއަސް ޖާޒީގައި ތިބި މީހުން މަދެއް ނޫނެވެ. ބާޒާރުމަތިން ވެސް ފެނުނީ ހަމަ އެ މަންޒަރެވެ. ވަގުތު ކައިރިވަމުންދާ ވަރަކަށް ޖާޒީގެ ކުލަތައް ވަނީ ގިނައެވެ. ގައުމީ ޓީމުގެ ޝަރަފުގައެވެ.

އެ ޖާޒީތަކުގެ މަންޒަރު ފެންނާނެކަން މަގުތަކުން ރޭ ފެނުނު މަންޒަރުވެސް ސާފުވި ނޫންތޯއެވެ. ޖާޒީއެއް ވިއްކާ ފިހާރައެއް ވިއްޔާ މެންދަމުން އަނބުރާ ދޭއް ތިނެއް ޖަހަންދެން ކިޔޫތައް ދަމާލިއެވެ. ގައުމީ ޖާޒީއެއްގެ އިންތިޒާރުގައި، އޯޑަރުކުރަމުން ދިޔަ އެތައް ބަޔަކަށް އަދިވެސް ޖާޒީ ނުލިބިގެން ފޭސްބުކާއި ޓުވިޓާގަވެސް އެވާހަކަ ދައްކަނީއެވެ. ގައުމީ ރޫހެވެ. ގައުމީ ޖޯޝެވެ. ކޮންމެ ރައްޔިތަކުވެސް ގައުމީ ޓީމުގެ ހިތްވަރަށް މި ކުރަމުންދަނީ އަގުހުރި މަސައްކަތެކެވެ. ޓީމުގެ ހިތްވަރަކީ ހަމަ 12 ވަނަ ކުޅުންތެރިޔާއެވެ. ގައުމީ ޖާޒީއެއްގައި އޮފީހަށް، ކުލާހަށް، ހޮޓަލަށް، ނޫނީ ކަސްރަތަށް ދިއުމަކީވެސް ފަހުރެކެވެ. ގައުމީ ޓީމަކީ ދިވެހީންގެ ފަހުރެވެ.