ގައުމީ ޓީމުގެ ފަހަތަށް ދިވެހީން ވަންނަ މަންޒަރަކީ އެންމެ ހިތްގައިމު މަންޒަރެވެ. ގައުމީ ފުޓުބޯޅައަށް ދޭ ލޯބީގައި، ވަކި ކުލައެއް، ވަކި ފިކުރެއް ނުބަލައި ގޮސް ޓީމަށް ހިތްވަރު ދޭ މަންޒަރު ހޯދަން ލައްކަ މަސައްކަތްވެސް ކުރެވިއްޖެއެވެ. ކޮންމެ ވެރިޔަކު ރާއްޖޭގައި ހުރި ނަމަވެސް ގައުމީ ޓީމަކީ ގައުމުގެ ރައްޔިތުންގެ ޓީމެއް ކަމަށް ހަދަންވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ. އެހެންނަމަވެސް އެ ވިސްނުމަށް ކިލަނބުކަމެއް މިދިޔަ ދުވަސްތަކުގައި އައިކަން ފާހަގަކުރެވިފައިވެއެވެ.

މީގެ ހައެއްކަ އަހަރު ކުރިން 2014 ވަނަ އަހަރުގެ ޗެލެންޖު ކަޕަށް ގައުމީ ސްޓޭޑިއަމްގެ ޓިކެޓުތައް ހުސްވެ، ބާރު ބޮޑުވެ، މަގު މަތީގައި ޓިކެޓުގެ އަގުތައް އަރައިގެން ދިޔައެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމުން ހިތްވަރާއެކު ކުޅެ، ރަނގަޅު ކާމިޔާބީއެއް ހޯދާފައިވާއިރު، އެ މުބާރާތް ނިންމާލައި ދަނޑުން ނުކުމެގެން ދިޔައީވެސް ހަމަ އުފަލަގައެވެ. ސަޕޯޓަރުންގެ ރޫހަށް ބަދަލެއް ނައިހެވެ. އެހެން ނަމަވެސް އެ ފަހުން ވިސްނުމަށް ބަދަލުތަކެއް އައެވެ. 2018 ވަނަ އަހަރުގެ ސާފަށް ގައުމީ ޓީމު ދިޔައިރު އޭރުގެ ކޯޗު ޕީޓާ ސެގަޓުގެ ފަރާތުން އައި ދެތިން ނިންމުމަކާއެކު ގައުމީ ޓީމުގެ ސަޕޯޓަރުން ނުރުހުންވިތަން ފެނުނެވެ.

އެ ނިންމުންތަކުގެ ތަފުސީލަށް ދާން ޖެހޭ ސަބަބެއް ނެތެވެ. އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުގައި ނުހިމަނައި އެފަހަރު މުބާރާތަށް ގޮސް، މުބާރާތުގެ ތަށި ނެގި ނަމަވެސް ރޫހެއް ނާދެއެވެ. ހިތާއި ހިތުގެ ގުޅުމެއް އުފައްދައެއް ނުލިއެވެ. ތަށްޓާއެކު ޓީމު ރާއްޖެ އައުމުންވެސް ދިވެހީންނަށް 2008 ވަނަ އަހަރުގެ ހިތްހަމަ ޖެހުމެއް ނައެވެ. ޓުވިޓާ އާއި ފޭސްބުކްގެ ވާހަކަތަކުން ވެސް، ގައުމީ ޓީމާމެދު ގިނަ ބައެއްގެ މާޔޫސްކަން ހުރިކަން ސާފުވިއެވެ. ސިޔާސީ ޕޯސްޓުތަކަށް މާ ބޮޑަށް ސަމާލުކަން ދެވުމާއި، ފުޓުބޯޅައިން ބޭރު "ފެކްޓާ" ތަކަށް އޭރު މާ ބޮޑަށް ސަމާލުކަން ދެވުނުތަން ފެނުނެވެ.

އެ ސާފް ޗެމްޕިއަންޝިޕްގެ ދެތިން އަހަރެއް ކުރިންވެސް ގައުމީ ޓީމާއި ސަޕޯޓަރުންނާ އޮތް ގައުމީ ރޫހުގެ ގުޅުން އޮތީ ގެއްލިފައެވެ. ބައިވަރު ސަބަބުތަކެއް އެކަމުގައި ވާނެކަން ޔަގީނެވެ. އެއިރުގެ ހާލަތުގެ ތެރެއަށް ޕެންޑަމިކް ވަދެ، އެއަށްވުރެވެސް ރައްޔިތުންނާއި ގައުމީ ޓީމު ދުރުވެފައި އޮއްވައި ދެން މި އައީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. ބަންގުލަދޭޝްގައި މުބާރާތް ބާއްވާ ގޮތަށް ކުރިން އޮތް ނަމަވެސް، ހާލަތު ބަދަލުވެ މުބާރާތް "ލެއްގީ" ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށަށެވެ. މިއީ ފުޓުބޯޅައިގެ ރޫހަށް ލިބުނު ނަސީބަކަށް ވެދާނެއެވެ. ޓިކެޓު ގަތުމާއި ދަނޑުގެ ފޯރިއަށް ބަލައި، މިއީ ހަގީގީ ރޫހުގެ ފަހަރެކެވެ.

