ސްރީ ލަންކާ ފުޓުބޯޅަ އެނބުރި އަންނަތަން ފެންނާނެ ކަމަށާއި، މިއަދުގެ މެޗުން ފާޑު ކިޔުންތެރިންނަށް ބޮޑެތި ރައްދުތަކެއް ދެވިއްޖެ ކަމަށް ލަންކާ ކޯޗު އާމިރު އަލަގިޗް ބުނެފިއެވެ.
މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމު އިންޑިއާއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ލަންކާ ޕޮއިންޓެއް ހޯދާފަައިވާ އިރު، މިއަދުގެ މެޗަކީ ލަންކާއިން ފަހުގެ ތާރީހެއްގައި އިންޑިއާ އަތުން ބަލިނުވެ ހިފަހައްޓާލި ފުރަތަމަ މެޗެވެ. މިއަދުގެ މެޗުގެ ކުރިން އިންޑިއާއިން އެންމެފަހުން ލަންކާ އަތުން ޕޮއިންޓެއް ހޯދީ 2003 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގައެވެ. މިއަދުގެ ނަތީޖާއާއެކު ލަންކާއަށް ފައިނަލުގެ ފުރުސަތު ހަނިވެފައިވީ ނަމަވެސް، ލަންކާ ކޯޗަށް މިއީ ބޮޑު މޮޅެކެވެ.
ލަންކާއިން އެންމެފަހުން ކުޅުނު 11 މެޗުންވެސް ބަލިވެފައި އޮތް އިރު، އަލަގިޗް އެގައުމުގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި، ކޯޗު ކަމާވެސް ހަވާލުވެ ނަތީޖާ ނުނެރެވި އޮތުންވީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމަކަށެވެ. ބަލިވި އެ މެޗުތަކުގެ ތެރޭގައި ދެކުނު ކޮރެއާއާއި ލުބުނާން އަދި މެލޭޝިއާ ފަދަ ޓީމުތައް ހިމެނުނު ނަމަވެސް އެގައުމުގެ ނޫސްތަކުން ވަނީ އަލަގިޗަކީ ބޭކާރު މީހެއްގެ ގޮތުގައި ސިފަކޮށް ފާޑު ކިޔައިފައެވެ. މިއަދުގެ މެޗަށްފަހު އޭނާ ރައްދު ދިނީ އެ މީހުންނަށެވެ.
"މި މުބާރާތަށް އައީ ދަސްކުރަން. އެކަން އަހަރެން ބުނީ އިހުލާސްތެރިކަމާއެކު، އެއީ އަހަރެން ހެދި ދޮގެއް ނޫން. ރަނގަޅު ލީގެއް ނެތި، ރަނގަޅު މެޗުތަކެއް ނެތި މުބާރާތަށް މިއައީ. މި ރީޖަންގައި އަހަރެމެން އޮތީ އަބަދުވެސް ފަހަތުގައި. އެހެން ޓީމުތައް ކުރިއަރަމުން ދިޔައިރު، އަހަރެމެން ތިބީ މަޑު ޖެހިފައި. އަހަރެން އެ ހިސާބުން ފެށީ ލަންކާ ގައުމީ ޓީމުގެ ކަންކަން ހަމައަކަށް އަޅުވަން. އެކަމަކު ދަސްކުރަމުންދާ މަރުހަލާގައި އަންނާނެ މަޑު ޖެހެން ޖެހޭ ހިސާބުތައް، އެހެންވީމަ މިރޭ އަހަރެމެންނަށް މަޑު ޖެހި ދަސްކުރުމުގެ މަރުހަލާ ހުއްޓާލަން ޖެހޭ،" އަލަގިޗް ބުންޏެވެ.
މިފަހަރުގެ މުބާރާތުން ލަންކާ އަންނަނީ މެޗަކަށްވުރެ މެޗެއް ރަނގަޅު ކުރަމުން ކަމަށާއި، އެ މަންޒަރާއެކު އޭނާ ބުނަން ބޭނުން ވާހަކައެއް އެބައޮތް ކަމަށް އަލަގިޗް ބުންޏެވެ. އެއީ މި ސަރަހައްދުގެ ފުޓުބޯޅަ ޔޫރަޕުގެ ކޯޗުންނާ ނުލައި ކުރި ނާރާނެ ވާހަކައެވެ. ހަގީގަތުގައި ސަރަހައްދުގެ ހުރިހާ ފަރާތްތަކުންވެސް ކުރަންވި ކަމަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށްވެސް އަލަގިޗް ފާހަގަކުރިއެވެ.
