ޚަބަރު

އައްޑޫގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެ، ރާއްޖޭގެ ޖުމުލަ 233 އަށް

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެއެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިއަދު ހެނދުނު 7:50 ހާއިރު މަރުވެފައި ވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހާއަކީ ކޮވިޑު ބަލީގައި ހާލު ބޮޑުވެގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީން އައްޑު ސިޓީއަށް ގެންގޮސް، ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށްވެސް ބުންޏެވެ.

މިއީ އައްޑޫ ސިޓީގައި އެ ބަލިޖެހިން މަރުވި ހަތަރު ވަނަ މީހާއެވެ.

މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 233 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 216 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.