ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ހުސްވި އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގެ ރޭ މަރުވި މައްސަލައިގައި، އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މާލޭ ޖަލުގަައި ބަންދު ކޮށްފައި ހުއްޓާ މަރުވި މީހެއްގެ މައްސަލައިގައި އޭނާ ބޭސްފަރުވާއަށް އެދި އާދޭސްކުރަމުންދިޔަ ކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވާ ކަން ފާހަގަ ކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ފަދަ މައްސަލަ ތަކުގައި ނިޒާމް ހަމަޖެހިފައި އޮންނަނީ، އެފަދަ ރިޕޯޓެއް ކުރުމާ ގުޅިގެން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އިންޑިޕެންޑެންޓް ކޮށް އެ މައްސަލަ ބެލުން ކަމަށެވެ. އެއަށްފަހު ހިއުމަންރައިޓްސް ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރުމަށްފަހު، ކަރެކްޝަނުން ވަކި ރިޕޯޓެއް އަދި ހިއުމަންރައިޓްސް ކޮމިޝަނުން އެކަމާ ގުޅޭ ވަކި ރިޕޯޓެއް ނެރޭ ގޮތަށް ކަމަށެވެ.

އެ މައްސަލައިގައި އެ ދެފަރާތުން ނެރުނު ރިޕޯޓުގައިވެސް، އެކަމުގައި އެއްވެސް ފަރާތަކުން ފަރުވާ ކުޑަކޮށްގެން ނުވަތަ އަދާކުރަން ޖެހޭ ޒިންމާއެއް އަދާ ނުކޮށްގެން ޒިންމާ ވާން ޖެހޭ ކަމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެދުވަހު މަރުވި މީހާއަކީ މ. މަލަސް, އިސްމާއީލް ޝަބީން، 46، އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް ބުނާއިރު، މިއަހަރުވެސް ގާތްގަނޑަކަށް ހަތްފަހަރު ޑޮކްޓަރަށް ދައްކާފައިވާ ކަމެވެ.

ގައިދީންނަކީ އެހެން ފަރުދުންނެކޭވެސް އެއްފަދައިން ބަލިވެގެން ދިމާވާ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކަން ޖެހޭ ބައެއް ކަމަށާއި އެކަމަށް ފަރުވާ ކުޑަ ނުކޮށް ވޭތޯ ވަރަށް ބޮޑަށް ބަލަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ޑޮކްޓަރަށް ނުދެއްކޭ ކަމުގެ ޝަކުވާތައް އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރަށް ނުދެއްކި އުޅެނިކޮށް ޖަލުން މިނިވަން ވި މީހަކާ ގުޅޭ މައްސަލައެއް ބެލިއިރު އެ އަހަރުގެ ތެރޭގައި އޭނާ 40 ފަހަރު ޑޮކްޓަރަށް ދައްކާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.