އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން އެންމެފަހުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަކީ މާޔޫސީ މެޗެއް ނަމަވެސް، އެކަމުގެ ހިތާމައިގައި ރޯން ތިބެވެން ނެތް ކަމަށް ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.
މުބާރާތް ހަތްފަހަރު ކާމިޔާބު ކޮށްފައިވާ އިންޑިއާއިން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅެގެން ވީ އެއްވަރެވެ. އެ މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ފަހު ހާފުގެ ބޮޑުބައިގައި ބަންގުލަދޭޝްއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުންނެވެ. އެ ޕޮއިންޓަކީ އިންޑިއާއަށް މާޔޫސީ ޕޮއިންޓެކެވެ. އޭގެ ފަހުން ލަންކާއާ ދެކޮޅަށްވެސް އިންޑިއާއިން ކުޅުނު މެޗު ގޯލެއް ނުޖެހި ނިންމާލަން ޖެހުނުއިރު، ކޯޗު ބުނެފައި ވަނީ އެ މާޔޫސްކަން ހަނދާން ނައްތާލަން ޖެހިއްޖެ ކަމަށެވެ.
"އިންޑިއާއަށް ލަންކާ މެޗަކީ މާޔޫސީ މެޗެއް. ބޮޑުކޮށްވެސް އެ މެޗުން މޮޅުވާން ޖެހޭ. އެކަމަކު ފަސޭހަ ހާލަތްތަކެއް އައިސްގެންވެސް އެ މެޗުގައި އަހަރެމެންނަށް ގޯލެއް ނުޖެހުނު. އެކަމާ ރޯން ތިބެވޭކަށް ނެތް. އެ ޕޮއިންޓާއެކުވެސް މުބާރާތުގައި ދެން އޮތް މަގުސަދަކަށް ބަދަލެއް ނާދޭ. މުބާރާތް ކާމިޔާބުކުރަން އަދިވެސް މަގުސަދަކީ. އެކަން ކުރަން ފުރުސަތުވެސް އެބަ އޮތް،" އިންޑިއާ ކޯޗު ސްޓިމަކް ބުނެފައިވެއެވެ.
އެންމެފަހުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސްޓިމަކް ވަނީ ލަންކާއިން މެޗުގެ ވަގުތު ދުއްވަން ކުރި މަސައްކަތަށް ފާޑު ކިޔައިފައެވެ. އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައިވެސް ސްޓިމަކް ބުނެފައި ވަނީ ލަންކާއިން އެކި ގޮތްގޮތަށް ބޭކާރު ކޮށް، އެ މެޗުގެ 20 ވަރަކަށް މިނެޓު ދުއްވާލި ކަމަށާއި، ކުރިއަށް އޮތް މެޗުގައި އެހެން ނުވާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ.
"އަހަރެން އުންމީދުކުރަން މި މެޗު ކުޅެން ޖެހެނީ ވަގުތު ބޭކާރު ނުކޮށް، ކުޅެން އުޅޭ ޓީމަކާ ދެކޮޅަށް ކަމަށް. ނޭޕާލުން ކުޅެމުން އަންނަނީ ރީތި ފުޓުބޯޅައެއް. ނޭޕާލު ވަރަށް ރަނގަޅަށް އެނގޭ. އޯޕަން މެޗެއް ފެންނާނެ. ރަނގަޅަށް ކުޅެފި ނަމަ މޮޅުވާނެ. އިތުރު އޮޕްޝަނެއް ނުވެސް ނެތް. އިންޑިއާއަށް އުންމީދު އެބަ އޮތް،" ސްޓިމަކް ބުންޏެވެ.
އިންޑިއާ ކޯޗު ބުނެފައި ވަނީ މުބާރާތުގެ ކުރިން އިންޑިއާއިން ނޭޕާލާ ދެކޮޅަށް ކުޅެފައިވުމަކީ ލިބޭނެ ފައިދާއެއް ކަމަށާއި، އެހެން ނަމަވެސް މުބާރާތުގެ ތާވަލުގައި ނޭޕާލު އޮތް ހިސާބަށް ބަލައި، އެޓީމުގެ ގޭމް ބަދަލު ކޮށްފާނެ ކަމަށެވެ. ސްޓިމަކް ބުނެފައި ވަނީ ނޭޕާލުގައި ކުޅުނު މެޗަކީ އެގައުމުގެ ހޯމްގައި ކުޅުނު ދެމެޗު ކަމަށްވުމުން، އެ ނަތީޖާއަށް ބަރޯސާވުމުގެ ޖާގަ ނޯންނާނެ ކަމަށާއި، މިއީ މުޅިން ތަފާތު ހާލަތެއް ކަމަށެވެ.
އިންޑިއާ އާއި ނޭޕާލް ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު