ނިއުކާސަލް ޔުނައިޓެޑަށް ފައިސާގެ ބޮޑު އީދެއް އަތުވެއްޖެ އެވެ. އިނގިރޭސި ލީގުގައި 19 ވަނައިގައި މިވަގުތު މޮޅެއް ނުލިބި އޮތް އޮތުން ބާއްވައި، ސަޕޯޓަރުން އަންނަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. ކްލަބަށް އޮތީ ފައިސާގެ ތިޔާގި ދުވަސްތައް ކަން ކްލަބުގެ ހުރިހާ ސަޕޯޓަރުންނަށް ޔަގީން ވެއްޖެއެވެ. ސައުދީ އަރަބިއްޔާގެ ސްޓޭޓް ސޮވެރިން ފަންޑު، ޕަބްލިކް އިންވެސްޓްމަންޓު ފަންޑުން ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ ގަނެފިއެވެ. އިންވެސްޓް ކުރުމަށް ފަންޑުގައި 320 ބިލިއަން ޕައުންޑުގެ އަދަދެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދައްކަނީ މިލިއަންގެ ވާހަކައެއް ނޫނެވެ. ބިލިއަނުގެ ވާހަކައެވެ. އާދަޔާ ހިލާފު ބޮޑު މުއްސަނދި ކަމެކެވެ.
މިއީ ނިއުކާސަލް ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ ވަގުތު ކޮޅެވެ. ނޫނީ މިއީ ނިއުކާސަލްގެ ޕީއެސްޖީގެ ވަގުތު ކޮޅެވެ. އެ ކްލަބުގެ ނަން، ތާއަބަދަށް ބަދަލުވެގެން ދާނީ މި ދަނޑިވަޅުގައެވެ. ބޮޑެތި އިންވެސްޓްމަންޓުތަކާއެކު ނިއުކާސަލްގެ މިސްރާބު ބަދަލުވެގެން ދިއުމުގެ ފެށުމަކަށް އެ ކްލަބުގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔައިފައެވެ. ނިއުކާސަލް ގަންނަން ޖުމުލަ 408 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، ޕަބްލިކް އިންވެސްޓްމަންޓު ފަންޑުގެ އިތުރުން ނިއުކާސަލްގެ ބޯޑުގައި މިހާރު ހިއްސާވަނީ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އާއި އާރްބީ ސްޕޯޓްސް އެންޑް މީޑިއާ އެވެ. ބޯޑަށް އައި ބަދަލަކީ 14 އަހަރުވީ މައިކް އެޝްލީގެ އެރާ އަށް އައި ނިމުމެވެ. އެ ނިމުން ނިއުކާސަލް ސަޕޯޓަރުން ބަލައިގަންނަނީ، އެޝްލީގެ ވެރިކަމަކީ ފެއިލިއާއެއް ކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރާތީ އެވެ.
މީގެ ކުރިންވެސް ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުއްލި މުއްސަނދިކަން އައިސްފައި ވެއެވެ. އެކަންކަމުގެ ތާރީހަށް ބަލައި، ނިއުކާސަލަށް ވެސް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް ބެލެވެއެވެ. ޗެލްސީގެ ސްޓެންފޯޑު ބްރިޖުގެ ދޮރުން ރަޝިއާ ބިލިއަނަރު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު ވަން ދުވަހަކީ އެޓީމަށް ވެސް ކުއްލި ބަދަލުތަކެއް އައި ދުވަހެވެ. އަބްރަމޮވިޗު ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި އޭރުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީއަށް ޖޯ ކޯލް އާއި ޑެމިއަން ޑަފް، ޖުއާން ސެބެސްޓިއަން ވެރޮން އަދި ގްލެން ޖޯންސަން އާއި ޖެރެމީ އެއްފަހަރާ ގެންދަން ޗެކު ފޮތް ހުޅުވާލިއެވެ.