"ނަތީޖާއެއްގެ ބޭނުމުގައި މިދިޔަ 18 މަސް ދުވަހު އަހަރެން ލަންކާގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކޮންމެވެސް ގޮތަކަށް ފެންނަން ފަށައިފި. އަހަންނަށް ފާޑު ކިޔަން ލަންކާގައި ތިބި މީހުންނާ ކުރިމަތިލާން ބޭނުން. އެމީހުން ގޯސްކޮށް އެތައް ދުވަހަކު ކުރި ކަންތައް އަހަރެން މިދަނީ ރަނގަޅު ކުރަމުން. އެކަން އެމީހުން ގަބޫލުކުރަން ޖެހޭ. އެކަން ގަބޫލުނުކޮށް، އެއްވެސް ކަމަކުން ކަމަކާ ނުލައި އަހަންނަށް ފާޑު ކިޔަމުން ދިޔައީ. އަހަރެން މިއުޅެނީ މިއަދުގެ ނަތީޖާ ނަހަމަ ގޮތުގައި ބޭނުންކުރާކަށް ނޫން. އެކަމަކު އަހަރެން މިބުނަނީ މި ރީޖަންގެ ފުޓުބޯޅަ ކުރިއަރަން އަހަރެމެން ކަހަލަ ކޯޗުން ބޭނުންވާނެ. އިންޑިއާ ކޯޗާވެސް އަހަރެން އެވާހަކަ ދެއްކިން. އަހަރެން މި ބުނަނީ ޖެލެސް ވާންވީކީ ނޫނޭ އެކުގައި ކުރިއަށް އޮތް ޖީލުތަކަށް ފުޓުބޯޅަ ފައްކާ ކުރަންވީއޭ. ބޭރުގެ ކޯޗުން ގެނައުމަކީ ފައިސާގެ އިސްރާފެއް ކަމަށް ނުބުނެވޭނެ،" އަލަގިޗް ބުނެފައިވެއެވެ.
އަލަގިޗް ބުނީ ލަންކާއަކީ މިހާރު ޖޯކެއް ނޫން ކަމަށާއި ލަންކާގެ ފުޓުބޯޅަ އެނބުރި އަންނަތަން ދައްކާނެ ކަމަށެވެ.
"ސްރީލަންކާއާ ދޭތެރޭ އެއްވެސް ބަޔަކަށް މިހާރު ޖޯކު ނުޖެހޭނެ. ދެން އޮތީ ދެވަނަ ފޭސް. އޭއެފްސީ އޭޝިއަން ކަޕްގު މެޗުތަކަށް ތައްޔާރުކޮށް، ލީގު ރަނގަޅު ކުރުން. އެކަން ކޮށްގެން ކޯޗުންނާއި ކުޅުންތެރިންނަށް ލަންކާ ފުޓުބޯޅަ ހުޅުވާލަން ޖެހޭ. އަހަންނަށް އެނގޭ ލަންކާ ޓީމަކީ ޕޮސެޝަންގެ ގޮތުން އެންމެ ރަނގަޅަށް މެޗު ކޮންޓްރޯލު ކުރާ ޓީމު ނޫންކަން. އެކަމަކު ބަލާ މޮރީނިއޯއަށް، އެތައް ތަށްޓެއް ނެގި، މެޗުގެ ޕޮސެޝަނަކަށް ނުބަލާ. އަހަރެން އަޅާކިޔަނީކީ ނޫން، މިއީ މޮރީނިއޯއާ. ފުޓުބޯޅައިގައި އޮންނާނީ އެންމެ ސްމާޓު ގޮތެއް ހޯދުން. އެކަން މިކުރީ މިއަދުގެ މެޗުގައި. ލަންކާ ފުޓުބޯޅަ އެނބުރި އަންނަތަން ދައްކާނަން،" އަލަގިޗް ބުނެފައިވެއެވެ.
ލަންކާއަށް ދެން މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ރާއްޖެއާ ދެކޮޅަށް ދިހަވަނަ ދުވަހު ހަވީރު ކުޅޭ މެޗެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް