ކުޅިވަރު

ފަހަތުން އަރައި ސްޕެއިން ބަލިކޮށް، ފްރާންސުން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ފަހަތުން އަރައި ސްޕެއިން ބަލިކޮށް، ފްރާންސުން ތަށި އުފުލާލައިފިއެވެ.

އިޓަލީގައި ރޭ ކުޅުނު ފައިނަލުގައި ފްރާންސުން ސްޕެއިންގެ މައްޗަށް ކުރި ހޯދީ، 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެވަނަ ހާފްގައެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ކޮލިޓީ މޮޅު ފުޓުބޯޅައެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައިރު، ހަމަލާތައްވެސް އުފައްދަމުން ދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގައި އެންޓޮއިން ގްރީޒްމަން އާއި އެމްޕާބޭ އަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރު ވެގެންނެވެ.

ސްޕެއިން އިން ލީޑު ނެގީ މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާ ތެރެއިން މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނެވެ. ސްޕެއިންގެ ކެޕްޓަން ސާޖީއޯ ބުސްކެޓްސް ދިން ހިތްގައިމު ޕާސް ކޮންޓްރޯލުކޮށް، އޭރިއާ ތެރެއަށް ވަދެ އޮޔާޒަބާލް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ.

ސްޕެއިނަށް ލީޑު ހިފަަހައްޓައިލެވުނީ ގާތްގަނޑަކަށް ދެމިނިޓު ވަންދެނެވެ. މެޗުގެ 66 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ވަނީ ފްރާންސަށް އެއްވަރުކޮށްދީފައެވެ. އެ ގޯލަކީ ހިތްގައިމު ގޯލެކެވެ. އޭރިއާ ރޮނގުކައިރިން ދުރުން ބެންޒެމާ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައި ވަނީ މަތީ ކަނަށެވެ.

ފްރާންސް މޮޅުވި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި އެމްބާޕޭއެވެ. ހެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. އެ ބޯޅައަށް މަސައްކަތް ކުރިއިރު އެމްބާޕޭ އޮފްސައިޑު ކަމަށް ސްޕެއިން އިން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ސައިޑު ނުވާ ކަމަށެވެ.

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސުން ނޭޝަންސް ލީގު ކާމިޔާބު ކުރުމާއެކު އެޓީމު ވެފައި ވަނީ އެ މުބާރާތުގެ ދެވަނަ ޗެމްޕިއަނަށެވެ. އެންމެ ފުރަތަމަ ޗެމްޕިއަނަކީ ޕޯޗުގަލްއެވެ. ނޭޝަންސް ލީގަކީ ޔޫރަޕްގައި ގައުމީ ޓީމުތައް ކުޅޭ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތެވެ.

ރޭ ވަނީ ނޭޝަންސް ލީގުގެ ތިންވަނަ ހޮވި މެޗުވެސް ކުޅެފައެވެެ. އިޓަލީން ބެލްޖިއަމްގެ މައްޗަށް އެ މެޗުގައި ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.