އެ ހަރަދުތައް ކުރަމުން ގޮސް ޗެލްސީން ވަނީ މިހާތަނަށް ދެ ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށް، އަބްރަމޮވިޗްގެ ދެވަނަ ސީޒަންގައިވެސް ޗެލްސީން އިނގިރޭސި ޗެމްޕިއަންކަން ހޯދައިފައި ވެއެވެ. ދެން އޮތީ ސިޓީގެ ވާހަކައެވެ. ޑުބާއީގެ އަބޫދާބީ ގްރޫޕަކީ އަދި މާ އަވަހަށް ނަތީޖާ ދެއްކި ގްރޫޕެކެވެ. ސިޓީއާ ހަވާލުވެ 24 ގަޑިއިރު ތެރޭގައި ދުނިޔޭގެ ސުޕަސްޓާރެއް އެޓީމަށް ގެންދިޔައެވެ. އޭރު ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ރޮބީނިއޯ އެވެ. ކުއްލިއަކަށް ސިޓީން ބިޑު ނުކުރާ މީހެއް އެ ވަގުތު ކޮޅުގައި ނެތެވެ. ސަޕޯޓަރުންނާ އެކު 2008 ވަނަ އަހަރުން ފެށިގެން ސިޓީގެ އާ ވެރިން ކުރަމުން އައި މަސައްކަތުގައި އެތަކެއް މިލިއަނެއް ހަރަދުކޮށް، މިހާރު ވަނީ ޕްރިމިއާ ލީގުގެ ރަސް ކަމަށް އައިސްފައެވެ. ސިޓީގައި ދުނިޔޭގެ އެންމެ ވަރުގަދަ ތަމްރީނު ފެސިލިޓީތައް ހުރިއިރު، އެއީ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ބްރޭންޑެވެ.
އެހެންކަމުން ނިއުކާސަލްއަށްވެސް އޮތީ ސަޕޯޓަރުންނަށް އިތުބާރު ހޯދުމުގެ މަރުހަލާއެކެވެ. ފެއިލްވެގެން ދިޔަ 14 އަހަރު ހަޑި ސާފުކުރަން ވަގުތުވެސް ނަގާނެ އެވެ. އާ އުންމީދުތަކެއް ކުރަން ފެށި ސަޕޯޓަރުންނަށް ނަތީޖާ ނެރެދޭނީ އަވަހަށްތޯ، ނޫނީ ލަހުން، މަޑުމަޑުންތޯ ނިންމާނީ އާ ބޯޑުންނެވެ. އާ ބޯޑުގެ ޗެއާމަނަކީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާން އެވެ. އޭނާގެ ދަށުން މުޅި ބޯޑު ބަދަލުވަމުންދާނެ ކަމަށް ބެލެވޭ އިރު، ނިއުކާސަލްގެ މުއްސަދިކަން އަންދާޒާ ކޮށްލަންވެސް ދައްޗެވެ. ދެންމެ މި އަލިއަޅުވާލި ދެ ކްލަބުގެ މިލްކިއްޔާތާއި ނިއުކާސަލްގެ މިލްކިއްޔާތާ އަޅައި ކިޔޭ ވަރެއްވެސް ނޫނެވެ. ސިޓީ ގެ ވެރިންގެ މިލްކިއްޔާތުގައި 32.5 ބިލިއަން ޕައުންޑު ހުރިއިރު، ޗެލްސީގެ ވެރިޔާ އަބްރަމޮވިޗްގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް ނުވަ ބިލިއަން ޕައުންޑެވެ.
އެހެންކަމުން ނިއުކާސަލްގެ މުޅި އިންފްރާސްޓުރަކްޗާ އާއި އެކަޑެމީ ސިސްޓަމް ބަދަލުވެ ހަރުދަނާ ވާނެ ކަން ޔަގީނެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އެންމެ ބޮޑެތި ޓްރާންސްފާތައް ހިނގާނެއެވެ. ނިއުކާސަލްގެ ބޯޑުގައި ހިމެނޭ އެމޭންޑާ ސްޓެވެލޭވެސް ވަނީ އުންމީދުތަކުގެ މައްޗަށް ވާހަކަ ދައްކައިފައެވެ.
"10 އަހަރު ތެރޭގައި ޕްރިމިއާ ލީގު ހޯދަން މަސައްކަތް ކުރާނެތޯ؟ އެކަމަށް އޮތް ޖަވާބަކީ އާނއެކޭ. އެކަމަށް ވަގުތާއި މަސައްކަތް އަދި އެތައް ބައެއްގެ ކެތްތެރިކަން ބޭނުންވާނެ، އެކަމަށް މަސައްކަތް ކުރާނެ. ތައްޓަށްވެސް މަސައްކަތް ކުރާނެ. އެއީ ސަޕޯޓަރުން ބޭނުންވާނެ އެއްޗެއް. ސިޓީއާއި ޕީއެސްޖީގެ ދަރަޖައަށް ނިއުކާސަލް މިސްރާބު ހިފާނެ. އެ މަގާމަށް ނިއުކާސަލް ދާނެ،" އެމޭންޑާ ބުނެފައިވެއެވެ.
