ރައްޔިތުންގެ މަޖިލިސް

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ޖުޑިޝަރީ ކޮމެޓީން މޮނީޓާ ކުރުމަށް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ރިމާންޑް ޖަލުތަކުގައި ތިބި މީހުންގެ މައްސަލަތައް ނިމެންދެން އެމީހުންނާމެެދު ކަން ހިނގާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މޮނީޓާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސް ކުރީ، ޖަލުތަކުގައި ވާނުވާ ޖަހައި ބަންދުކޮށްފައި ތިބޭ މީހުންގެ ޝަރީއަތް ލަސްވުމާއި އެމީހުންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން މަޖިލިސް ތަޅުމުގައި ކުރި މަޝްވަރާގައި އެކަންކަން މަޖިލީހުގެ ކޮމިޓީއަކުން ބަލަން ޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.

އަލީ އާޒިމް ހުށަހެޅުއްވީ، މުއްދަތެއް ނެތް ގޮތަށް ވާނުވާ ޖަހާފައި ޖަލުގައި މިހާރު ތިބި 370 އަށްވުރެ ގިން މީހުންނަކީ ކޮން ބައެއްތޯ އާއި އެމީހުން ބަންދު ކޮށްފައިވަނީ ކޮން މައްސަލަތަކެއްގައި ތޯ އާއި އެމީހުންގެ ތަހުގީގާއި ޝަރީއަތާ ބެހޭ މައުލޫމާތު ހޯދައި އެމީހުންގެ މައްސަލަތައް ނިމެންދެން މަޖިލީހުގެ ކޮމިޓީއަކުން އެކަންތައްތައް މޮނީޓާ ކުރަމުން ގެންދިއުމަށެވެ.

އަލީ އާޒިމްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ހުށަހެޅުން ފާސް ކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ހުށަހެޅުން ފާސްވުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، އެ ކަންތައްތައް މޮނީޓާ ކުރަމުން ގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ކަމަށެވެ.