ޕެންޑަމިކް ހާލަތުގައި ރާއްޖޭގެ ބަންދުގައި، އެތައް ތަކުލީފެއް، އެތައް ހިތްދަތި ކަމެއް ރައްޔިތުން ތަހައްމަލު ކޮށްފައިވަނިކޮށް ސާފް ޗެމްޕިއަންޝިޕް ވީ އެ ހަނދާންތަކާއި ދުރުވުމަށް މުހިއްމު މުބާރާތަކަށެވެ. އެކަން މުބާރާތުގެ ކުރިން ބައްސާމް އަދީލް ޖަލީލު ފާހަގަވެސް ކުރެއްވިއެވެ. އެކަން ކޮންމެވެސް ވަރަކަށް ހާސިލު ވަމުން އަންނަތަން ފެނެއެވެ. ދަނޑަށް 5000 މީހުން ވެއްދި ނަމަވެސް ގައުމީ ޓީމުގެ ތަރުހީބަށް ގޭގޭގެ ސިޓިން ރޫމްތައް ހާއްސަ ވެއްޖެއެވެ. އާއިލީ ގުޅުންތަކެއް އުފައްދައި، ކެފޭ ރެސްޓޯރެންޓްތައްވެސް މެޗު ގަޑިއަށް ފުރި ބާރުވާން ފަށައިފިއެވެ. ކުދި ބޮޑު އެންމެންނަށް އަނެއްކާވެސް ގައުމީ ޓީމު ހާއްސަ ވެއްޖެއެވެ.

އުފާވެރި މަންޒަރުތައް އަލުން ފެންނަން ފަށައިފިއެވެ. ދަނޑުގައި ގައުމީ ޓީމަށް ދޭ ސަޕޯޓުން ސިފަވީ 2008 ވަނަ އަހަރެވެ. މިހާތަނަށް މުބާރާތުގައި ރާއްޖެ ޖެހި ދެ ގޯލުންވެސް ހިތާއި ރޫހުން ދިވެހި ވަންތަ، ގައުމީ ލޯބި ފެނިގެން ދިޔައެވެ. ކުޅުންތެރިންނަށް އަލުން ގައުމީ ސަޕޯޓަރުންގެ ރޫހު އިހުސާސް ކުރެވުނު ކަހަލައެވެ. ކުޅުންތެރިންނާއި ކޯޗުގެ އާދޭހަކީ އަދިވެސް އެގޮތުގައި ތިބުމަށް ކުރެވޭ އާދޭހެކެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވެ ލިބުނު މާޔޫސްކަމުން ޓީމު ނަގައިދިނީ ގައުމީ ޖޯޝުގެ ސަޕޯޓަރުންނެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނާ ދޭތެރޭ އުންމީދު ކުރާށޭ، ޔަގީންކަން ބާއްވާށޭ. އިރާދަކުރެއްވިއްޔާ ކުޅުންތެރިން، ތި ބޭފުޅުން މާޔޫސްވިޔަކަ ނުދޭނޭ. ކެތްތެރިކަމާއެކު ޓީމުގެ ފަހަތުގައި ތިއްބަވާށޭ. ތި ބޭފުޅުން މާޔޫސްވާނެ ކަމެއް ޓީމުގެ ފަރާތުން އިރާދަކުރެވިއްޔާ ނާންނާނެ. ސަޕޯޓު ކުރުމުގެ ރޫހު އޮތްވަރު މި ފެންނަނީ އެންމެން ދަނޑަށް ވަންނަން ބޭނުން ވުމަކީ،" ކޯޗު އަލީ ސުޒޭން އިއްޔެ ބުނެފައިވެއެވެ.

ޓިކެޓު ނުލިބުނު ބަޔަކު އިއްޔެ މާޔޫސްކަމާއެކު އިހުތިޖާޖު ކުރުމާއި، 1000 ޓިކެޓަށް ފަސް ގަޑިއިރު ކުރީ ކިޔޫތައް ދަމާލުމުން މިފަހަރު ސަޕޯޓަރުން ތިބި ރޫހު ސާފުވެއެވެ. ހަގީގަތުގައި ނަޒަރިއްޔާތު ބަދަލުވުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މިހާރު ބަލަނީ ގައުމީ ޓީމަށެވެ. އާންމުންގެ އިހުސާސްތައް އަޑު އަހާލުމުން ސަޕޯޓުކުރަނީ ވަކި ވެރިޔަކު ހުރުމުން ނޫންކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ. ސަޕޯޓު ކުރަނީ މިއީ މަގޭ ގައުމީ ޓީމަށްވުމުން ކަމަށް ބުނަން ފަށައިފިއެވެ. އެއީ ވިސްނުމުގެ ހެޔޮ ފާލެކެވެ. މިއީ އަހަރެމެންގެ ގައުމީ ޓީމެވެ. ކެޕްޓަން އަކުރަމްއަބްދުލްޣަނީ ބުނެފައި ވަނީ "ލަންކާއާ ދެކޮޅަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި، ވަރަށް ބޮޑަށް ތައްޔާރުވެގެން މިތިބީ. އިންޝާ ﷲ މޮޅުވެގެން ދަނޑުން ފައިބައިގެން ދާނީ،" މިހެންނެވެ. އިންޝާ ﷲ ރާއްޖެއަށް އޮތީ ކާމިޔާބެވެ.