ކޮވިޑުގައި އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 234 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކޮވިޑު ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 73 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިއަދު މީހަކު މަރުވި އިރު، އިއްޔެ އައްޑޫ ސިޓީގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 97 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 234 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 217 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.