މިނިސްޓަރު އިމްރާން އަބްދުﷲ

"އޯޕަން ޕްރިޒެންްސް" ގާއިމު ކުރުމުން މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރު އިމްރާން

އިބްރާހިމް ޒަކީ

އޯޕަން ޕްރިޒަންސް ގާއިމު ކުރުމުން މިހާރު ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް ބޮޑޫ ބަދަލެއް އަންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑްރަގް މައްސަލަތަކުގައި ޖަލަށް ލާ ފަރާތްތައް އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، މަސްތުވާތަކެތީގައި ޖެހިފައިވާ ޒުވާނުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ބޮޑު ކަމަށެވެ.

އެފަދަ ޒުވާނުން ޖަލުގައި ހޭދަކުރާ މުއްދަތުގައި ރިހެބިލިޓޭޝަން ޕްރޮގްރާމާއި ވޮކޭޝަނަލް ޕްރޮގްރާމްތައް އެކަށީގެން ވާ ރަނގަޅު ފެންވަރަކަށް ނުހިންގުމުގެ ނަތީޖާއެއްގެ ގޮތުން، ޖަލުން ނިކުންނަ ކުދީން މަހެއްހައި ދުވަހުގެ ތެރޭގައި އަލުން ބަންދަށް ގެންދަން ޖެހޭ ސަބަބުތަކެއް މެދުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ އޯޕަން ޕްރިޒަންސް ކޮންސެޕްޓްގައި ޖަލެއް ހަދައި، ޖަލުގެ އިހުސާސް ނުކުރެވޭ ގޮތަށް އެތަނުގައި ރަނގަޅު ޕްރޮގްރާމްތަކެއް ހިންގުން ކަމަށްވެސް ވިދާޅުވިއެވެ. އޭރުން އެތަނުގައި ދެއަހަރު ނުވަތަ ތިންއަހަރު ވެގެން ނިިކުންނަ ކުދީން ރަނގަޅަށް ރިހިބިލިޓޭޓް ވެ ދުނިޔޭގެ ދިރުއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް އެކުދީންނަށް ދަސްވެ އޭގެ މައްޗަށް އެމީހުން ދިރިއުޅުން ބިނާކުރާނެ ގޮތްތަކެއް ހޯދައިދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ގިނަ ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހދ. ނޭކުރެންދޫގައި ކަރެކްޝަނަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ އެކަމާބެހޭ ތަފްސީލު މަޖިލިސް މެންބަރުންނާ ހިއްސާ ކުރެއްވިއެވެ.