ޚަބަރު

އޮފިސަރުން ބޭނުންވަނީ ޝަރީއަތް ލައިވްކޮށް ކުރިޔަށް ގެންދަން

މުހައްމަދު އިޝާން

ފުލުހުންގެ ހިދުމަތުގެ އިސް ސަފުން ވަކިކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ލައިވް ކޮށްދޭން ސިވިލް ކޯޓުގައި އެ އޮފިސަރުންގެ ފަރާތުން އެދިއްޖެ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމައިފަ އެވެ. ޕޮލިސް ބޯޑުގެ އެ ނިންމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަނިކޮށް، ދެ އޮފިސަރަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި ހަތަރު އޮފިސަރަކު މަގާމުން ވަކި ކުރުމަށް 10 ދުވަހުގެ ނޯޓިސް ވަނީ ދީފަ އެވެ.

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން، އިއްޔެ ވަކި ކޮށްފައިވާ ދެ އޮފިސަރުންނަކީ މީގެ 10 ދުވަސްކުރިން ނޯޓިސް ދިން ދެ އޮފިސަރުންނެވެ. އެމީހުންނަށް ދިން ނޯޓިހުގެ މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ. އެހެންކަމުން އެމީހުން މަގާމުން ވަކިކޮށް ޗިޓާ ހަވާލު ކުރުމަށް ފުލުހަށް ހާޒިރުވާން އެންގި ނަމަވެސް ޗިޓާ ހަވާލުވުމަށް އެމީހުން ފުލުހަށް ހާޒިރު ވެފައެއް ނުވެ އެވެ.

މަގާމުން ވަކި ކުރުމަށް 10 ދުވަހުގެ ނޯޓިސް އިއްޔެ ދިން މީހުންގެ ތެރޭގައި ހިމެނެނީ، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ. ނަމަވެސް ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ދީފައިވާކަން އަދި ސާފެއް ނުވެ އެވެ. އޭނާ މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ބޯޑުގެ އެ ނިންމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ހުށަހަޅާފައި ވަނިކޮށް ދެ އޮފިސަރަކު މަގާމުން ވަކިކުރުމުން ދެން ތިބި އޮފިސަރުން ވަނީ ޑިސްޕިއުޓް މަރުހަލާއިން މައްސަލައަށް ހައްލު ނުހޯދުނު ކަމަށް ބުނެ އަޑުއެހުން ފަށަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށަހަޅައިފަ އެވެ.

ފަސް އޮފިސަރުންގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީގައި ވަނީ، ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާއި ޕޮލިސް ބޯޑު އަދި ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދޭން އެދިފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ސިވިލް ކޯޓުގައި ފަސް އޮފިސަރުންގެ ފަރާތުން ވަކާލާތު ކުރައްވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ދިވެހި ޗެމްބާސްގެ ވަކީލު މަރިޔަމް ނިހާޔަތު އެވެ. ނިހާޔަތު މިއަދު މެންދުރު "ވަން"އަށް ވިދާޅުވީ، އޮފިސަރުންގެ ފަރާތުން ޝަރީއަތް ލައިވް ކޮށްދޭން އެދި ސިޓީ ހުށަހަޅާފައި ވަނީ، އެކަމުގައި އާއްމު މަސްލަހަތު ހިމެނޭތީ ކަމަށެވެ. ސަބަބަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާން ކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އޮފިސަރުން ދެކޭ ގޮތުގައި އެމީހުން ވަޒީފާއިން ވަކިކުރަން ނިންމީ ބޭއިންސާފުންނެވެ. އެގޮތުން ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީ ވާން ފުރުސަތު ނުދީ ކަން ކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް އޮފިސަރުން ވަނީ ވިދާޅުވެފަ އެވެ.