އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ސްރީ ލަންކާ އިއްޔެ ވާދަކުރި މެޗުގައި ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އޭނާ ބުނެފިއެވެ.

އިއްޔެ ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފައިސަލް އަށް އަނިޔާވެ އޭނާ ބާލަން ޖެހިފައިވެއެވެ. މެޗު 1-0 އިން ރާއްޖެ ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ބޮޑުބައެއްގައި ގޯލު ބެލެހެއްޓީ މުހައްމަދު ޝަފީއު (ޗެކް)އެވެ. އިއްޔެ މެޗަކީ ސާފް ޗެމްޕިއަންޝިޕުގައި ޗެކް ކުޅުނު ފުރަތަމަ މެޗެވެ. އަދި އެ މެޗަކީ ގައުމީ ޖާޒީގައިވެސް ޗެކް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގެ ކުރީކޮޅުގައި ޗެކް ވެލެންސިއާ އަށް ފުލްކޮށް ކުޅެ، ލީގުގެ ފުރަތަމަ ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައިވެއެވެ.

އަނިޔާގެ ތަފްސީލު ސޯޝަލް މީޑިއާގައި ހާމަކުރަމުން ފައިސަލް ބުނެފައި ވަނީ ސަޕޯޓަރުންގެ ހެޔޮ ބަސްތަކާއި ހެޔޮ ދުއާއަށް ޝުކުރު އަދާކުރާ ކަމަށާއި، ﷲގެ އިރާދަފުޅުން ޓެސްޓުތަކުގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. ފައިސަލްގެ ޕޯސްޓުގައި ބުނެފައި އިރާދަކުރެއްވިއްޔާ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށާއި، ގައުމީ ޖާޒީގައި ފުރަތަމަ މެޗު ކުޅުނު ޗެކަށާއި ހަސަން ރާއިފް (ހަންނަ)އަށް މަރުހަބާ ކިޔާ ކަމަށެވެ.

އިއްޔެގެ މެޗުން މޮޅުވެ ރާއްޖެއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓު ލިބިފައެވެ. މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި ރާއްޖެ އޮތް އިރު، އެއްވަނައިގައި އޮތީ ނޭޕާލެވެ. ރާއްޖެއިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗަށް ރާއްޖެ ނުކުންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.