ރާއްޖޭގެ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ވަރުގަދަ ކުރެވިދާނެ ގޮތްތަކާމެދު ފަންނީ ލަފާ ހޯދުމަށް އެމެރިކާގެ އެމެރިކާގެ ސެކިއުރިޓީ ކޮންސަލްޓެންޓަކު ރާއްޖެ ގެނެސްފިއެވެ.
ރާއްޖެ ގެނެސްފައިވަނީ އެމެރިކާގެ ވީއައިޕީ ސެކިއުރިޓީ ކޮންސަލްޓަންޓް ޝީމަސް މިއުލާއެވެ. މިއުލާ ރާއްޖެ ވަޑައިގެން މިއަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވައިފައެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާ ވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ވަރުގަދަކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މިއުލާއާ މަޝްވަރާކުރައްވައިފައެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ޝީމަސް ރާއްޖެ ވަޑައިގެންފައިވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ރާއްޖޭގެ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ވަރުގަދަކުރުމަށް ފަންނީ ލަފާ ހޯދަން އެމެރިކާގެ ސްޕެސަލިސްޓެއް ގެނެސްފައި މިވަނީ، މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިންއިރު، އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީއާ މެދު ސުވާލު އުފައްދައި ގިނަ ފަރާތްތަކުން ފާޑުކިޔާފައިވަނިކޮށެވެ.
އެ ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑިކިޔުން އަމާޒުވިއެވެ. އެގޮތުން ސެކިއުރިޓީ ބްރީޗްވެފައިވާ ކަމުގެ ތުހުމަތުތަކާއި އިންޓެލިޖެންސް ހަރުދަނާ ނޫންކަމުގެ ތުހުމަތުތައް ވަނީކޮށްފައެވެ.
އެ ހަމަލާގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ފަސް މަސް ފަހުން އިއްޔެ ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު