ރައްޔިތުންގެ މަޖިލީހުގައި މިހާރު އެންމެ މުހިއްމު މަސައްކަތަަކަށް އޮތީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، މަޖިިސް ރިޔާސަތު ނުބަލަހައްޓަވާތާ 150 އަށްވުރެގިނަ ދުވަހަށް ފަހު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެން، މަޖިލީހުގެ ރިޔާސަތުން އަންގަވާ އެންގެވުމުގެ ގޮތުގައި މަޖިލިސް މެންބަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކުރީން ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި، ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީއާ ބެހޭ ގޮތުން ހުސްވި ސެޕްޓްމްބަރު މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

މެއި ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އޮތް މުހިއްމު މަސއްކަތްތަކަށް ބަލާއިރު އެންމެ މުހިއްމު ކަމަކަށް އޮތީ ބަޖެޓްގެ މަސައްކަތް ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު އަދަދު ތަކާއި އާމްދަނީއަށް ބަލާއިރު، މި އަހަރުގެ މިހާހިސާބަށް އައިއިރު، ބައެއް ދާއިރާތަކުން އަންދާޒާ ކުރި އަދަދަށްވުރެން ރަނގަޅަށް އާމްދަނީ ލިބިފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުން ލިބުނު އާމްދަނީ އިތުރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް މެންބަރުންގެ މަސައްކަތްތަކާއެކު ސަރުކާރުން ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމަށް ކުރި މަސައްކަތުގެ ސަބަބުން ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ހުރި މިސްރާބަށް ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށް ހޯދިފައި ނުވާ އާމްދަނީ އަކީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން ޓޫރިސްޓް ހޮޓަލާއި ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުމާއި އިންޓަގްރޭޓެޑް ޓޫރިސްޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލްސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށް ނިންމުމާ ގުޅިގެން ހިންގަން ޖެހޭ އިދާރީ ބައެއް ކަންކަމާ ގުޅިގެން ހޯދިފައި ނުވާ އާމްދަނީ ކަންވެސް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެގޮތުން، ރެޒިޑެންޝަލް ޕާމިޓް ފީން 348.1 މިލިޔަން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ލިބުނީ 51 މިލިޔަން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރިއަލްސްޓޭޓް ޕްރޮގްރާމްތަކުން 4.7 ބިލިޔަން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ލިބިފައިވަނީ 1.6 ބިލިޔަން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.