އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ ވާދަކުރާ މެޗު މާދަމާ ހަވީރު އޮންނައިރު، މެޗުގެ ޕްރެޝަރު އޮތީ ރާއްޖެއަށް ކަމަށާއި މެޗުގައި ލަންކާއަށް އޮތް ފައިދާއަކީ އެއީ ކަމަށް އާމިރު އަލަގިޗް ބުނެފިއެވެ.

އަލަގިޗްގެ ކޯޗުކަމުގައި މި މުބާރާތަށް ލަންކާ އައީވެސް ދަށް އުންމީދުތަކަކާ އެކުގައެވެ. އެގައުމުގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައިވެސް މިވަގުތު އަލިގިޗް ހުރިއިރު، އޭނާ ތަކުރާރުކޮށް ބުނެފައި ވަނީ ކުރަމުންދާ މަސައްކަތަކީ ދިގު މުއްދަތުގައި ލަންކާގެ ފުޓުބޯޅަ އަނެއްކާވެސް އުހަށް ގެންދިޔުން ކަމަށެވެ. އަލަގިޗް ކުރިންވެސް ބުނެފައި ވަނީ މިފަހަރުގެ މުބާރާތަކީ ލަންކާއަށް ތަޖުރިބާއެއް ކަމަށާއި މުބާރާތުން ސާބިތު ކޮށްދޭން ބޭނުން ވަނީ ލަންކާ އެނބުރި އަންނަމުންދާ ކަން ކަމަށެވެ.

މިހާތަނަށް ލަންކާއިން މުބާރާތުގައި ކުޅުނު ތިން މެޗުން ލިބިފައި ވަނީ ޕޮއިންޓެކެވެ. އެއީ އިންޑިއާ އަތުން ލަންކާ ހޯދި ޕޮއިންޓެކެވެ. ލަންކާއިން މާދަމާ ހޯސްޓް ގައުމާ ދެކޮޅަށް ނުކުންނައިރު، ފައިނަލުގެ އުންމީދު އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ގެއްލިފައެވެ. ރާއްޖެއަށް ފައިނަލަށް ދާން މާދަމާގެ މެޗު ގާތް ގަނޑަކަށް މަޖުބޫރެވެ.

"މާދަމާ މެޗު އެއީ އަހަރެމެންނަށް އެންމެ އުނދަގޫ މެޗަށް ވާނެ. އެއީ މާދަމާ އަހަރެމެން މި ނުކުންނަނީ ހޯސްޓް ކުރާ ޓީމާ ދެކޮޅަށް. ވަރަށް ކޮންފިޑެންސްގައި ރާއްޖެ އޮތީ. އެންމެފަހުން ކުޅުނު މެޗުގައި 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައި އޮތީ. އެ މެޗުގައި ރާއްޖެއިން ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެން ހިތްވަރު އާކުރާނީ އިންޑިއާ އަތުން ހޯދުނު ޕޮއިންޓުގެ އެހީގައި. އަދިވެސް އަހަރެން ގަބޫލުކުރަނީ އިންޑިއާއަކީ މި ރީޖަންގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި. ރާއްޖެއަށް އޮތީ މޮޅުވުން. އޭރުން ރާއްޖެއަށް ފައިނަލަށް ފުރުސަތު އޮތީ. އަހަރެމެންނަށް ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތް. އެހެންވީމަ ޕްރެޝަރު އޮންނާނީ ރާއްޖެއަށް. އެ ޕްރެޝަރުގައި ކުޅެމުންދާއިރު، އަހަރެމެންނަށް ލިބޭނެ ފުރުސަތެއް. ނޭޕާލަށްވެސް ލިބުނު އެ ފުރުސަތު. އަހަރެމެން މަސައްކަތް ކުރާނީ އެ ފުރުސަތަށް. ފެއާ ޕްލޭ މެޗެއް ފެނިގެންދާނެ،" އަލަގިޗް ބުންޏެވެ.