މިދިޔަ އަހަރުވެސް ސައުދީގެ ޝާހީ އާއިލާގެ، ޕްރިންސް މުހައްމަދު ބިން ސަލްމާން އިސްވެ ހުރެ ނިއުކާސަލް ގަންނަން މަސައްކަތް ކުރި އެވެ. ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ގަންނަން ހުށަހެޅުމުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވަނީ އެ ޑީލާ ދެކޮޅަށް ޕްރިމިއާ ލީގަށް އިންޒާރެއް ދީފައެވެ. އެމްނެސްޓީން ބުނެފައި ވަނީ ސައުދީން ކުޅިވަރު ފަދަ މަޝްހޫރު ކަންކަމަށް އިންވެސްޓް ކުރަނީ އެގައުމުން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމުގެ ގޮތުން ކަމަށެވެ. ހާއްސަކޮށް އެމްނެސްޓީން އެންމެ ބޮޑަށް ސައުދީއާ ދެކޮޅަށް އަޑު އުފުލަމުން އަންނަނީ ތުރުކީގެ ކޮންސިއުލޭޓުގައި މަރާލި، ސައުދީގެ ނޫސްވެރިޔާ ޖަމާލް ހަޝޯގީގެ މައްސަލައިގަ އެވެ. އެ މައްސަލަ އެފަދަ ގޮތަކަށް އޮއްވައި ސައުދީއަށް ބޮޑެތި އިންވެސްޓްމަންޓުތަކަށް ވަދެވޭތީ އެކަމާ ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ.
މިފަހަރު ޑީލް ނިމިގެން ދިޔުމާއެކު އެވާހަކަތައް އަލުން ފެންމަތިވެފައިވާއިރު، އެ ވާހަކަތަކަށް ޕްރިމިއާ ލީގުން ދިން ރައްދަކީ ޑީލް ފައިނަލް ކުރީ ސައުދީގެ އިންވެސްޓްމެންޓް ފަންޑަކީ ސަރުކާރާ ގުޅުމެއް ނެތް، ސަރުކާރުގެ އޮފިޝަލުން ހިއްސާވާ ފަންޑެއްތޯ ބަލައި، ފަންޑުގައި ސައުދީ އޮފިޝަލަކު ނެތުމުން ކަމަށެވެ. އެފަދަ ގޮތަކަށް ޕްރިމިއާ ލީގުން ބުނި ނަމަވެސް ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓު ފަންޑުގެ ޗެއާމަނަކަށް ޕްރިންސް މުހައްމަދު ބިން ސަލްމާން އިނުމުން އެކަމަށް ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޑީލް ނިންމާލީ އިނގިރޭސި ސަރުކާރުން، ބޮރިސް ޖޯންސަން ސައުދީއާ ގުޅުން ބަދަހި ކުރުމުގެ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ކޮންމެއަކަސް ޑީލްގެ ކަންކަން މިހާރު ވަނީ ނިމިފައެވެ. ފައިސާގެ ގޮތުން ނިއުކާސަލްއަކީ މިހާރު ދުނިޔޭގައި އޮތް އެންމެ މުއްސަނދި މާލިއްޔަތެވެ. ޕީއެސްޖީ އާއި ސިޓީ ކީއްކުރަން ހެއްޔެވެ. އެހެން އެއްވެސް ކްލަބަކާ ނިއުކާސަލްއާ މިހާރު މާލީ ގޮތުން އަޅައެއް ނުކިޔޭނެ އެވެ. ސައުދީން ގެނައި އާ ބޯޑަށް ފުރަތަމަ އޮތް ޓެސްޓަކީ ދެން އަންނަ ޖެނުއަރީ ޓްރާންސްފާ ސީޒަނެވެ. މާ ބޮޑެތި ޓްރާންސްފާތަކެއް ނޫން ނަމަވެސް، ނިއުކާސަލްއިން ތައާރަފު ވެލާނެ ކަމަށް ބެލެވެއެވެ. ކްލަބުގެ ލެޖެންޑުން ކަމަށްވާ އެލެން ޝިއެރާ ފަދަ ފުޓުބޯޅަ ތަޖުރިބާކާރު މަންޒަރަށް ގެނެސް، ކްލަބުގެ ނަން އުހަށް ގެންދަން މިހާރުވެސް ވަނީ މަސައްކަތް ފަށައިފައެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު