ޚަބަރު

ސޭޓު ބަނުމަށްފަހު ފިހާރައަކުން ފޭރުނު މީހަކު 10 މަހަށް ޖަލަށް

މުހައްމަދު އިޝާން

މާލޭ ފިހާރައެއްގެ ސޭޓަކަށް ހުރި އަންހެން ކުއްޖަކު ގޮނޑިއާ އެކު އެއްސުމަށް ފަހު އެ ފިހާރައިން ފޯނާއި ފައިސާ ފޭރުނު މައްސަލައެއްގައި ދައުވާ ކުރި މީހާގެ މައްޗަށް ކުށް ސާބިތުވުމުގެ ސަބަބުން 10 މަަސް ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވައިފިއެވެ.

ސެޕްޓެމްބަރު 22، 2019 ވަނަ ދުވަހުގެ ރޭ 11:00 ހާއިރު، ބުރުޒުމަގުގައި ހުންނަ ޑްރެސްކޯޑް ފިހާރަޔަށް ވަދެ އެ ފިހާރައިގެ ސޭޓަކަށް އިން އަންހެން މީހާގެ ވައަތާއި ދެ ފައި ގޮނޑިއާ އެކު އައްސައި އެ އަންހެން މީހާގެ ޒިއޯމީ ބްރޭންޑުގެ ފޯނާއި ފިހާރައިގެ ޒިއޯމީ ބްރޭންޑުގެ ފޯނަކާއި ފިހާރައިގެ ވަތްގަނޑުގައި ހުރި 1،735ރ. ފޭރުނު މައްސަލައިގައި ދައުވާ ކުރީ ހދ. ކުޅުދުއްފުށި، ބުލޫނިޔާގެ، އަހުމަދު ނަޝީދުގެ މައްޗަށެވެ.

އެ މައްސަލައިގައި އަހުމަދު ނަޝީދުގެ މައްޗަށް ކުރީ ފޭރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އަނިޔާއެއް ދިނުމުގެ ދައުވާކުރީ ސޭޓުގެ އަތް އެއްސުމުގެ ސަބަބުން އޭނާއަށް އަނިޔާވެފައިވާތީއެވެ.

ފޭރުމުގެ ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

ނަޝީދު ވަނީ އޭނާގެ މައްޗަށް ކުރެވުނު ދެ ކުށަށްވެސް ކުރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ. ނަޝީދު ކޯޓުގައި ބުނެފައި ވަނީ ކުށް ކުރެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. އަދި ފިހާރައިގެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި ދެން އަތުލި ފޯނާއި ނެގި ފައިސާ ލެވުނު ތަނެއް ނޭނގޭ ކަމަށެވެ. ކުށަށް އިއުތިރާފުވުމުން މިފަދަ މައްސަލަތަކުގައި އަދަބަށް ޖުނަހުގެ އެއް ދަރަޖައިގެ ލުޔެއް ދެއެވެ.

ތަހުގީގު މަރުހަލާގައި ބަންދުގައި 16 ދުވަސް ހޭދަކޮށްފައި ވުމުން ނަޝީދު ތަންފީޒު ކުރަން ޖެހޭނީ ނުވަ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފޭރުމުގެ ކުށް ސާބިތުވެފައިވާތީ އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބުން ދެބައިކުޅަ އެއްބައި އުނިކޮށްދިނެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅީ އެއް މަހާއި ހަ ދުވަހެވެ. އެހެންކަމުން ނަޝީދު ޖުމްލަ ތަންފީޒު ކުރަން ޖެހޭނީ 10 މަހާއި އަށް ދުވަހުގެ ޖަލު ހުކުމެކެވެ.