ހދ.ކުޅުދުއްފުށި ސިޓީގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން 14 ދުވަހަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)އިން މަނާކޮށްފި އެވެ.
ޖޭއެސްސީއިން ބުނީ، އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރީ، ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް ލިބުނު މައުލޫމާތުގެ އަލީގައި އިބްރާހީމް ޝާހިދު، ޖިނާއީ މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާ ކަމުގައި ކުރެވިފައިވާ ތުހުމަތަށް އިއުތިރާފު ވެފައިވާތީ ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ކުރި ތަހުގީގަށް ހޯދުނު މައުލޫމާތުން ވެސް އިބްރާހީމް ޝާހިދު ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދާ ކަން ސާބިތުވާ ކަމަށެވެ. އިބްރާހީމް ޝާހިދު ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދިއުމަކީ، ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރި ދުވަސްތަކަށް މުސާރަ އާއި އިނާޔަތްތަކެއް ނުލިބޭނެ އެވެ. މުސާރާ އާއި އިނާޔަތް ނުލިބޭ ގޮތަށް އިބްރާހީމް ޝާހިދު ވަޒީފާއަށް ނުކުތުން މަނާ ކުރީ، މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 77 ވަނަ ބައްދަލުވުމުގައި ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
ޖޭއެސްސީން އަންނަނީ، ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އަހުމަދު ޒިޔާދުގެ ސުލޫކީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. އެ މައްސަލަައަކީ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކާ ގުޅޭ މައްސަލައެއްގެ ޝަރީއަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުގެންދާ މައްސަލަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު