ރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގެއްކަމަށް ފުރަތަމަ ފަހަރަށް އ.ދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ، ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 48 ވަނަ ބައްދަލުވުމުގައެވެ.
އެކަމަށްޓަކައި، މޮރޮކޯ، ސްވިޒަލޭންޑް، ސްލޮވީނިއާ އަދި ކޮސްޓަރިކާ އާއެކު ރާއްޖެ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެގޮތަށް ފާސްކޮށްފައި ވަނީ، އެ ކައުންސިލުގައި ތިއްބަވާ 47 މެންބަރުންގެ ތެރެއިން 43 ގައުމަކުން ވޯޓު ދީގެންނެވެ. އެއާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ލާފައެއް ނުވެއެވެ.
މި އިންސާނީ ހައްގު ކަނޑައެޅުމަށް ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޖެނީވާގައި އެކި ވޯކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އ.ދ. ގެ އާންމު މަޖިލީހުގައި އެކަމަށް ތާއީދު ހޯދުމުގެ ގޮތުން ވަކާލާތު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެކަމަށްޓަކައި ރާއްޖެއާ އެކު މަސައްކަތްކުރި އެހެން ގައުމުތަކާ ގުޅިގެން ހުށަހެޅި ބަޔާންތަކަށް 69 އަށް ވުރެ ގިނަ އ.ދ. ގެ މެންބަރު ގައުމުތަކުން ތާއިދުކޮށްފައިވާ އިރު، އެކަމާބެހޭ ގަރާރު ފާސްކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ކުޑަކުދީންނާއި ޒުވާނުން އަދި 1300 އަށް ވުރެ ގިނަ މަދަނީ ޖަމިއްޔާތަކުން ވަނީ އ.ދ. އަށް ގޮވާލައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ނިންމާފައިވާ މިނިންމުމަކީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެއް ކަމަށެވެ.
"މި ނިންމުމުގެ ސަބަބުން ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއް ކަމަށް ގައުމުތަކުން ވަނީ ބަލައިގަނެފައެވެ. އަދި، ޖައްވު ސާފުކޮށް ބޭއްވުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުން ހުރި ވިހަ ގޭސްތައް ޖައްވަށް ބޭރު ކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ."
ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކާއި ބިން ތިރި އެހެން ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ތަހައްމަލުކުރަންޖެހިފައިވާ ގައުމުތަކަށް ވީހިނދު، މިފަދަ ހައްގެއް އ.ދ. އިން ކަނޑައެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ލިބިގަތުމަށާއި، އެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުނު މުހިންމު ނިންމުމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް މިހާތަނަށް 155 ގައުމެއްގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، މި ހައްގަކީ ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހައްގެއްކަންވެސް ފާހަގަ ކޮށްފައިވެއެވެ.
މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ދިވެހި ހާރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ފުރިހަމަކަމާއި، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ހާމަވެގެންދިޔަ ދަލީލެއް ކަމަށްވެސް ބުނެފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް