އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، މި ސީޒަނުގައިވެސް ބާސެލޯނާގައި މަޑުކޮށް، ހިލޭ ކްލަބަށް ކުޅޭނެ ކަމަށް އުންމީދު ކުރި ކަމަށް ރައީސް ޖޯއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ބާސެލޯނާގައި ހޭދަކުރުމަށްފަހު މެސީ ވަނީ މި ސީޒަނަށް އެ ކްލަބު ދޫކޮށްލައި، ޕީއެސްޖީ އަށް ބަދަލުވެފައެވެ. ކްލަބު ދޫކޮށްލަން މެސީ ނިންމީ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އޭނާގެ އާ ކޮންޓްރެކްޓުގައި ސޮއި ނުކުރެވިގެންނެވެ. މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.
މެސީ ބާސާއާ ވަކިވެ ދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. މިހާރު އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލު ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބު ކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
އެފަދަ ކުޅުންތެރިޔަކު ކްލަބު ދޫކޮށްލުމުން ބާސާއަށް މާޔޫސްކަން ވެރިވެފައިވާއިރު، ކްލަބުގެ ރައީސް ލަޕޯޓާ ވިދާޅުވީ މެސީ ދިއުމަކީ ބާސާ އާއި މެސީއަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ.
"މެސީ ދިއުމަކީ ބާސާ އާއި މެސީވެސް މާޔޫސް ވި ކަމެއް. އަހަރެން އެންމެ ފަހުވަގުތުވެސް އުންމީދުކުރިން މެސީ ޔޫ ޓާންއެއް ނަގާނެ ކަމަށް. ޔޫޓާން ނަގައި، މެސީ ބާސާއަށް ހިލޭ ކުޅޭނެ ކަމަށް އުންމީދުކުރިން،" ކަޓަލަން ރޭޑިއޯ އަށް ލަޕޯޓާ ވިދާޅުވެފައިވެއެވެ.
ލަލީގާގެ އުސޫލު ބުނާ ގޮތުން ކުޅުންތެރިއެއްގެ މުސާރަ އެންމެ ބޮޑަށްވެސް ކުޑަކުރެވޭނީ އޭގެ ކުރީ ސީޒަންގައި ކުޅެފައިވާ މުސާރައިގެ ދެބައިކުޅަ އެއްބައި މިންވަރަކަށެވެ. އެހެން ނޫންނަމަ ކުޅުންތެރިޔާ ލަލީގާގެ އުސޫލުން ރަޖިސްޓްރީއެއް ނުކުރެވޭނެ އެވެ. ލަޕޯޓާ ވިދާޅުވީ ބާސާއިން ލަލީގާގައި އެފަދަ ގޮތަކަށް އެކަން ކޮށްދޭން މެސީއާއެކު އެދުނު ނަމަ "މެސީއަށް ހިލޭ ބާސާއަށް ކުޅެވޭނެ" ގޮތެއް ހޯދޭނެ ކަމަށެވެ.
އެ ވާހަކަތަކާ އެކުގައިވެސް ލަޕޯޓާ ވިދާޅުވީ މެސީއަށް ކާމިޔާބަށް އެދޭ ކަމަށާއި، އޭރުގެ ހާލަތު އޮތް ގޮތުން މެސީއަށް ބާސާ ދޫކޮށްލަން މަޖުބޫރު ވީ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު