އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ހަތްވަނަ މެޗުގައި ދިވެހި ރާއްޖެއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ މުބާރާތުގައި ރާއްޖެ ކުޅޭނެ ތިންވަނަ މެޗު. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ނޭޕާލު އަތުން 1-0 އިން. ދެން ކުޅުނު މެޗުގައި ރާއްޖެއިން ވަނީ 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައި. ފައިނަލަށް ދިއުމަށް މިއަދުގެ މެޗަކީވެސް ރާއްޖެއަށް ވަރަށް މުހިއްމު މެޗެއް. މިއަދުގެ މެޗަށްފަހު ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗަށް ނުކުންނާނީ އިންޑިއާއާ ދެކޮޅަށް. ލަންކާއަށް މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ އެންމެ ފަހު މެޗު. މިހާތަނަށް ލަންކާއިން ކުޅެފައިވާ އެއްވެސް މެޗަކުން އެޓީމުން މޮޅުވެފައި ނެތް ނަމަވެސް، އެޓީމުން ވަނީ އެންމެފަހުން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ޕޮއިންޓެއް ހޯދާފައި.

  • އަލީ ސުޒޭން - ރާއްޖެ

"ވަރަށް ބޮޑު، އަދި އުނދަގޫ ޗެލެންޖަކަށް ސްރީލަންކާ ވާނީ. އިންޑިއާއާ ދެކޮޅަށް ލަންކާ އިން ޓެކްޓިކަލް ޕްލޭން ކާމިޔާބުކުރި. ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ޓީމެއް. ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ. ޑިފެންސިވްކޮށް ވަރުގަދަ ޓީމެއް ލަންކާއަކީ. އަހަރެމެންގެ ސްޓައިލާ މުޅިން ތަފާތުވެސް ޓީމެއް. އަޅުގަނޑުމެން މި މެޗުގައި 100 ޕަސެންޓް ދީގެން، ޕޮއިންޓުތައް ހޯދަން މަސައްކަތް ކުރާނަން. އިހުތިރާމު ކުރަމުން ލަންކާއާ ކުރިމަތިލާނީ،"

"މިދިޔަ މެޗަށްފަހު ތައްޔާރީތައް ރަނގަޅަށް ދިޔައީ. ބޮޑަށް ރިކަވަރީގެ ބައި މިދިޔައީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އެންމެފަހުން މެޗުގައި ލިބުނު ނަތީޖާއާއެކު ވަރަށް ރަނގަޅަށް ޓީމުގެ ރޫހު އޮތީ. މެޗަކީ ހަވީރު ކުޅެވޭ މެޗެއް ވީމަ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ. އެކަމަކު ތައްޔާރަށް ޓީމު އޮތީ،"

  • އާމިރު އަލަގިޗް - ސްރީ ލަންކާ

"މި މެޗު އެއީ އަހަރެމެންނަށް އެންމެ އުނދަގޫ މެޗަށް ވާނެ. އެއީ އަހަރެމެން މި ނުކުންނަނީ ހޯސްޓް ކުރާ ޓީމާ ދެކޮޅަށް. ވަރަށް ކޮންފިޑެންސްގައި ރާއްޖެ އޮތީ. އެންމެފަހުން ކުޅުނު މެޗުގައި 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައި އޮތީ. އެ މެޗުގައި ރާއްޖެއިން ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެން ހިތްވަރު އާކުރާނީ އިންޑިއާ އަތުން ހޯދުނު ޕޮއިންޓުގެ އެހީގައި. އަދިވެސް އަހަރެން ގަބޫލުކުރަނީ އިންޑިއާއަކީ މި ރީޖަންގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި. ރާއްޖެއަށް އޮތީ މޮޅުވުން. އޭރުން ރާއްޖެއަށް ފައިނަލަށް ފުރުސަތު އޮތީ. އަހަރެމެންނަށް ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތް. އެހެންވީމަ ޕްރެޝަރު އޮންނާނީ ރާއްޖެއަށް. އެ ޕްރެޝަރުގައި ކުޅެމުންދާއިރު، އަހަރެމެންނަށް ލިބޭނެ ފުރުސަތެއް. ނޭޕާލަށްވެސް ލިބުނު އެ ފުރުސަތު. އަހަރެމެން މަސައްކަތް ކުރާނީ އެ ފުރުސަތަށް. ފެއާ ޕްލޭ މެޗެއް ފެނިގެންދާނެ،"