އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ނުވަވަނަ މެޗުގައި ނޭޕާލާއި ބަންގުލަދޭޝް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަކީ ދެޓީމަށްވެސް މަރުގެ މެޗެއް. ލީގު ބުރުގައި ދެޓީމުގެވެސް ފަހު މެޗަކީ މިއަދުގެ މެޗު. މިވަގުތު ތާވަލުގެ އެއްވަނައިގައި ނޭޕާލް އޮތް އިރު، ބަންގުލަދޭޝް އޮތީ ތާވަލުގެ ހަތަރު ވަނައިގައި. ނޭޕާލަށް ތިން މެޗުން ހަ ޕޮއިންޓު ލިބިފައި އޮތް އިރު، ބަންގުލަދޭޝްއަށް ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު. މިއަދުގެ މެޗުން މޮޅުވެގެން ބަންގުލަދޭޝްއަށް ފައިނަލަށް ދެވޭނެ. މެޗު އެއްވަރުކޮށްލައިގެން ވެސް ނޭޕާލަށް ފައިނަލަށް ދެވިދާނެ.

ނޭޕާލާއި ބަންގުލަދޭޝް މިހާތަނަށް ވަނީ ޖުމުލަ 22 މެޗެއްގައި ވާދަކޮށްފައި. ނޭޕާލުން ހަތް ފަހަރަކު ބަންގުލަދޭޝްގެ މައްޗަށް ކުރި ހޯދާފައިވާ އިރު، ބަންގުލަދޭޝް ވަނީ 13 ފަހަރަކު ނޭޕާލް ބަލިކޮށްފައި. އެންމެފަހުން ދެގައުމުން ވާދަކުރި މެޗުން މޮޅުވީ ނޭޕާލް. ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުޅުނު އެ މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން. ކުރިން ބަންގުލަދޭޝްއަކީ މި ސަރަހައްދުގެ ގަދަ ބާރެއް ނަމަވެސް ނޭޕާލުން މިހާރު އަންނަނީ އާ ޖީލެއް ބިނާކޮށް ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން. ހާއްސަކޮށް މި މުބާރާތުގައި ނޭޕާލު ފެންނަނީ ވަރުގަދަކޮށް.

ނޭޕާލުން މެޗަށް ނުކުންނާނެ ކަމަށް ބެލެވެނީ އެޓީމުގެ އެޓޭކިން ލައިން އަޕުގައި. އެޓީމުން އާންމުކޮށް ކުޅޭ 4-3-3 ފޯމޭޝަންގައި ނޭޕާލުން މެޗަށް ނުކުންނާނެ އިރު، އެންމެފަހުން އިންޑިއާ މެޗުގައި ބެންޗުން ފެށި އަންޖަން ބިސްޓާއާއި ނަވަޔުގް ޝްރެސްތާ މިއަދުގެ މެޗު ފަށާނެ ކަމަށް ބެލެވޭ.

ބަންގުލަދޭޝްއަށް އޮތް އެންމެ ބޮޑު މައްސަލައަކީ މުހިއްމު ޑިފެންޑަރު ޔާސިން އަރަފާތު ސަސްޕެންޝަންގައި ހުރުން. އެހެން ނަމަވެސް ރާއްޖެއާ ދެކޮޅަށް ބަންގުލަދޭޝް ކުޅުނު މެޗުގައި ސަސްޕެންޝަންގައި ތިބި ޑިފެންޑަރު ބިޝްވަނަންތު ގޯޝްއާއި ފޯވަޑް ރާކިބް ހަސަން މިއަދުގެ މެޗަށް ނުކުންނާނެ ކަމަށް ބެލެވޭ. ބެލެވޭ ގޮތުގައި ބަންގުލަދޭޝް މެޗަށް ނުކުންނާނީ ޑިފެންސަށް ސަމާލުވެ 4-4-2 ފޯމޭޝަންގައި.