އަލަގިޗް ބުނީ ލަންކާގެ ފުޓުބޯޅަ ކުރިއަށްވުރެ ވަރުގަދަވެގެން ދިޔުމަކީ ސާފް ރީޖަނަށް ލިބޭނެ ކުރިއަރުމެއް ކަމަށާއި އުންމީދަކީ ދެން ހުރި ގައުމުތައްވެސް ފެންވަރު ރަނގަޅުވުން ކަމަށެވެ.

"މުޅި ސާފް ރީޖަންއަށްވެސް އަންނާނެ ކުރިއެރުމެއް ލަންކާގެ ކުޅުން ރަނގަޅުވެ، މި ރީޖަންގެ އެހެން ޓީމުތަކާ ހަމައަށް އައުމަކީ. އަހަރެން ބޭނުންވޭ މި ރީޖަންގައި ދެން އޮތް ޕާކިސްތާނާއި ބޫޓާންވެސް ކުޅުން ރަނގަޅުވާން. ފެންވަރު ރަނގަޅުވާން. މާދަމާ މެޗުގައިވެސް ނަތީޖާ ދާނެ ކޮޅެއް މިހާރު ނޭނގޭ. ތަރިން އޮވެ އިންޑިއާއަށްވެސް،" އަލަގިޗް ބުންޏެވެ.

އަލަގިޗް މުޅި ޕްރެސްގައި އެއްކޮށް ކަހަލަ ގޮތަކަށް ބޮޑަށް ދެއްކީ ރާއްޖެއަށް އޮތް ޕްރެޝަރުގެ ވާހަކައެވެ. އަލަގިޗް ބުނެފައި ވަނީ އަވޭގައި ކުޅެން ޖެހުމަކީވެސް ޕްރެޝަރު ކުޑަވާނެ ކަމަކަށް ވާނެ ކަމަށެވެ.

"މިސާލަކަށް މާދަމާ ދަނޑަށްވަދެ އެތައް ހާސް ބަޔަކު ސަޕޯޓުކޮށް، ހަޅޭލަވާނީ ރާއްޖެ މޮޅުވުމަށް ބޭނުންވެގެން. އެ ސަޕޯޓަރުން ބޭނުމެއް ނުވާނެ އިތުރު ނަތީޖާއެއް. އެކަމަކު ދަނޑަށް ވަންނަ ލަންކާ ސަޕޯޓަރުން ބޭނުންވާނީ ޓީމު ރަނގަޅަށް ކުޅެ މުބާރާތް ނިންމާލަން. މާ ބޮޑު އުންމީދެއް ނޯންނާނެ. އެހެންވީމަ މި ބުނަނީ ރާއްޖެއަށް އޮތީ ބޮޑު ޕްރެޝަރެކޭ. ބަންގުލަދޭޝް މެޗަށްފަހު އެ ޕްރެޝަރު އޮތީ ވަރަށް ބޮޑުވެފައި. އެއީ ފުޓުބޯޅައިގައި ވަރަށް އުނދަގޫވެސް ވާނެ ކަމެއް. ސަޕޯޓަރުން އޮތަސް މެންޓަލީ ބަލިނުވާނެ ތަޖުރިބާކާރު ކުޅުންތެރިން. ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިން އެބަތިބި،" އަލަގިޗް ބުންޏެވެ.

އަލަގިޗް ބުނީ ޓެކްޓިކަލީ މާ ގިނަ ވާހަކަތަކެއް ދެއްކެން ނެތް ކަމަށާއި ރާއްޖޭގެ އެންމެ ވަރުގަދައީ އެޓޭކު ކަމަށެވެ. އަދި ބަލިފަޔަކީ ޑިފެންސް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ލަންކާ އާއި ރާއްޖެ ވާދަކުރާ މެޗު މާދަމާ އޮންނާނީ ހަވީރު 4:00 ގައެވެ.