އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގައި އިންޑިއާއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ނޭޕާލު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗު ނިމެން ދަނިކޮށް އިންޑިއާގެ ހަމައެކަނި ގޯލު އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ޖަހައިދިން އިރު، އެ ގޯލާއެކު އިންޑިއާ ވަނީ ފައިނަލުގެ އުންމީދު ދަމަހައްޓައިފައެވެ. ނޭޕާލުން އެޓީމުގެ ފުރަތަމަ ފައިނަލަށް އަދި ޖެހޭނީ އިންތިޒާރު ކުރާށެވެ.
މިރޭގެ މެޗު ދެޓީމަށްވެސް އޮތީ މުހިންމު ވެފައެވެ. މެޗަށް ނުކުތްއިރު އިންޑިއާއަށް ދެ މެޗުންވެސް މޮޅެއް ނުހޯދި އޮތުމަކީ މެޗު އިންޑިއާއަށް މުހިންމުވި ސަބަބެކެވެ. އަނެއްކޮޅުން ނޭޕާލަށް އޮތީ މެޗުން މޮޅުވެ، އެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމެވެ. މެޗަށް ނުކުތްއިރު މިހާތަނަށް މުބާރާތުގައި ކުޅެފައިވާ ދެމެޗުންވެސް ނޭޕާލު މޮޅުވެފައި އޮތް އިރު، އިންޑިއާ ބަލިކުރުންވެސް އެޓީމަށް އޮތީ ބޮޑު ޗެލެންޖަކަށް ވެފައެވެ.
ނޭޕާލާއި އިންޑިއާ މީގެކުރިން 21 މެޗެއްގައި ވާދަކޮށްފައިވާ އިރު، ނޭޕާލަށް މިހާތަނަށް އިންޑިއާ ބަލިކުރެވުނީ އެންމެ ދެ މެޗުންނެވެ. އެއީ 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގައާއި، 1993 ވަނަ އަހަރު ބަންގުލަދޭޝްގައި ކުޅުނު މުބާރާތެއްގައެވެ. ސާފަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގެ ކުރިންވެސް މި ދެޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗެއްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވެގެން ނިމުނު އިރު، އަނެއް މެޗުން މޮޅުވީ އިންޑިއާއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ފެނުނީ ހަމަލާތައް މަދު ހާފެއްގެ ގޮތުގައެވެ. އިންޑިއާއިން ޕާސްތައް ޖަހައިގެން ފުރަތަމަ މިނެޓުން ފެށިގެންވެސް އެޓޭކަށް ވިސްނަމުން ދިޔަ އިރު، ނޭޕާލުން ތިބީ ފަހަތުގައި މަޑު ޖެހިލައިގެންނެވެ. ނޭޕާލުން މެޗުގައި ސަމާލުކަން ދީފައި ވަނީ ކައުންޓާ އެޓޭކުގައި ހަމަލާތައް އުފެއްދުމަށެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތުގައި ނޭޕާލަށް އިންޑިއާއަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ހަނި ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ހާފު ނިމެންދަނިކޮށް އޭނާއަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އަރިމަތިން ސުރޭޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގައިވެސް ދެޓީމުން ފެނުނީ ހަމަ އެ ސްޓައިލުގެ ކުޅުމެކެވެ. އިންޑިއާއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ބޯޅައަކަށް މަސައްކަތް ކުރިއިރު ނޭޕާލުން ބެލީ ހަމަލާތައް ހުއްޓުވައި ކައުންޓާއަށް ފުރުސަތު ފަހި ކުރުމަށެވެ. މެޗުގެ 57 ވަނަ މިނެޓުގައި އިންޑިއާއިން އަނެއްކާވެސް ގޯލަކާ ގާތަށް ޖެހިލިއެވެ. ކަނާތް ފަޅިން ޔާސިރު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިންޑިއާގެ ފޯވަޑް މަންވީރު ސިންހް ބޮލުން ފޮނުވާލި ނަމަވެސް، ނޭޕާލުގެ ކީޕަރު ކިރަން ވަނީ ވަރަށް ހުޝިޔާރުކަމާއެކު އެ ބޯޅަ މަތަކޮށް ބޭރު ކޮށްލައިފައެވެ.
މެޗުގެ ފަހުކޮޅަށް ދިޔަވަރަކަށް އިންޑިއާއިން މެޗު އަވަސްކޮށް ގޯލަކަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިހާތަނަށް މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާއަށް މޮޅެއް ނުލިބި ތިން މެޗު ނިންމާލަން ޖެހުމަކީ މާޔޫސް ކަމަކަށްވާނެ އިރު، އެ އޮއިވަރު ބަދަލުކޮށްލަން އިންޑިއާއަށް ގޯލެއް މަޖުބޫރުވިއެވެ.
އެ މަސައްކަތުގައި އިންޑިއާގެ ޓީމުން އެންމެ ބުރަކޮށް މަސައްކަތް ކުރީ ޗެތުރީއެވެ. މެޗުގެ 77 ވަނަ މިނެޓުގައި އޭނާއަށް ލިބުނު ހުސް ފުރުސަތު ބޭކާރުވެގެން ދިޔަ އިރު، އިންޑިއާގެ ޕްރެޝަރު ކަނޑުވާލީ 83 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އިންޑިއާގެ އެ ގޯލަކީ އަރިމަތިން ބްރެންޑަން ނަގައިދިން ހުރަސް، ފާރޫކު ބޮލުން ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރެފައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ގޯލެކެވެ.
އެ ގޯލަށްފަހުވެސް އިންޑިއާއަށް ހަމަ ނޭވައެއް ލާން ނޭޕާލުން ފުރުސަތެއް ނުދިނެވެ. ފުލުފުލުގައި ދެ ހަމަލާއަކުން ނުރައްކާ ކުރިއެވެ. ތޭޖް ތަމަންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަންޖަން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔަ އިރު، ތަމަންގް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ.
މިރޭގެ ނަތީޖާއާއެކު އިންޑިއާ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެޓީމަށް ތިން މެޗުން ފަސް ޕޮއިންޓު ލިބިފައިވާ އިރު، ނޭޕާލު އޮތީ މިހާރު ދެވަނައިގައެވެ. އެއީ ދެމެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. މިވަގުތު އެއްވަނައިގައި ރާއްޖެ އޮތް އިރު، ރާއްޖެއަށްވެސް ލިބެނީ ތިން މެޗުން ހަ ޕޮއިންޓެވެ. ރާއްޖެ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ދެން ބާކީ އޮންނާނީ ދެ މެޗެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު ބަންގުލަދޭޝްއާއި ނޭޕާލް ވާދަކުރާ އިރު، އެރޭ އޮންނަ މެޗުގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް