މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ސެޕްޓެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 8.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްވުރެ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ލިބުނު އާމްދަނީ އިތުރުވީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މިދިޔަ މަހަށް ފަސްކޮށްފައިވުމަކީވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހެވެ. އެއީ 745 މިލިއަން ރުފިޔާ ނުވަތަ 37.6 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 553.11 މިލިއަން ރުފިޔާ ނުވަތަ 27.9 ޕަސެންޓެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ (%20.7)، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ (%3.7)، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ (%7.5) ލިބިފައިވެއެވެ.